ހަބަރު

ކަރަންޓު ބިލް މި ދުވަސްވަރު ބޮޑުވަނީ ހޫނު ގަދަ ކަމުން: ސްޓެލްކޯ

Apr 3, 2018
19

ކަރަންޓު ބިލްތައް މި ދުވަސްވަރު ބޮޑުވެފައިވަނީ ހޫނު ގަދަވެ، ކަރަންޓު ބޭނުންކުރާ އަދަދު މަތިވުމުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ނިޒާމު ވިދާޅުވީ މި ދުވަސް ވަރަކީ އަހަރު ދުވަހުގެ ތެރޭގައި އެންމެ ހޫނު ގަދަ ދުވަސްތައް ކަމަށެވެ.

"ފެބްރުއަރީ މަހުން ފެށިގެން ހޫނު މަތިވޭ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ އަދަދު ވަރަށް އަވަހަށް މަތިވޭ. ބައެއް ބޭފުޅުން ސުވާލުކުރޭ ގޭގައި ކުރިން ވެސް ބޭނުންކުރާ އެއްޗިއްސޭ މި ބޭނުންކުރަނީ. އައިސް އަލަމާރިއަކާއި ފަންކާ ނޫނީ އޭސީ ފަދަ އެއްޗިއްސޭ. އެކަމަކު ކަރަންޓު ބިލް ބޮޑުވަނީ ކީއް ވެގެން ހޭ؟ މީގައި ދަންވާލަން ޖެހެނީ އައިސް އަލަމާރި އަކީ އެންމެ ގިނަ އިން ކަރަންޓު ބޭނުންކުރާ އެއްޗިހި. މި ފަދަ އެއްޗިހިން ގިނަ އެނާޖީ ބޭނުން ކުރޭ. އެހެންވެ ބިލް ތަކަށް ބަދަލު އަންނަނީ،" ނިޒާމު ވިދާޅުވި އެވެ.

ކަރަންޓު ބިލްތައް ބޮޑުވުމާ ބެހޭ ގޮތުން ސްޓެލްކޯ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި މިވަނީ ކަރަންޓު ބިލް ބޮޑުވާ ކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ ކަރަންޓު ބިލުތައް ގޭގެއަށާއި އޮފީސްތަކަށް އައިއިރު އާންމު ގޮތެއްގައި ބިލަށް އަރާވަރަށް ވުރެ ގާތްގަނޑަކަށް 1000 އެއްހާ ރުފިޔާ އަދި ބައެއް ތަންތަނުގައި އެއަށް ވުރެ ވެސް ކަރަންޓް ބިލް ވަނީ ބޮޑުވެފަ އެވެ. އަދި އެ މައްސަލައިގަ ބައެއް ފަރާތްތަކުން "އަވަސް" އަށް ގުޅައި ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

އެގޮތަށް ކަންބޮޑުވުން ފާޅުކުރި ބައެއް ފަރާތްތަކުން ނަން ނުޖަހާ ގޮތަށް ބުނީ މިދިޔަމަހު ވެސް ކަރަންޓް ބޭނުންކުރީ އެއްވަރަކަށް ކަމަށާއި ކަރަންޓް ބިލް ބޮޑުވާން ޖެހޭ ސަބަބެއް އެ މީހުންނަށް ނުވިސްނޭ ކަމަށެވެ. އަދި ކަރަންޓްގެ އަގު ކުޑަވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ކަރަންޓްގެ އަގުބޮޑުވެ އޭގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށް ޝަކުވާ ކުރި މީހުން ބުންޏެވެ.

ސްޓެލްކޯގެ ޑިރެކްޓަރު ނިޒާމު މިއަދު ވިދާޅުވީ ކަރަންޓު ބިލް ބޮޑުވުމަށް އެންމެ ބޮޑަށް ބާރުއަޅާ ތަކެއްޗަކީ އޭސީ އާއި އައިސް އަލަމާރި ފަދަ ތަކެތި ކަމަށެވެ.

"ބޭރުގައި [ގެއިން] މި ހުންނަނީ 32 ޑިގްރީގައި. މިހެން ހުއްޓައި އޭސީގެ ފިނިކަން 20 އަށް ނޫނީ 19 ޑިގްރީގައި ބެހެއްޓުމަކީ ކަރަންޓު ބޭނުންކުރާ އަދަދު ބޮޑުތަން އިތުރުވާނެ ކަމެއް،" ނިޒާމު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިރެކްޓަރު ވިދާޅުވީ ކަރަންޓު ބިލްތަކުގެ ރީޑިން ނަގަން ބަހައްޓާފައި ހުންނަ މީޓަރުތަކަކީ ސިލްޖައި ވަކި ސްޓޭންޑަކަށް ބަހައްޓާފައި ހުންނަ އެއްޗެއް ކަމަށެވެ.

"ދައްކާ ރީޑިން ތަކަކީ ބޭނުންކުރެވޭ ނިސްބަތުން. މި ނިސްބަތް އިތުރުވަނީ ބޭނުންކުރާ އަދަދު އިތުރުވުމުން،" ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ކަރަންޓްގެ އަގު ބޮޑުވުމާ ގުޅިގެން، ޝަކުވާތައް ގިނަވުމުން ކަރަންޓްގެ އަގަށް ވެސް ބައެއް ބަދަލުތައް ގެނެ އެވެ. އަދި މިފަހުން ޑީސަލްގެ އަގު ހެޔޮވުމުން ފިއުލްސާޗާޖް ކުޑަވެ ކަރަންޓް ބިލަށް އެކަމުގެ ލުއިކުރި އެވެ. އެހެން ނަމަވެސް މި މަހު ގޭގެއަށް ފޮނުވި ބިލްތައް ބޮޑުވުމުން އާންމުންގެ ކަންބޮޑުވުން އަނެއްކާ ވެސް މި ވަނީ ބޮޑުވެފަ އެވެ.