އިމްޕޯޓް އެކްސްޕޯޓް

އިމްޕޯޓް ޑިއުޓީގެ އާމްދަނީ 53 ޕަސެންޓަށް ދަށަށް

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހީނަރުވެ، މި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 53 ޕަސެންޓް ދަށް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 25 ގެ ނިޔަލަށް އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެހައި ތަނަށް އިމްޕޯޓް ޑިއުޓީން އާމްދަނީގެ ގޮތުގައި ލިބުނީ 240.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރުގެ މި މުއްދަތާ ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 521.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ. މިއީ ގާތްގަނޑަކަށް 53 ޕަސެންޓުގެ ދަށްވުމެކެވެ.

މި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ތިން ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ ދަށްވެފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ސަބަބުން ރިސޯޓުތަކުގެ އިކޮއުޕެންސީ ދަށަށް ގޮސް ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުގެ ނިސްބަތް މަދުވުމުންނެވެ.