މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނާ އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި މާލެ ވިޔަފާރި ބަނދަރު ބަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު އަބްދުރައްޒާގު ހަލީމް ވެސް ބައިވެރި ވަޑައިގަތެވެ. އަދި މި ބައްދަލުވުމުގައި މަޖޫރީ މަސައްކަތްތަކުގައި އުޅޭ އިސް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މި ބައްދަލުވުމުގެ މަގުސަދަކީ މުދާ އުފުލުގެ ގަޑިތަކަށް އައި ބަދަލާ ގުޅިގެން މަޖޫރީ މަސައްކަތް ކުރާ މީހުންނަށް ދިމާވާ ދަތިތައް ބެލުން ކަމަށެވެ.
މަޖޫރީންނާ އިކޮނޮމިކް މިނިސްޓަރު ބައްދަލު ކުރެއްވިއިރު، މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ އަގުތަކަށް އެ މީހުން ވަނީ ބަދަލުގެނެސް ބޮޑުކޮށްފަ އެވެ. އެގޮތުން ކުރިން 20 ފޫޓުގެ ކޮންޓެއިނާއެއްގެ ކުރީގެ އަގު 2500ރ. އަށް ކަނޑައި ދިން ނަމަވެސް މިހާރު އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދެނީ 6000ރ. އަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއް ކުރިން ކަނޑައި ދެނީ 6،000ރ. އަށެވެ. ނަމަވެސް ރެއިން ފެށިގެން މިހާރު ކަނޑައި ދެނީ 12،000ރ. އަށެވެ.
މި ބަދަލާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ޕޯޓްގައި މުދާ ކްލެއާކޮށްދޭ މަޖޫރީން އެ މީހުން އެ ހިދުމަތް ދޭ އަގުބޮޑު ކުރާ ނަމަ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ސަރުކާރުން މިހާރުވެސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޖޫރީންގެ މަސައްކަތުގެ އަގު ބޮޑުކުރާ ނަމަ އެކަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށާއި އެކަން ވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ. އެގޮތުން މަޖޫރީ ހިދުމަތް ދިނުން ވީހާ ވެސް ގިނަ ބަޔަކަށް ހުޅުވާލޭނެ ކަމަށާއި މުދާ ގެންނަ ފަރާތްތައް އަމިއްލައަށް އެކަން ކުރަން ވެސް މިހާރު ހުޅުވާލާނެ ކަމަށެވެ. އަދި އެގޮތަށް ވެސް އެކަން ހައްލު ނުވެއްޖެ ނަމަ ސަރުކާރުގެ ކުންފުންޏަކުން އެ ހިދުމަތުގެ ތެރެއަށް ވަދެ އެކަމަކީ ސަރުކާރުގެ ކުންފުންޏަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ހަމަޖައްސައިގެން އެކަން ހަމަޔަކަށް އަޅުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ ގޮތުން މުދާ އުފުލާ ގަޑިތައް ވަނީ ހަވީރު 6:00 އިން ހެނދު 6:00 އަށް ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު، ދުވާލުގެ ގަޑިތަކުގައި މާލޭގެ ޓްރެފިކަށް ވަނީ ލުއިތަކެއް އައިސްފަ އެވެ.