ވިޔަފާރި

ރޭގަނޑު މުދާ އުފުލަން ތާއީދު، މި ބަދަލު ގެންނަން ޖެހޭ: ލިލީ

Apr 2, 2018
16

މުދާ އުފުލޭ ގަޑި ރޭގަނޑަށް ބަދަލު ކުރުމާށް ނިންމުން ރަނގަޅު ކަމަށާއި މި ބަދަލު ގެންނަން ޖެހޭ ކަމަށް ލިލީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކުރާ ލިލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "އަވަސް" އަށް ވިދާޅުވީ މާލޭގައި މިހާރު ޓްރެފިކް މައްސަލަ އޮތް ގޮތަށްބަލާއިރު ސަރުކާރުން ގެނެސްފައިވާ ބަދަލަކީ ވިޔަފާރިތަކަށް ވެސް ޕޮޒިޓިވް ކަމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.

"މި ބަދަލު ސަރުކާރުން ގެނައުމުން އަޅުގަނޑުމެން ގްރޫޕުން ބޭއްވީ މީޓިންއެއް. ސޭލްސް މަނުންނާއި މެނޭޖަރުންނާއެކު.އެ މީޓިންގައި މުވައްޒަފުން ވެސް ބުނި ދަތިވާނެއޭ އެކަމުން. ނަމަވެސް އަޅުގަނޑު ބުނިން މި ބަދަލު ގެންނަން ޖެހޭ އެބަ. މީގައި އަޅުގަނޑުމެން ޖެހޭނީ ޝިފްޓް ވާކިން އަށް ބަދަލު ކުރުމޭ،" އާމިރު ވިދާޅުވި އެވެ.

މުދާ ހިފައިގެން ދަތުރުކުރާ އުޅަނދު ފަހަރުން މުދާ އުފުލުން ރޭގަނޑަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުކޮށްފައި ވަނީ އިއްޔެ އެވެ. މި ބަދަލާއެކު މިހާރު މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ. މި ބަދަލުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ނަމަވެސް، ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީގެ އެމްޑީ އާމިރު ވިދާޅުވީ މި ބަދަލަކީ ޕޮޒިޓިވް ބަދަލެއްގެ ގޮތުގައި ހުރިހާ މީހުން ވެސް ދެކެން ޖެހޭ ކަމަށެވެ.

"ރަނގަޅު ވާހަކައެއް އަޅުގަނޑުމެން [ވިޔަފާރިވެރިންނަށް] ދަތިވޭ. އެކަމަކު މި ބަދަލަށް ހަމަ ގައިމު ވެސް އާއްމުން ހިތްހަމަ ޖެހޭ. އެ ވާހަކަ ދައްކާ. މިއީ އަޅުގަނޑުގެ ހިޔާލު. ކުރިން ސްކޫލް ދޮށަށް ދާއިރު ސައިކަލްގެ ފަހަތުގައި ދަރިފުޅު ބައިން ދައިގެން ގަޑިއެއްގެ އިރު އެބަވޭ ބޮޑެތި ލޮރީ ތަކާހެދި. ހެސް ކިޔާފަ ދުން އަރުވާ. އެކަމަކު މިހާރު އެކަން ބަދަލު ވެއްޖެ. އެހެންވެ މިއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ދެކެން ޖެހެނީ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މިހާރު ބައެއް މީހުން މިކަމާ ކަންބޮޑުވުން ތަކެއް ހުރިނަމަވެސް ދުވަސްކޮޅަކުން މިކަން ހަމައަކަށް އެޅޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހަމަ ޔަގީނުންވެސް މިއީ ބިޒްނަސް ޕީޕަލްސް އަށް ރަނގަޅު ކަމެއް. އެއް ރޭ މިގޮތަށް މި ޑެލިވަ ކުރީ. މީގެން ފެނުނީ ޕޮޒިޓިވް ކަންކަން. އަޅުގަނޑުމެން މިއީ އެންމެ ގިނަ ލޮރީ އާއި އެންމެ ގިނަ ވޭން ގެންގުޅޭ އެއް ކުންފުނި. އަޅުގަނޑުމެންނަށް ފާހަގަ ވަނީ ފަސޭހަ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ވިޔަފާރި ބަނދަރަށް ދޯނި ކައިރި ކުރުން ދުވާލު ގަޑި އަށް ބަދަލު ކުރުމަކީ އަދި ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ.

"ކުރިން އޮތީ ބޮންޑެޑް ވެއާ ހައުސް އިން މުދާ ދޫކުރާ ގަޑި ހަވީރަށް. އެކަމަކު މިހާރު އެކަން ވެސް ރޭގަނޑު 10:00 އަށް ބަދަލުކޮށްފަ. އެހެންވެ މިހާރު އެކަން ވެސް ފަސޭހަ ވެގެން ދިޔައީ،" އާމިރު ވިދާޅުވި އެވެ.