ވިޔަފާރި

ބާޒާރުގެ މަގުތަކަށް ލުޔެއް، ވިޔަފާރިވެރިން ނުރުހިފައި

Apr 1, 2018
2

މުދާ އުފުލާ ގަޑިއަށް ސަރުކާރުން މިއަދު ގެނައި ބަދަލާއެކު "ދޫކަމެއް" ފެންނަނީ މަގު މަތިންނެވެ. ކުރިން ހަލަބޮލިކޮށް އޮތް ބާޒާރު މަތިން މިހާރު ފެންނަނީ ފަސޭހަ ކަމެވެ. ނަމަވެސް މި އުސޫލުގެ ސަބަބުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭ އެއް ބަޔަކަށް ވެފައިވަނީ މުދާ އުފުލުގެ ހިދުމަތް ދިނުމުގައި އުޅޭ މަޖޫރީންނެވެ.

"އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ މިގޮތަށް. ރޭގަނޑު މުދާ އުފުލަން ޖެހުމަކީ ޖެހޭ އުނދަގުލެއް. ބޭނުންވަނީ ކުރިން އޮތް ގޮތަށް މިކަން ބަދަލު ކުރަން،" އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީއަކު ބުންޏެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް ސަރުކާރުން އަލަށް ނިންމާފައިވަނީ މުދާ އުފުލޭނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭ ގޮތަށެވެ. މި ބަދަލު ގެންނައުމާއެކު ދުވާލު ގަޑީގައި މާލެ ވިޔަފާރި ބަނދަރުން މުދާ ހިފައިގެން ދަތުރުކުރާ ބޮޑެތި ލޮރީތަކާއި މާލޭގެ ފިހާރަތަކަށް މުދާ ގެންނަ އުޅަނދުތަކުގެ މަސައްކަތް ރޭގަނޑުގެ ގަޑިތަކަށް ވަނީ ބަދަލު ވެފަ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވިޔަފާރިވެރިންގެ ހިޔާލު ވެސް ހޯދާފަ އެވެ. ކުރިން މި ބަދަލު ކުރިން އޮތީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އޮތް ގޮތް ބަދަލުކޮށް މުދާ އުފުލާ ގޮތަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަނގަޑު، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ގެ އެޅުމަށް ބޭނުންކުރާ ގަލާއި ފެންކޭސް ފަދަ މުދާ އެއްތަނުން އަނެއްތަނަށް އުފުލޭނީ ހަވީރު ހައެއްގެ ފަހުންނެވެ. ނަމަވެސް ޑެލިވަރީގެ ގޮތު އުފުލާ ކައްކާ ގޭސް ހެނދުނު 8:30 އިން މެންދުރު 11:00 އަށް އުފުލޭނެ އެވެ. އާންމުކޮށް މުދާ އުފުލާ ގަޑީގައި ވެސް ގޭސް އުފުލޭނެ އެވެ.

މަޖޫރީން މަސައްކަތް ހުއްޓާލާފަ

އާ އުސޫލަން އަމަލު ކުރަން ފެށުމާއެކު، މަޖޫރީން މިހާރު ތިބީ މަސައްކަތް ހުއްޓައިލައިގެންނެވެ. މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ މަޖޫރީން "ބޮޑާ ދައްކާ" ސަބަބަކީ ގަޑި ބަދަލު ކުރުމެވެ. މިހާރު ގަޑިއަށް ގެނައި ބަދަލާއެކު މަޖޫރީން ދުވާލުގެ ގަޑިތަކުގައި ކުރަން ޖެހޭނެ މަސައްކަތަކީ ވިޔަފާރި ބަނދަރަށް އަންނަ އޮޑި ފަހަރަށް މުދާ އެރުވުމުގެ މަސައްކަތެވެ.

މަޖޫރީއެއް ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން އެ މީހުންގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ރޭގަނޑު މަސައްކަތް ކުރަން ޖެހުމެވެ.

"އަންބިދަރިންގެ ކައިރީގައި ތިބެލަން މި ލިބެނީ ރޭގަނޑު. އެ ގަޑި މި ގެއްލުނީ. އެހެންވެ މަސައްކަތް ނުކުރަން މި ތިބެނީ،" ނަން ނުޖެހުމަށް އެދި މަސައްކަތް ކުރި މީހަކު ބުންޏެވެ.

މި ބަދަލާއެކު ވިޔަފާރިވެރިން ބުނެފައިވަނީ މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދޭން ޖެހޭނެ އެވެ. އޭގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދުތައް އިތުރު ވެގެންދާނެ ކަމަށެވެ.

މަޖޫރީންނާއި ވިޔަފާރިވެރިންގެ ހިތްހަމަ ނުޖެހުން އޮތަސް ހަމަ ގައިމުވެސް މަގުތައް މިހާރު ފެންނަނީ އަމާންކޮށެވެ. ކާރުބާރު ބޮޑު ބާޒާރުމަތިން ލުއިކަން ފާހަގަ ކުރެވެ އެވެ.