މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރޯދަ މަހު 727 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

ރޯދަ މަސް ފެށުނު ފަހުން އިއްޔެގެ ނިޔަލަށް 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލުން ބުނީ ކްލިއާ ކޮށްފައި ވަނީ 20 ފޫޓުގެ 367 ކޮންޓެއިނަރާއި، 40 ފޫޓުގެ 360 ކޮންޓެއިނަރެވެ. ކޮންޓެއިނަރު ތަކުގައި އެންމެ ގިނައިން ރާއްޖެ އެތެރެކޮށްފައި ވަނީ ކާބޯތަކެއްޗެވެ.

ރޯދަ އާއި ދިމާކޮށް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން މީގެ ކުރިން އެމްޕީއެލް އިން ބުނި ގޮތުގައި ރޯދަ މަހާ ދިމާކޮށް އެ ކުންފުނީގެ ގިނަ އުޅަނދުތަކެއް ވެސް ވަނީ މަރާމާތުކޮށްފަ އެވެ. އެކަމުގެ ސަބަބުން މުދާ ހުސްކުރުން އަވަސް ކުރެވޭނެ ކަމުގައި ވެސް ކުރިން ބުނެފައިވެ އެވެ.

ރޯދަ މަހު އެމްޕީއެލްގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ރޭގަނޑު 10:30 އަށެވެ.