ބޭރުން މުދާ ގެންނަ ކުންފުނި ތަކުން "ޑަބަލްފީ" ނެގުމުގެ ޝަކުވާއަކީ ވިޔަފާރިވެރިން ދައްކާ ކޮޅުން ނުލި ވާހަކަ އެކެވެ. އެންމެ ފަހުން އެ ވާހަކަ ތިލަކޮށްލާފައި މިވަނީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ކުދި ވިޔަފާރި ތަކަށް ބޭއްވި ވެބިނާގައި އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު އެވެ. ލަތީފު ވިދާޅުވި ގޮތުގައި އޭނާ ވިޔަފާރީގެ 18 އަހަރުގެ ތާރީހުގައި މިކަމުން ސަލާމަތް ވާގޮތެއް ނުވި އެވެ. އެކަން ހުއްޓުވޭތޯ ނުދާ މުއައްސަސާ އެއް ނެތެވެ. އެކަމަކު އެކަން ހައްލުވާ ގޮތެއް ނުވެ އެވެ. ބޭރުގެ ބަނދަރު ތަކުން ނުނެގޭ ފީތައް ރާއްޖެއަށް މުދާ ގެންނަ ކުންފުނިތަކުން ދަނީ ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުންނެވެ. ބޭރުގެ ބަނދަރުން ނުނެގޭ ފީތައް ނަގަނީ ރާއްޖޭން ނަގަ އެވެ.
"އަޅުގަނޑު ޗައިނާ އިން ގެނައި ޝިޕްމަންޓެއް ފުލްކޮށް ސީއައިއެފް [މުދާ ގެންނަން ނަގާ، ކޮސްޓް އިންޝުއަރެންސް އަދި ފްރައިޓް ފީ] ޕޭކޮށްގެން. އޭގެ ޑީއޯ ނަގަން ދިޔައީމަ ނުލިބުނު. ދެ ދުވަހު ދިޔާއީމަ ވެސް ދުލެއް ނުކުރި. އެންމެ ފަހުން އަޅުގަނޑަށް ޖެހުނީ ކޮލަމްބޯ އިން މާލެ އަށް އަނެއްކާ އިތުރަށް ފައިސާ ދައްކަން. ނުކޮށްފިއްޔާ މުދާ ނެރެވޭނެ ގޮތެއް ނެތް. މުދާ ނުނެރެވިއްޖެނަމަ ޑެމަރޭޖް އަރަން ފެށީމަ ކުރިމަތިވާ މައްސަލަތައް މާ ބޮޑުވޭ. އެހެންވެ، އިތުރު 8،000ރ. ޕޭ ކޮށްގެން ނެރެން ޖެހުނީ،" އަމިއްލަ ތަޖުރިބާ ހިއްސާ ކުރަމުން، ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެސްއެމްއީ ފެޑަރޭޝަންގައި މަސައްކަތް ކުރާތީ މި މައްސަލަ ދިމާ ވެގެން ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއްގެ މައްސަލަތައް ސަރުކާރުގެ އެކި ވުޒާރާ ތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
"ޓްރާންސްޕޯޓު މިނިސްޓްރީއާއެކު ވެސް ވާހަކަ ދެކެވިއްޖެ. ބައެއް ފަހަރު ވިދާޅު ވާނެ، ގަވާއިދެއް ހަދަނީއްޔޭ، ގެޒެޓް ކުރަނީއްޔޭ. އެކަމަކު އެ މައްސަލަ ހައްލު ވެގެންދާ ތަނެއް ނުފެނޭ" ލަތީފު ވިދާޅުވި އެވެ.
އަހަރު އިތުރަށް 1.8 ބިލިއަން ރުފިޔާ ނަގާ!
ލަތީފު ވިދާޅުވި ގޮތުގައި ރާއްޖެއަށް މުދާ ގެންނަން އިތުރު ޗާޖުތައް ނެގުމުގެ މައްސަލައަކީ "ފޮރުވިފައިވާ ވިޔަފާރިއެއް" އޭގެ ތެރޭގައި ހިމެނޭ ބޮޑު ވިޔަފާރިއެއް ކަމަށެވެ. "އެހެންވެ އެ މައްސަލަ ހައްލުވާނެ ކަމަށް ނުފެނޭ"
"މާލެ ޕޯޓަށް އަންނަ ކޮންމެ އަހަރަކު އެވްރެޖުކޮށް 400 ކޮންޓެއިނާ ގެނޭ. އޭގެން އެވްރެޖުކޮށް 700 ޑޮލަރާއި 900 ޑޮލަރު އެބަނަގާ އިތުރަށް ކޮންމެ ކޮންޓެއިނާ ތަކަށް. އެހެންވެ މި ދައްކަނީ 4 މިލިއަން ރުފިޔާ ނޫނީ 5 މިލިއަން ރުފިޔާގެ ވާހަކަ. މިއީ ކޯލްކޮށްފަ [މާލެ ބަނދަރުކޮށްފަ] ދާއިރު މާލެއާ ހަމައަށް ދީފަ އޮންނަ ޗާޖަށް ވުރެ އިތުރަށް ނަގާ އަގެއް،" ލަތީފު ވިދާޅުވި އެވެ.
ރާއްޖެ އަންނަ ކޮންޓެއިނާ ތަކުން މި އަގު ނަގާނަމަ އަހަރެއްގެ މައްޗަށް ވިޔަފާރިވެރިންގެ އަތުން 1.8 ބިލިއަން ރުފިޔާ އެވެ.
ލަތީފު ވިދާޅުވި ގޮތުގައި މި ފައިސާއަކީ ރާއްޖޭން ބޭރު ވެގެންދާ ފައިސާ ކަމަށާ، މި ފައިސާ ރާއްޖޭގައި ހިފެއްޓޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި މިހާލަތުގައި މި މައްސަލަ ހައްލުވާނެ ގޮތެއް ނެތް. ރާއްޖޭގެ ޕޯޓް ކަނޑުމަގުގައި އިންނަ ޕޯޓަކީވެސް. އެއާޕޯޓަކީވެސް، އެއް ގާނޫނަކުން މި ދޭތި ގަވަން ކުރަނީ. އެހެންކަމަށް ވަންޏާ އެމްއޭސީއެލް އިން ޑީއޯ ދޫކުރާއިރު މައްސަލައެއް ނުޖެހޭ. އެހެންވީމަ ޕޯޓުން ޑީއޯ ދޫކުރުންވެސް ޕޯޓްސް އޮތޯރިޓީ ނޫނީ އެހެން ވުޒާރާއަކަށް ހަވާލު ކުރަން ވެއްޖެހެން ހީވަނީ" ލަތީފު ވިދާޅުވި އެވެ.
"ލާރި ނަގަމުންދާ ގޮތް މިއީ ގަބޫލު ކުރެވޭނެ ގޮތެއް ނޫން. މިސާލަކަށް މާލޭން ހުޅުވާމެއަށް މުދާ ގެންނަން 200ރ، ދައްކާފަ މުދާ ބާލާށޭ ބުނީމަ، މުދާ ހަވާލުކުރާ މީހާ އަތުން އަނެއްކާ 200ރ. މިއީ އެއްވެސް މީހަކު ގަބޫލު ކުރާނެ ސިސްޓަމެއް ނޫން."
އިންޓަ މީޑިއޭޝަން ގިނަވުން ބޮޑު މައްސަލައެއް
މި ވެބިނާގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ ރާއްޖެ މުދާ ގެންނަ ކުންފުނި ތަކުން ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި މައްސަލަ ދިމާވަމުންދަނީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކި ނަން ނަމުގައި ފީތައް ނެގުމުގެ މައްސަލައަކީ މި ފަދަ ވިޔަފާރިތަކުގައި "އިންޓަ މީޑިއޭޝަން"ނުވަތަ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ގިނަ ވުމުން ދިމާވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑު ހަނދާން ހުރޭ، މި އަހަރުގެ ފެބްރުއަރީ މަހު އެފްޑީއޭ [ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް] ޕޮލިސީ އެކުލަވާލިއިރު ވެސް ވަރަށް ބޮޑަށް ބަހުސް ކުރެވުނު ކަމެއް ކިހިނެއް ތޯ ލޮޖިސްޓިކްސް ދާއިރާ މިނިވަންކޮށް، ވީހާ ވެސް ގިނަ ދިވެހި ވިޔަފާރުތައް ޑޮމިނޭޓް ކުރެވޭ ގޮތަށް ބައްޓަން ކުރެވޭނީ، އަޅުގަނޑުމެންގެ ޕޮލިސީ އެކުލަވާލައި ޝާއިއު ކުރިއިރު އޮންނާނެ ލޮޖިސްޓިކްސް އަދި އެހެންމެ، ޝިޕިން ދާއިރާއަކީ ސައްތައިން ސައްތަ ދިވެހި ވިޔަފާރި ތަކަށް މަސައްކަތް ކުރެވޭނެ ގޮތަށް ކަނޑައަޅާފަ،" ވިސާމް ވިދާޅުވި އެވެ.
ރެޖިސްޓްރާ އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް މުދާ އުފުލައިދޭ ފަރާތްތަކުން ނަގާ މައްސަލާގެ ފުނަށް ދާނަމަ، ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ރާއްޖެ އަށް މުދާ ގެނެސް ނަގަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުދާ މި ލިބެނީ ކޮންމެ ވެސް ޓްރާންޝިޓް ބަނދަރަކުން، އެހެންވެ އެ ބަނދަރުގައި ރެގިއުލޭޓްރީ ކަންތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓާތީ، އެ ބަނދަރުން [ބޭރުން] ނުނެގޭ ޗާޖަސް މި ނަގަނީ ރާއްޖޭގެ ބަނދަރުން، ރާއްޖޭގެ ކޮންސިއުމަރުންގެ އަތުން، ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން،" ވިސާމް ވިދާޅުވި އެވެ.