މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ދެ އަހަރާ ނުބައްދަލު އަދަދަކަށް ކާބޯތަކެތި ކްލިއާކޮށްފި

ވޭތުވެދިޔަ ދެ އަހަރު ދުވަހާ ނުބައްދަލުވާހާ ގިނަ އަދަދަކަށް މި އަހަރު ރޯދަ މަހު ކާބޯތަކެއްޗާއި އާއްމުދާ ވިޔަފާރި ބަނދަރުން ކްލިއަ - ބާލައިފި- އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ސަރުކާރު ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ / އެމްޑީ ޝާހިދު އަލީ ވިދާޅުވީ ރާއްޖެ އަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވަމުންދާތަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި މިދިޔަ ދެ އަހަރު [2020 އާއި 2021] ގެ ތަފާސް ހިސާބުތަކަށް ބެލިނަމަވެސް ކާބޯތަކެތި އެތެރެކުރި އަދަދު ބޮޑު ތަނުން މަތި. މިދިޔަ ތިން ހަފުތާގެ ތަފާސް ހިސާބުތަކަށް ބެލިނަމަވެސް މި ރޯދަމަސް ނިމޭއިރު ކާބޯތަކެތި އެތެރެ ކުރި އަދަދު މަތިވާނެ،" ޝާހިދު ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި މިދިޔަ ދެ އަހަރު [2020 އާއި 2021] ގެ ތަފާސް ހިސާބުތަކަށް ބެލިނަމަވެސް ކާބޯތަކެތި އެތެރެކުރި އަދަދު ބޮޑު ތަނުން މަތި
ޝާހިދު އަލީ | އެމްޕީއެލް އެމްޑީ

ރޯދަ މަހު އެމްޕީއެލް އިން ކުރި އަށް ގެންދިޔަ "ކާގޯ އޮޕަރޭޝަން" ގެ ތަފުސީލު ދެއްވަމުން އެ ކުންފުނީގެ ޗީފް އޮޕަރޭޝަން އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރު ވިދާޅުވީ ޕެރިޝަބަލް- އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި- ހިފައިގެން ރޯދަ މަހު ކޮންމެ ތިން ހަފުތާއަކުން އެވްރެޖުކޮށް ބޯޓެއް ބަނދަރު ކުރަމުން ގޮސްފައިވާ ކަމަށެވެ.

"ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޯޓެއް ކޯލްކޮށް [ ބަނދަރު] ކުރޭ. ގާތްގަނޑަކަށް 24 ގަޑިއިރު މަސައްކަތްކޮށް، އެރޭންޖުމަންޓްތައް ހަދައިގެން ކުރީމަ މައްސަލައެއް ނުޖެހި މި ކުރެވުނީ،" މަސީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންޓެއިނާ އަށް ބަލާނަމަ މިހާތަނަށް 5،000 ކޮންޓެއިނާ ވަނީ ބޭލިފަ އެވެ.

"ކޮންޓެއިނާ އަށް ބަލާނަމަ 2020 އަދި 2021 އަށް ވުރެ ވެސް ގިނަ. ނަމަވެސް 2019 އާ އަދި އެއްވަރެއް ނުވޭ. އެކަމަކު އެކަހަލަ ޓްރެއިންޑިންއެއްގައި މި ފެންނަނީ. މި އަހަރު ރޯދައިގެ ބާކީ އޮތް ދުވަސްތަކަށް ބަލާނަމަ 1،000 ކޮންޓެއިނާ ބޭލޭނެ ކަމަށް ބެލެވެނީ،" މަސީހު ވިދާޅުވި އެވެ.

އެ ކުންފުނީގެ ހެޑް އޮފް ކާގޯ އޮޕަރޭޝަން- ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލާލް ސައީދު ވިދާޅުވީ 2021 ވަނަ އަހަރު 3،960 ކޮންޓެރިނާ މަސް ދުވަހުތެރޭގައި ކްލިއަ ކުރި ނަމަވެސް މި މަހު އެކަނި އެ އަދަދު 5000 އަށްއަރާފައިވާ ކަމަށެވެ.

"ޕެރިޝަބަލްސް އަށް ބަލާނަމަ ލައްކައަށް ވުރެ ގިނަ ޕެކޭޖަސް އެބަހުރި ކްލިއަކުރެވިފަ. އަދި ޖެނެރަލް ކާގޯ އެބަހުރި 90،000 ޕެކޭޖު ކްލިއަ ކުރެވިފަ،" ތޮލާލް ވިދާޅުވި އެވެ.

ރޯދައަށް ގެނައި މުދާ ބާލައިފި، ވަރަށް ކާމިޔާބު

އެމްޑީ ޝާހިދު ވިދާޅުވީ ރޯދަ އަށް ހާއްސަކޮށް އެ ކުންފުނިން ހެދި ހާއްސަ އިންތިޒާމުގެ ނަތީޖާ ވަރަށް ރަނގަޅުކަން ފާގަވާ ކަމަށެވެ. އެގޮތުން ރޯދަ އަށް ގެނައި ހުރިހާ މުދަލެއް ކްލިއަކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުދާ އެތެރެކުރާ ފަރާތްތަކާއެކު މަޝްވަރާ ކުރެވިގެން ގެނެވުނު ބަދަލުތަކުން ފަސޭތަކެއް ގެނެވުނު. އަދި ކާބޯ ތަކެއްޗަށް ހާއްސަކޮށް ހެދި ޓީމް ތަކުން ކުރި މަސައްކަތް ރަނގަޅު. ހާއްސަކޮށް ބަނދަރުގައި މަސައްކަތް ކުރި މުވައްޒަފުން ބައެއް ދުވަސް ދުވަހު ފަހެއް ޖަހަން ދެން ވެސް މަސައްކަތް ކުރި،" ޝާހިދު ވިދާޅުވި އެވެ.

"ބަނދަރުގެ މަސައްކަތް މި ދަނީ ސްޓާފުންނާއި ކްލިކުރާ ގްރޫޕްތަކާއި ޑްރައިވަރުންނާއި އިމްޕޯޓް ކުރާ ފަރާތްތަކުގެ އެއްބާރުލުމާއެކު. ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން،"