ވިޔަފާރި

ޝިޕިން އެޖެންޓުންގެ ފީތައް ހުއްޓުވައި، ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފި

މާލެ ވިޔަފާރި ބަނދަރުގައި ހިދުމަތް ދޭ ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ނަގާ ފީތައް ހުއްޓުވައި، ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީ ތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށްފި އެވެ.

ރާއްޖޭގެ ޝިޕިން އެޖެންސީ ތަކުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން ދިއުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކޮށްފައިވާ ޝިޕިން އެޖެންސީތަކުން ހިދުމަތް ދިނުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އަންނަ މަހުގެ 16 ގެ ފަހުން ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

މި ގަވާއިދު ނެރުމާއެކު، ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓިގެންދާނެ އެވެ. ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ
އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ. ކޮންސައިނީ އަށް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރ ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑް މިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500ރ. ގެ ފީއެއް ނެގިދާނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކޮށް، އެކަން ތަކުރާރު ނުކުރުމަށް ލިޔުމަކުން އަންގަންވާނެ ކަމަށެވެ. މި ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހިގީގަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިޚްތިޔާރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެ އެވެ.

ރާއްޖެ އަށް މުދާ ގެނެސްދޭ ބޭރުގެ ކުންފުނިތަކުން ތަފާތު އެކި ނަން ނަމުގައި ފީތައް ނެގުމަކީ އާއްމު ކަމެމެވެ. މި މައްސަލައާ ބެހޭ ގޮތުން ޝިޕިން ދާއިރާއާ ބެހޭ ގޮތުން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) ބޭއްވި ވެބިނާއެއްގައި ވާހަކަ ދައްކަވަމުން، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ ރާއްޖެ މުދާ ގެންނަ ކުންފުނި ތަކުން ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި މައްސަލަ ދިމާވަމުންދަނީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެކި ނަން ނަމުގައި ފީތައް ނެގުމުގެ މައްސަލައަކީ މި ފަދަ ވިޔަފާރިތަކުގައި "އިންޓަ މީޑިއޭޝަން" ނުވަތަ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ގިނަ ވުމުން ދިމާވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.