ރިޕޯޓް

ރާއްޖޭން ބޭރުކޮށްލާ ފައިސާގެ ބޮޑު އަދަދެއް!

ރާއްޖެއަށް ވަންނަ ބޭރު ފައިސާ އެކި ގޮތްގޮތުން ބޭރުވެގެން ދިއުމަކީ ދިވެހި އިގްތިސޯދަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ދިވެހިންގެ ފައިސާގެ ބޮޑު އަދަދު ތަކުން "ގެއްލުމަކީ" އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ދިގު ދެމިގެންވާ ގެއްލުމަކަށް ވެފައި ވެސް ވެއެވެ. ގެއްލިފައިވާ ފައިސާގެ ތެރެއިން ދިވެހިން ދަންނަ އެންމެ ފަރިތަ އަދަދަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ގެއްލިފައިވާ 1.3 ބިލިއަން ރުފިޔާ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ކޮންމެ އަހަރަކު އެންމެ މަދުވެގެން 1.2 ބިލިއަން ރުފިޔާ ބޭރު ކުރުމަކީ ވެސް ބޮޑު މައްސަލަ އެކެވެ. އެއީ ވެސް އިގްތިސޯދުން ނުކުމެގެންދާ ފައިސާ އެވެ.

އެކަމަކު މިއަށް ވުރެ މާބޮޑު އަދަދެއް ކޮންމެ އަހަރަކު ވެސް ރާއްޖޭން ބޭރު ވެގެން އެބަދެ އެވެ. އެއީ ރާއްޖެ އަންނަ ކަނޑު ބޯޓު ފަހަރުން މުދާ ކްލިއަ ކުރުމުގައި އުޅޭ ބޭރުގެ އެޖެންޓުން ބޭރު ކުރާ ފައިސާ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި އަހަރަކު މި މީހުން 130 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ރާއްޖޭގެ އިގްތިސޯދުން ބޭރުކުރެ އެވެ.

މި ފައިސާ ބޭރު ކުރަނީ ކިހިނެއް ހެއްޔެވެ؟ މިއީ ކިހިނެއް ނަގާ ފައިސާ އެެއް ހެއްޔެވެ؟ މިކަން ނުހުއްޓުވެނީ ކީއްވެގެން ހެއްޔެވެ؟

"އަޅުގަނޑު ޗައިނާ އިން ގެނައި ޝިޕްމަންޓެއް ފުލްކޮށް ސީއައިއެފް ޕޭކޮށްގެން. މުދާ އައީމަ، އޭގެ ޑެލިވަރީ އޯޑާ [ޑީއޯ] ނަގަން ދިޔައީމަ ނުދިން. އެންމެ ފަހުން އަޅުގަނޑަށް ޖެހުނީ ކޮލަމްބޯ އާއި މާލެއާ ދެމެދަށް އިތުރަށް ފައިސާ ދައްކަން. އެހެންވެ، އިތުރު 8،000ރ. ޕޭ ކޮށްގެން ނެރެން ޖެހުނީ،" ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ދާދި ފަހުން ޝިޕިން ދާއިރާއާ ބެހޭ ގޮތުން ބޭއްވި ވެބިނާއެއްގައި އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވި އެވެ.

ވިޔަފާރީގެ ދާއިރާގައި އުޅުއްވާތާ 27 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ލަތީފަށް ކުރިމަތިވި މި ތަޖުރިބާއަކީ މުދާ އެތެރެ ކުރާ ވިޔަފާރިވެރިންނަށް މިހާރު އާ ކަމެއް ނޫނެވެ. ރާއްޖޭގައި އުޅޭ ގިނަ އިމްޕޯޓަރުން ދަނީ މި ގެއްލުން ތަހަމަލް ކުރަމުންނެވެ. މިކަމަކީ ހިނގާ ކަމަކަށް ވާއިރު މި މައްސަލަ ވެފައި އޮންނަނީ ވިޔަފާރިވެރިން ދަންނަ ބޮޑު ސިއްރަކަށެވެ.

މިކަމަކީ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ މައްސަލައެއް ވެސް ނޫނެވެ. އެ ކުންފުންޏަށް މިކަމުގައި ކުރެވޭނެ ކަމެއް ވެސް ނެތެވެ. މިއީ ރާއްޖޭގެ ލޮޖިސްޓިން ދާއިރާގެ ބެލެނިވެރި ފަރާތެއް ނެތި، އަޅާލުން ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ އެކެވެ. މީގެ ފައިދާ ބޭރުގެ ބަޔަކު ދަނީ ރަނގަޅަށް ނަގަމުންނެވެ.

އަހަރު 130 މިލިއަން ޑޮލަރު ބޭރަށް!

މާލެ ވިޔަފާރި ބަނދަރަށް އިތުރު ފީތަކެއް ތައާރަފުވެގެން ގޮސްފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މާލެ ވިޔަފާރި ބަނދަރުގެ ގިނަ ވެހިކަލްތައް ހަލާކުވެ، ބަނދަރު ބޮއްސުންލި އެވެ. ހިދުމަތް ހުއްޓި ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނާ ބޯޓު ފަހަރުން މުދާ ނުބޭލި ކިޔޫ ދިގު ވެގެން ދިޔަ އެވެ. އެޖެންޓުން ތަފާތު އެކި ނަންމުގައި ފީތަކެއް ނެގެން ފެށީ އެހެންވެ އެވެ. އޭގެ ހަ އެއްކަ މަސް ފަހުން މާލެ ވިޔަފާރި ބަނދަރަށް ބޮޑު އިންވެސްޓްމަންޓެއްކޮށް އާ އުޅަނދުތައް ހޯދައި ހިންގުން ވެސް ރަނގަޅު ކުރި އެވެ. ނަމަވެސް މި ފީތަކަށް ނެގުން ހުއްޓުމެއް ނާދެ އެވެ. ރާއްޖޭގެ ލޮޖިސްޓިކްސްގައި އުޅޭ އެޖެންޓުން ދިޔައީ ފީތައް ނަގަމުންނެވެ.

މި ކަމުގެ މުގޫ ގޮސް ހުއްޓެނީ އަވަށްޓެރި ސްރީލަންކާއާ ހަމަ އަށެވެ. ރާއްޖޭގެ ލޮޖިސްޓިކްސްގެ ދާއިރާގައި ލަންކާ މީހުން އަތް ގަދަކޮށްފައި އޮންނަތާ ދުވަސް ވެއްޖެ އެވެ. މިދިޔަ ފަސް އަހަރު ރާއްޖޭގެ އިގްތިސޯދު ވަރަށް ރަނގަޅުވުމާއެކު އެ މީހުން ރާއްޖެ އަށް ފުންމާލި އެވެ. ރާއްޖޭގައި ތަފާތު ނަން ނަމުގައި ލޮޖިސްޓިކްސްގެ ވިޔަފާރި މި މީހުން ފެށި އެވެ. ރާއްޖޭގެ ލޮޖިސްޓްކްސްގެ 90 ޕަސެންޓް ކޮންޓްރޯލް އެމީހުން ހޯދި އެވެ. މިހާރު މި ވިޔަފާރި ކުރާ ގިނަ ކުންފުނިތަކުގެ ބޮޑު ހިއްސާއަކީ ލަންކާ މީހުނެވެ. މި ވިޔަފާރީގައި ލަންކާގެ ބޮޑު ހިއްސާއެއް އޮންނަ ހަ ކުންފުންޏެއް ހަރަކާތްތެރިވެ އެވެ.

މި ހުރިހާ ކުންފުނިތަކެއްގެ ބޮޑު ސޯބަކީ އެންމެ މީހެކެވެ. އެއީ ލަންކާގެ މަހުޖަނެކެވެ. އޭނާ ސްރީލަންކާގައި ކެސިނޯ ހިންގަ އެވެ. ރާއްޖޭގައި ރިސޯޓު ހިންގަ އެވެ. އެ މީހުން ރާއްޖޭން ބޭރު ކުރާ ފައިސާގެ އަދަދު އަހަރެއްގެ މައްޗަށް ބަލާނަމަ 130 މިލިއަން ޑޮލަރަށް ވުރެ މަދެއް ނޫނެވެ. އަދި ފީތައް ނަގަން ފެށި 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބަލާނަމަ މި އަދަދު 600 މިލިއަން ޑޮލަރު ނުވަތަ ނުވަ ބިލިއަން ރުފިޔާއަށް އަރަ އެވެ.

ދިވެހ ވިޔަފާރިވެރިއަކު ނަން ހާމަ ނުކުރުމަށް އެދި މިކަން ސިފަކުރެއްވީ މިއީ "މާފިޔާ ސްޓައިލަކަށް" ހިންގާ ކަމެއްގެ ގޮތުގަ އެވެ.

"އެ މީހުން ހިތުހުރި އަގެއް ޖަހާލާފަ. ހިތުހުރި އަދަދެއް ނަގަނީ. ބައެއް ފަހަރު ޝިޕްމަންޓެއް އައީމަ އެބަ ދައްކަން ޖެހޭ 3،000 ޑޮލަރު ނޫނީ 6،000 ޑޮލަރު ވަރު އިތުރަށް،" ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ އެ ވިޔަފާވެރިޔާ ވިދާޅުވި އެވެ.

މި އެޖެންންޓުން ފުރަތަމަ ފީތައް ނަގަން ފެށީ ކުޑަ ކޮށެވެ. ފުރަތަމަ ނެގީ ގާތްގަނޑަކަށް 50 ޑޮލަރާއި 70 ޑޮލަރުގެ ފީއެކެވެ. އެހެންވެ މިއީ ކުޑަ އަދަދެއްގެ ގޮތުގައި ބަލައި އޭރު ވިޔަފާރިވެރިން މާބޮޑު ސަމާލު ކަމެއް ނުދެ އެވެ. ނަމަވެސް ފީތަކުގެ އަދަދު ބޮޑުކޮށްލައި 50 ޑޮލަރުން ފެށި ފީތަކުގެ ލިސްޓު ދިގުވެ، މި އަދަދުތައް 400 ޑޮލަރުން މައްޗަށް ޖައްސާލި އެވެ.

ފީ ނަގަން ފެށިއިރު އޮތް ހާލަތު ރަނގަޅު ކުރި ނަމަވެސް ހުއްޓައެއް ނުލިވެ އެވެ. ތަފާތު އެކި ނަންނަމުގައި ނަގަމުން ދިޔަ އަދަދުތައް ނަގަމުންނެވެ. އެހެންވެ މިކަމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ދިޔައީ މަތިވަމުންނެވެ. އެ މީހުން މި ޝަކުވާ ސަރުކާރުގެ އެކި ވުޒާރާ ތަކާ ހަމައަށް ގެންދިޔަ އެވެ. ނަމަވެސް މިކަމަށް ހައްލު އަންނަ ތަނެއް ނުފެނި މިއަދާ ހަމައަށް ދެމިގެން ދިގު ދެމިގެން ދިޔައީ އެވެ.

ވިޔަފާރިވެރިން ގޮތް ހުސްވެފައި

ބޭރުގެ އެޖެންޓުންގެ މި ފީތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދަނީ ބޮޑު ގެއްލުމެއް ވަމުންނެވެ. މާލެ އަށް ކޮންޓެއިނާއެއް މި އަންނަނީ ދައްކަން ޖެހޭ ހުރިހާ އަގެއް ދައްކައިގެންނެވެ. ސީއައިއެފް އަގު ދައްކާފަ އެވެ. ނަމަވެސް މާލެ މުދާ އައުމުގެ ފަހުން އެޖެންޓުން ދަނީ ކޮންމެ ބިލް އޮފް ލޭންޑިން (ބީއެލް) އަކަށް ނުވަތަ އާއްމު ބަހުރުވައިން ބުނާނަމަ ޝިޕްމަންޓަކަށް އިތުރު ޗާޖެއް ނަގަމުންނެވެ. މިސާލަކަށް 40 ފޫޓު ކޮންޓެރިނާއެއްގައި އާންމު ގޮތެއްގައި 20 ޝިޕްމެންޓް އިންނަ ކަމަށް ބަލާނަމަ ޝިޕްެމެންޓަކަށް 400 ޑޮލަރުގެ މަގުން ފީ ނެގުމުން ދިވެހި ވިޔަފާރިވެރިޔާ ޖީބުން އިތުރަށް 8،000 ޑޮލަރު ދައްކަން ދައްކަން ޖެހެ އެވެ.

މި ފައިސާ ނުދައްކާނަމަ ޑީއޯއެއް ދުލެއް ނުކުރެ އެވެ. ޑީއޯނެތި މުދަލެއް ނުނެރެވޭ އެވެ. އެހެންވެ ވިޔަފާރިވެރިއާ އަށް ދެވަނަ ޗޮއިސްއެއް ނޯވެ އެވެ. މުދާ ޕޯޓުގައި ބަހައްޓައިފިނަމަ ޑެމަރޭޖު އަރާ އެވެ. އަނެއް ކޮޅުން މުދާ ނުނެރެފިނަމަ ވިޔަފާރި ހިންގޭކަށް ނޯވެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނީގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ބޭރުގެ ޝިޕިން އެޖެންޓުން ޑެލިވަރީ އޯޑާ (ޑީއޯ) ދޫކުރަން ކުރިން ކުޑަ ފީއެއް ނެގި ނަމަވެސް މިހާރު ފީތައް ނަގަމުން ދަނީ ހައްދުން ނައްޓާލާ ވަރަށެވެ.

"އޭރު 50 ޑޮލަރު ނަގަނީ. އެވެސް ދެ ގަނޑު ޕްރިންޓްކޮށްލަން. އެޑްމިން ފީއެއްގެ ގޮތުގަ. އެކަމަކު މާބޮޑު އެއްޗެއް އޭރަކު މީހުން ނުހަދާ. އެކަމު ފަހުން ހިތުހުރި އަގެއް ޖަހައިގެން ފައިސާ ނަގަން ފެށީ. މާލެ ވިޔަފާރި ބަނދަރު ބަލަހައްޓަނީ އެމްޕީއެލް އިން، އެ ކުންފުނިން ހޭންޑްލިން ޗާޖު ނެގޭނެ. އެއީ މައްސަލައެއް ނޫން. އެކަމަކު މި މީހުން [އެޖެންޓުން] ވެސް އެބަ ނަގާ ޑެސްޓިނޭޝަން ޓާމިނަލް ހޭންޑްލިންގެ ނަމުގައި ޗާޖެއް، ސުވާލަކީ މިއީ ކޮން ފީއެއް ހޭ؟ މިހެން ގޮސް ކިތަންމެ ޗާޖެއް ނަގާ،" އެހެން ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.


ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ މަޝްރޫއު ހިންގާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެޖެންޓުންގެ ފީތަކުގެ ޝަކުވާ ކުރުމުން އެއީ ބޭރުގެ ފްރައިޓް ފޯވަޑާ ބުނެގެން ނަގާ ފީތަކެއް ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ދޮގެކެވެ.

"ތިމަންނަމެން ފައިސާ ނަގަނީ ފްރައިޓް އެކޮޅުގައި މުދާ ބަރު ކުރާ ތަނުގައި ހުންނަ ފްރައިޓް ފޯވަޑާ ބުނެގެންނޭ. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުވާ އެއް ހެއްކަކީ ޖީއެސްޓީ ނެގުން. ރާއްޖޭގައި ނަގާ އެއްޗެއް ވީމަ މި ޖީއެސްޓީ ނަގަނީ. ހަމައެކަނި ބޭރަށް ނަމަ ވިތް ހޯލްޑިން ޓެކްސް ވެސް ނަގާނެ. އެކަމަކު މި ހުރިހާ އެއްޗަކުން ޖީއެސްޓީ ނަގަނީ. އެކަމަކު އެ މީހުން ބުނަނީ ފްރައިޓް ފޯވަޑާ ބުނެގެން ނަގާ އެއްޗެކޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކޮންޓްރަކްޝަން ސާމާނު އެތެރެކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން ދާދި ފަހުން ގެނައި 19 ކޮންޓެއިނަރު ދަގަނޑު ނެރެން ދިއުމުން ވެސް މި މައްސަލަ ދިމާވި އެވެ. އަދި މިހާރު މިއީ އާއްމު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑު ގެނައ 19 ކޮންޓެއިނަރު ދަގަނޑު ނެރެން މިދިޔައި، އެކަމަކު މި ކޮންޓެއިނަރު ނެރެން ޑީއޯ ބަލާ ދިޔައީމަ ބުނީ އޮޕަރޭޝަން ރިކަވަރީގެ ގޮތުގައި 12 ޑޮލަރު، ފަހުން ކޮންޓެއިނާތައް ބޭލީމަ ކޮންޓެއިނާ އަކަށް 60 ޑޮލަރު. އެކަމަކު ބެލިއިރު އެމްޕީއެލް އިން ކޮންޓެއިނާތައް ބާލާފައި ހުރީ މެންދުރު ފަހު 12 އާއި ދޭއް ޖެހުމާ ދެމެދު ދެމެދު. އެ ހިފައިގެން އެޖެންޓު ކައިރި އަށް ގޮސް ބުނީ އިތުރަށް ނަގާފަ މީނީ ކޮން 1،140 ޑޮލަރެއްހޭ، މި ކަނޑާލަދޭށޭ. ބުނީމަ ބުނީ ނުވާނެއޭ ތިޔަ ކަމެއް މިތަނުން ނުކުންނާށޭ،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއަކު ވިދާޅުވި އެވެ.

ޑިއުޓީ މައާފު ކުރުމުގެ ބޭނުން ކެނޑިފައި

މުދާ ރާއްޖެ އައުމުން އިތުރު ފީތަކެއް ނަގާނަމަ އިތުރަށް ނަގާ ފީތައް މުދަލުގެ އަގަށް ވަންނާނެ އެވެ. މިހެން މިކަން ތަކުރާވުމުން ސަރުކާރުން ޑިއުޓީ މައާފު ކުރުމުގެ މަގުސަދު ގެއްލިގެންދެ އެވެ. އެހެންވެ އާހިރުގައި ޑިއުޓީ އަށް އިތުރުވީ ބައި އިތުރު ވެގެން ދާނީ އާއްމު ރައްޔިތު މީހާގެ ޖީބަށެވެ.

ރިސޯޓު ތަކަށް ވެސް މުދާ ގެންނަ ކުންފުންޏެއް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނަކީ ބިޒީ ބައެކެވެ. އެހެންވެ ކޮންމެ ފަހަރަކު މި ފީތައް ކުޑަ ކުރަން ވަކާލާތު ކުރަން ވަގުތެއް ނޯވެ އެވެ.

"ހަމަ އެއް ގޮތަކަށް ވެސް ނޭނގެ މި ޗާޖަސް ތަކެއް ނަގާ ގޮތެއް. ބައެއް ފަހަރު އެބަ ނަގާ އޮޕަރޭޝަނަލް ޗާޖަސް. ދާދި ފަހުން އަޅުގަނޑުމެން ގެނައި ކޮންޓެއިނާ ތަކަށް އިތުރަށް 3،000 ޑޮލަރު ވަރު ދައްކަން ޖެހިއްޖެ. ދެން ވަރަށް ޒުވާބުކޮގެން ކުޑަވީ. ޑީއޯ ލިބިގެން ނޫން ގޮތަކަށް މުދަލެއް ނުނެރެވޭނެ. ގިނަ ފަހަރު ވާގޮތަކީ ވިޔަފާރިވެރިން ބިޒީ ވާނެ. އެހެންވެ ޒުވާބު ކުރާކަށް ނުތިބެވޭނެ. ވަގުތެއް ނޯވޭ،"

ސަރުކާރުން ފިޔަވަޅު ތަކެއްގެ އަޅަން ފެށުން

މިކަން ހުއްޓުވަން ސަރުކާރުން މިހާރު ވަނީ ކޮންމެވެސް ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެފައިވާ ގޮތުގައި ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުންދާތީ ކަންބޮޑުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ދިމާވަމުންދަނީ މި ދާއިރާއަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމުންނެވެ. އަދި އެކި ނަން ނަމުގައި ފީތައް ނެގުމުގެ މައްސަލައަކީ މި ފަދަ ވިޔަފާރިތަކުގައި "އިންޓަ މީޑިއޭޝަން" ނުވަތަ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ގިނަ ވުމުން ދިމާވާ މައްސަލައެކެވެ.

"އަޅުގަނޑުމެންނަށް މުދާ މި ލިބެނީ ކޮންމެ ވެސް ޓްރާންޝިޓް ބަނދަރަކުން، އެހެންވެ އެ ބަނދަރުގައި ރެގިއުލޭޓްރީ ކަންތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓާތީ، އެ ބަނދަރުން [ބޭރުން] ނުނެގޭ ޗާޖަސް މި ނަގަނީ ރާއްޖޭގެ ބަނދަރުން، ރާއްޖޭގެ ކޮންސިއުމަރުންގެ އަތުން، ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން،" ވިސާމް ވިދާޅުވި އެވެ.

އެޖެންޓުންގެ ފީތައް ނެގުން ބޮއްސުން ލާފައިވާތީ، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޝިޕިން އެޖެންސީ ތަކުން ހިދުމަތް ދިނުމުގެ ގަވާއިދެއް ހަދައި ގެޒެޓްކޮށްފަ އެވެ. މި ގަވާއިދު ބުނާ ގޮތުން އަންނަ މަހުގެ 16 ގެ ފަހުން އެޖެންޓުންގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ. މި ގަވާއިދު ހެދުމާއެކު މިހާރު އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭރުގެ "ބާރު ގަދަ" ފަރާތްތަކުން ވަނީ މިކަން ހުއްޓުވުމަށް ނުކުމެފަ އެވެ. އެ މީހުން ދަނީ މިކަން ހުއްޓުވަން ނުފޮޅުވާ އެންމެ ގާކޮޅެއް ވެސް ނުބާއްވަ މަސައްކަތް ކުރަމުންނެވެ.