ރާއްޖެ ގެންނަ މުދަލުން މާލެ ވިޔަފާރި ބަނދަރުން، ޝިޕިން އެޖެންޓުން އިތުރު ފީތައް ނަގާތީ، މުދަލުގެ އަގު ބޮޑު ވެގެންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ފްރައިޓް ފޯވާޑިން ވިޔަފާރިތަކުން އިތުރު ފީތައް ނަގަމުންދާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީ އާއި ޓްރަންސްޕޯޓް އޮތޯރިޓީ އަދި ކަސްޓަމްސްގެ އިތުރުން އެމްޕީއެލް އަދި އެސްޓީއޯ މި ކޮމެޓީއަށް ހާޒިރުކޮށް އިއްޔެ ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ.
ކޮމެޓީގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ޑެލިވަރީ އޯޑަރު (ޑީއޯ) ގެ ތެރެއިން އިތުރު ފީތައް ނަގަމުންދާ ކަމުގެ ޝަކުވާ ބޮޑު ކަމަށެވެ. ޑީއޯގައި ހިމަނައިގެން ފްރައިޓްފޯވާޑަރުންނާއި ޝިޕިން އެޖެންޓުން ވިޔަފާރިވެރިންގެ އަތުން އިތުރު ފައިސާ ނެގުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވާ ކަމަށެވެ.
ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އާދަމް ޝަފީގު އިއްޔެ ވިދާޅުވީ މި ފީތައް 2016 އިން ފެށިގެން ކަސްޓަމްސް ޑިކްލަރޭޝަން އަށް ހުށަހަޅާ ޑީއޯގައި އިތުރު ޗާޖުތަކުގައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ކިހިނެއް ނަގާ ޗާޖު ތަކެއްކަން ފާހަގަ ނުވާ ކަމަށެވެ.
ޝިޕިން އެޖެންޓުން ނަގާ ފީތަކުގެ ވާހަކަ ސަރުކާރާއި އާއްމުންގެ ސަމާލު ކަމަށް އައިސްފައި ވަނީ އަވަސް އޮންލައިންގައި ރާއްޖޭން ބޭރުކޮށްލާ ފައިސާގެ ބޮޑު އަދަދެއްގެ ނަމުގައި ރިޕޯޓެއް އާއްމު ކުރުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައި އިންޑަސްޓްރީގެ ކަންބޮޑުވުމާއި އެޖެންޓުން މި "ވިޔަފާރި" ކުރަމުންދާ ގޮތް އަދި މި ވިޔަފާރީގެ ތެރެއިން ގައުމުން ބޭރު ވެގެންދާ އަދަދު ހާމަކުރި އެވެ. އެނގިފައިވާ ގޮތުގައި މި ވިޔަފާރީގެ އަޑީގައި ހަރަކާތްތެރި ވަނީ ސްރީލަންކާގެ ބައެކެވެ. އަދި މި ވިޔަފާރީގެ ސަބަބުން 130 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ރާއްޖޭގެ އިގްތިސޯދުން ބޭރުކުރެ އެވެ. އެ ރިޕޯޓާ ގުޅިގެން ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުން ރެގިއުލޭޓް ކުރަން، ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި މި ފަރާތްތައް ރަޖިސްޓްރީ ކުރަން ވަނީ ހުޅުވާލާފަ އެވެ.