- އެކެއް ފެބުރުއަރީ އަމުރު ތަންފީޒުކުރާކަށް ނުޖެހޭ
- ގާނޫނު އަސާސީގެ ހައްގުތައް ރުޖޫއަކޮށްދީފިން
- މައްސަލައަށް އޮތް ހައްލަކީ މަޝްވަރާކުރުން
ރާއްޖެއަށް ކުރިމަތި ވެގެން އުޅޭނީ ދާހިލީ މައްސަލަތަކެއް ކަމަށާއި އެކަން ހައްލު ކުރާނީ ދިވެހީން އަމިއްލައަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް 45 ދުވަހަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލުމާ ގުޅިގެން، ސަރުކާރުން ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު، ގާނޫނުއަސާސީގައި ބުނާ ހުރިހާ ހައްގުތަކެއް މިހާރު ރުޖޫއަ ކޮށްފައިވާ ކަމަށާއި ކަންކަން އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަން ނިންމާފައިވަނީ އަދި ކުރިއަށް އޮތް ތަނުގައިވެސް ނިންމަމުންދާނީ ރައްޔިތުންގެ މަސްލަހަތުގައިކަން ކަށަވަރުކޮށްދޭ ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ، ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ނުޖެހޭނެ ކަމަށާއި އެކޯޓު އަމުރުގެ އެއްބައި ސުޕްރީމް ކޯޓުން ބާތިލްކޮށް، އަނެއް ބަޔަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، ރާއްޖެގައި ދިމާވެފައިވާ ސިޔާސީ ކަންކަން ހައްލު ކުރުމަށް އޮތީ މަޝްވަރާ ކުރުން ކަމަށާއި އެކަމަށް އަދި ވެސް ބާރުއަޅާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް އެތައް ފަހަރަކު ސަރުކާރުން ދައުވަތު ދީފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށާއި އެގޮތުން ގާނޫނު ހިފެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަމުރު ތަންފީޒު ކުރަން ނުޖެހޭ ކަމަށް ސަރުކާރުން ގޮވާލާފައިވާއިރު މިއަދު އީޔޫ އިން ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލައި، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައި ވެއެވެ. ރޭ އިންޑިއާއިން ވެސް ވަނީ އެކަމަށް ގޮވާލާ ބަޔާނެއް ނެރެފަ އެވެ.