ބަންކަރިންގެ ހިދުމަތް ފެށުމާ އެކު ރާއްޖޭގެ އިގްތިސޯދަށް އެތައް ސަތޭކަ ޑޮލަރެއް ވަދެ ހެޔޮ ބަދަލުތަކެއް އިގްތިސާދުގެ ތެރެއިން ފެނިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާ ވަރަށް ބޮޑަށް ފުޅާކޮށް މެރިޓައިމް ދާއިރާއިން އިންތިސޯދަށް މަންފާ ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އެގޮތުން މިކަން ހަގީގަތަށް ހެދުމަށް ގިނަ ޕްލޭންތަކެއް ރޭވިފައި އެބަހުރި ކަމަށާއި ހާއްސަކޮށް އިހަވަންދިއްޕޮޅުގައި މުހިއްމު މަސަައްކަތްތަކެއް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ވޭދުވިޔަ ހުރިހާ ދުވަސްތަކެއްގައި ވެސް ރާއްޖޭގައި މެރިޓައިމް ދާއިރާ ތަރައްގީކުރުމަށްޓަކައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ. އެކަމު މިހާ ހިސާބަށް އައިއިރުވެސް އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވުނު. ހަމައެކަނި މާލޭގައި އޮތް ޕޯޓް. އަދި އުތުރާއި ދެކުނުގައި އޮތް ޕޯޓް ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރެވޭ. އެހެންވީމަ ރައީސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މެރިޓައިމް ދާއިރާ މުޅި ރާއްޖޭގައި ފުޅާކުރުން،" ވަޖީހް ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން ތައްޔާރުވަމުންދާއިރު އެކަމާ ގުޅޭ މަސައްކަތްތަކެއް އެމްޕީއެލް އިން ވެސް ދަނިކުރަމުންނެވެ. އެގޮތުން ބަންކަރިންގެ ހިދުމަތަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ހއ. އުލިގަމުގައި ކުރަނީ އެމްޕީއެލް އިންނެވެ.
ވަޖީހު ވިދާޅުވީ މިހާރު އެ އިމާރާތްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ އިމާރާތްތައް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެސްޓީއޯ އިން ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
"ކުރަން މި އުޅޭ މަސައްކަތަކީ އިގްތިސޯދީ ގޮތުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތަކެއް. ރައީސް ވިދާޅުވެފައިވާނީ މި މަސައްކަތް ފެށުމުން ރާއްޖޭގެ އިގްތިސޯދަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް. އެއީ ހަމައެކަނި ބަންކަރިންގެ ހިދުމަތުން. އެއީ އެސްޓީއޯއިން ވިއްކާ ތެލުގެ އިތުރަށް. އޭގެ އިތުރުން އެމްޕީއެލްއިން ވެސް ކުރާނެ ފެން ބަންކަރިން، ކްރޫޒް ޓާނިމަލް، ޕައިލެޓް އޭޖް އަދި ބޯޓު ފަހަރަށް ބޭނުންވާ އެހެން ހިދުމތްތައް ކޮށްދެވޭނެ. މީގެ ސަބަބުން އެމްޕީއެލްއަށް މަންފާކުރާނެ،"، ވަޖީހު ވިދާޅުވި އެވެ.
ވަޖީހު އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތުގައި ހިމެނޭ ކޮންމެ ކަމަކީވެސް ޑޮލަރުން މުއާމަލާތް ކުރެވޭ ކަމަކަށްވާތީ މިކަމުގެ ސަބަބުން 400 މިލިއަން ޑޮލަރުގެ އިތުރަށް އެތަށް މިލިއަން ޑޮލަރެއް ދައުލަތަށް ވަންނާނެ ކަމަށެވެ. އެ ހިދުމަތާއި އެކުގައި ރާއްޖެއަށް ހީވެސް ނުކުރާހާ ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ވަޖީހްް ޔަގީންކުރައްވަ އެވެ.