ހަބަރު

އެސްއޯއީ އުވާލުމުން މަރުހަބާ، ވާހަކަ ދައްކައިގެން ހައްލު ހޯދާ: ޗައިނާ

ރާއްޖޭގައި އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޗައިނާއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެސްއޯއީ އުވާލުމުން އެކަމަށް ޗައިނާ ސަރުކާރުން މަރުހަބާ ކިޔާ ކަމަށް އެގައުމުގެ ފޮރިން މިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިން ވިދާޅުވި ކަމަށެވެ. ރާއްޖެއާ ބެހޭ ގޮތުން އޭނާ ވާހަކަފުޅު ދެއްކެވީ މިއަދު ބޭއްވެވި
ނޫސްކޮންފަރެންސެއްގައެެވެ.

" ޗައިނާއިން ގަބޫލުކުރަނީ ހިޔާލުތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކުރާނެ ހިކުމަތްތެރިކަމާއި ގާބިލުކަން ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތަކުގައި ހުންނާނެ ކަމަށް. އަދި ރާއްޖޭގައި ސިޔާސީ ހަމަޖެހުމާއި އިޖުތިމާއި ހަމަޖެހުން ގުޅިގެން ދަމަހައްޓާނެ ކަމަށް،" ހުއާން ޗުން ޔިން ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެންް ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ފަހު އުވައިލީ އިއްޔެ އެވެ. ކުއްލި ހާލަތު އުވައިލުމުން އަވަށްޓެރި އިންޑިއާއިން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެއާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވަތަ ހޯދިފައިނުވާ ކަމަށެވެ.

ރާއްޖޭގައި މިފަހަރު އުފެދުނު ސިޔާސީ ގަޑުބަޑުގެ މަައްސަލައިގައި ޗައިނާއިންް ކުރިއްސުރެ ބުނަމުން އައީ އެމައްސަލަ ހައްލުކުރަންޖެހޭނީ ރާއްޖޭގެ އެތެރެއިން ކަމަށެވެ. ރާއްޖޭގެ މައްސަލައިގެ ތެރެއިން އިންޑިއާއިން ވަންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭރުގައި ގޮވައިލެއްވިއެވެ. އަދި އެ ގޮވައިލެއްވުމާ އެއްގޮތަށް އިންޑިއާއިން އަމަލުކޮށްފާނެ ކަމަށް ބެލެވިގެން ޗައިނާއިން އޭރުގައި އިންޑިއާއަށް އިންޒާރުވެސް ކުރިއެވެ.