ދުނިޔެ

މަލާލާ ޕާކިސްތާނަށް ގޮސް ބޮޑުވަޒީރާ ބައްދަލުކޮށްފި

ނޯބެލް ސުލްހައިގެ އިނާމު ހޯދި އެންމެ ހަގު ކުއްޖާ އަދި އަންހެންކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީ އޭނާއަށް އަމާޒުވި ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ގޮސް އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކޮށްފިއެވެ.

ޕާކިސްތާނުގެ ސުވާތު ވާދީގައި މަލާލާ ދިރުއުޅުނު ސަރަހައްދުގައި ސްކޫލު ބަހެއްގައި އިންދާ އޭނާ މަރާލަން ތާލިބާނުން ހަމަލާ ދިނީ 2012 ވަނަ އަހަރުއެވެ. އެހަމަލާގައި ފުރާނައަށް ނުރައްކާ ވާފަދަ ޒަހަމްތައް ލިބިފައި ވަނިކޮށް މަލާލާ އިނގިރޭސިވިލާތަށް ގެންދިޔަ ފަހުން އޭނާ ދިރިއުޅެމުން އައީ އިނގިރޭސިވިލާތުގައެވެ.

ބައިނަލް އަގުވާމީ މުޖުތަމައުން ، ހާއްސަކޮށް ހުޅަނގުންް ގަބޫލުކުރާ ގޮތުގައި ތާލިބާނުން މަލާލާއަށް ހަމަލާ ދިނީ އޭނާ އަކީ އަންހެންކުދިންނަށް ތައުލީމުދޭން ގޮވާލާ ކުއްޖަކަށް ވާތީ ކަމަށެެވެ. އުމުރުން އެންމެ 15 އަހަރުގައި މަލާލާއަށް ދިން ހަމަލާގެ ބަހަނާއަކަށް ތާލިބާނުން އޭރު ބުނީ ސުވާތުވާދީގައި ހުޅަނގުގެ ގޮތްތައް ފަތުރަން މަލާލާ މަސައްކަތް ކުރި ކަމަށެވެ.

މަލާލާއަށް ދިން ހަމަލާއަށް ފަރުވާ ކުރި އިރު އޭނާގެ ބޮލުގެ ނާށިގަނޑުން ނަގައި، ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އޭނާއަށް ފަރުވާ ކުރަން ހަަރަދުކުރީ އިނގިރޭސި ސަރުކާރުންނެވެ.

މަލާލާ މިފަހަރު ޕާކިސްތާނަށް ދިޔައީ ހަތަރު ދުވަހަށެވެ. އޭނާއާ އެކު އޭނާ ހިންގާ ޖަމިއްޔާއެއް ކަމަށްވާ " މަލާލާ ފަންޑް"ގެ ބައެއް އޮފިޝަލުން ވެސް ދަތުރުގަައި ބައިވެރިވި ވިއެވެ.

ޕާކިސްތާނުގެ ޑޯން ނޫހުން ބުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚަގަން އައްބާސީއާ ބައްދަލުކުރީ އައްބާސީގެ އޮފީހުގައި މިއަދު ކަމަށެވެ. އަންހެން ކުދިންގެ ހައްގުތައް ހޯދައިދޭން މަަލާލާ ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކުރެއްވުމަށް އައްބާސީ ބާއްވަވާ ހަފުލާއެއް ވެސް އެ އޮފީހުގައި މިއަދު އޮންނާނެ ކަމަށް އެނޫހުން ބުންޏެވެ.