ރިޕޯޓް

ގަދަވީ އެޖެންޓުންގެ ބާރު، ގަވައިދުލީ ޑަސްބިނަށް!

ޝިޕިން އެޖެންޓުން ހިތު ހުރި ގޮތަކަށް ނަގަމުން ދިޔަ "ފީތަކެއް" ގެ ވާހަކަ އާއި އޭގެ ސަބަބުން ރާއްޖެއަށް އޮތް ގެއްލުންތައް "އަވަސް" ގައި ޝާއިއު ކުރި ރިޕޯޓަކުން ފެންމަތިވި އެވެ. ރާއްޖެ އަންނަ މުދަލުން އެޖެންޓުން ފީތައް ނަގަމުން ދިޔަ ގޮތް ކިޔައި ދިނުމާއެކު އާއްމުންނަށް އެނގިގެން ދިޔައީ މިއީ ބޮޑު "އޮޅުވާލުލެއް" ގެ ތެރެ އިން ގައުމުން ބޭރު ވެގެންދާ ފައިސާ ބޮޑު އަދަދެއް ކަމެވެ. މިލިއަނުން މިލިއަނުން ޑޮލަރު ބޭރުކޮށްލާ މި ވިޔަފާރި ހިނގާ ގޮތް، ސަރުކާރުގެ ސަމާލުކަމަށް އައުމުން އެކަން ހުއްޓުވައިލެވޭތޯ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން އުޅުނެވެ. އެކަމަކު ފައިސާގެ ބޮޑެތި މުއާމަލާތް ތަކެއް ހިމެނޭ މިކަން ހުއްޓުވަން ފުރަތަމަ ދުވަހުން ފެށިގެން ހުރަސް އެޅިގެން ދިޔަ އެވެ.

މިކަން ހުއްޓުވަން ކަމަށް ބުނެ ސަރުކާރުން ގަވައިދެއް ވެސް އެކުލަވައިލި އެވެ. އެކަމަކު "ބާރު ގަދަ" އަތް ތަކަކެއްގެ ސަބަބުން އެ ގަވައިދާއެކު ކުރިއަށްދާން ވަނީ އަނެއްކާ ވެސް ހުރަސް އެޅިފަ އެވެ. އެންމެ ފަހުން ޓްރާންސްޕޯޓް އޮތޯރިޓީން މިކަން ހުއްޓުވަން ހެދި ގަވައިދު ވެސް އިއްޔެ ވަނީ އުވާލާފަ އެވެ.

"ގަވައިދު ހެދިޔަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމީހުން [އެޖެންޓުން] އެއަކަށް އަމަލެއް ނުކުރޭ. ނަގަމުން ދިޔަ ފީތައް ނެގުން ހުއްޓައެއް ނުލި. ސަރުކާރަށް ބާރެއް ނެތް، އެކަން ދިޔައީ ކުރިއަށް. އެންމެ ފަހުން ހެދި ގަވައިދު އެ އުވާލީ. މިއިން އެނގޭ ނޫން ތޯ މީގެ ބާރުގަަދަ ކަން،" މިކަން ހިންގަމުން ދާ ގޮތް ކައިރިން ބަލަމުން ގެންދާ ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ރާއްޖޭގެ ޝިޕިން އެޖެންސީ ތަކުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން ދިއުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވާތީ، ޓްރާންސްޕޯޓް އޮތޯރިޓީން ގަވައިދެއް ގެޒެޓް ކުރީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ޝިޕިން އެޖެންސީތަކުން ހިދުމަތް ދިނުމުގެ ނަމުގައި ހަދާފައިވާ އެ ގަވައިދުގައި ބުނެފައިވާ ގޮތުން، އޮގަސްޓް 16 އިގެ ފަހުން ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް އެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. ނަމަވެސް ފަހުން މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކިގޮތް ގޮތަށް މަސައްކަތްތަކެއް ކުރި އެވެ. އެންމެ ފަހުން ޝިޕިން އޭޖެންޓުން ރަޖިސްޓްރީވާން އޯގަސްޓް 16 ވަނަ ދުވަހު އިތުރު މުހުލަތެއް ދިނެވެ. އެ މުހުލަތު ފަހަނަ އަޅައި ދިޔައިރު ވެސް އެމީހުން މި ގަވައިދަށް އަމަލު ކުރާކަން ބޭނުމެއް ނުވި އެވެ. އެހެންވެ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިއުމެއް ހުށަހަޅައިގެން ނޫން ގޮތަކަށް ވިޔަފާރި ބަނދަރުގައި ހިދުމަތް ނުދެވޭނެ ކަމަށް ކަސްޓަމްސް އިން އެންގި އެވެ. އެކަމަކު އެ އެންގުމަކަށް ވެސް އެޖެންޓުން ބޮލެއް ނުލެނބި އެވެ. "ގަދަފައި ވިއްދާފައި" އެ މީހުން ބޭނުންވާ ގޮތަށް މަސައްކަތް ކުރަމުން ގެންދިޔައީ އެވެ.

ދެން އައީ ޝިޕިން އެޖެންޓުން ފީނެގުމުގައި "އުޒުރެއް" ގެ ގޮތު ކުރިން ދައްކަމުން އައި އެމްޕީއެލްއިން ނަގާ 30 ޕަސެންޓް ސާޗާޖް އުވާލަން އެ ކުންފުނިން ނިންމި ތަނެވެ. ނަމަވެސް އެންމެ ފަހުން ފެނިގެން މި ދިޔައީ މައްސަލަ ހައްލުކޮށް ރާއްޖެއަށް ލިބޭ ގެއްލުން ހުއްޓުވަން ޓްރާންސްޕޯޓުން ނެރުނު ގަވައިދު ހަމަ އެ މިނިސްޓްރީން އުވާލި ތަނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި ގަވައިދު އުވާލުމާ ހަމައަށް ކަންކަން ދިޔައީ ޝިޕިން އެޖެންޓުން އިކޮނޮމިކް މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލުކުރި ހިސާބުންނެވެ. އޭގެފަހުން މި މައްސަލަވަނީ "އެންމެ މައްޗަށް" ވެސް ގެންގޮސްފަ އެވެ.

"މިއީ ވަރަށް ދެރަކަމެއް، ވަރަށް ބޭއިންސާފު ކަމެއް... ނެގިގެން ނުވާނެ ފީތަކެއް މިއީ. މުދަލުގެ އަގު ވެސް މަތިވާނެ ސަބަބެއް މިއީ،"
"މައި މޫތައް" ސްރީލަންކާއާ ހަމައަށް ދެމިފައިވާ އޮޅުވާލުން އެނގޭ މީހަކު ބުންޏެވެ "މި ހިސާބަށް ގެންދިޔައަސް އަޅުގަނޑުމެން މާޔޫސެއް ނުވާނެ، މިކަމައިގެން ކުރިއަށްދާނީ. އިރާދުކުރެއްވިއްޔާ މިކަން ހުއްޓުވާނަން ކުރަންޖެހޭ މަސައްކަތް ކުރާނަން،"

މިއީ ކިހިނެއް ހިނގާ ކަމެއް؟

ޝިޕިން އެޖެންޓުން މާލެ ވިޔަފާރި ބަނދަރުން ނަގާ، މި ފީތަކުގެ ވާހަކަ އެންމެ ފުރަތަމަ ރަސްމީ ޕްލެޓްފޯމެއްގައި ދެއްކެވިގެން ދިޔައީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ކޮވިޑް-19 އާ ގުޅިގެން ބޭއްވި ވެބިނާއެއްގަ އެވެ.

ޝިޕިން ވިޔަފާރިއާބެހޭ ގޮތުން ބޭއްވި އެ ވެބިނާގައި ވާހަކަ ދައްކަވަމުން އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވެފައިވާ ގޮތުގައި މިއީ ވަރަށް ބޮޑު މައްސަލަ އެކެވެ. އޭގެ ސަބަބުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭން ބޭރު ވެގެން ދެއެވެ.

"އަޅުގަނޑު ޗައިނާ އިން ގެނައި ޝިޕްމަންޓެއް ފުލްކޮށް ސީއައިއެފް ޕޭކޮށްގެން. މުދާ އައީމަ، އޭގެ ޑެލިވަރީ އޯޑާ [ޑީއޯ] ނަގަން ދިޔައީމަ ނުދިން. އެންމެ ފަހުން އަޅުގަނޑަށް ޖެހުނީ ކޮލަމްބޯ އާއި މާލެއާ ދެމެދަށް އިތުރަށް ފައިސާ ދައްކަން. އެހެންވެ، އިތުރު 8،000ރ. ޕޭ ކޮށްގެން ނެރެން ޖެހުނީ،" އަމިއަލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ލަތީފު ވިދާޅުވެފައިވެ އެވެ.

މިކަމަކީ ހިނގާ ކަމަކަށް ވާއިރު މި މައްސަލަ ވެފައި އޮންނަނީ ވިޔަފާރިވެރިން ވެސް ދަންނަ ބޮޑު ސިއްރަކަށެވެ. މިއީ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ މައްސަލައެއް ވެސް ނޫނެވެ. އެ ކުންފުންޏަށް މިކަމުގައި ކުރެވޭނެ ކަމެއް ވެސް ނެތެވެ. މިއީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާގެ ބެލެނިވެރި ފަރާތެއް ނެތި، އަޅާލުމެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ބޮޑު މައްސަލައެއް އަދި އޮޅުވައިލާ ވިޔަފާރިއެކެވެ. މީގެ ފައިދާ ބޭރުގެ ބަޔަކު ދަނީ ރަނގަޅަށް ނަގަމުންނެވެ.

އަހަރަކު އެތައް މިލިއަން ޑޮލަރެއް ބޭރަށް!

މާލެ ވިޔަފާރި ބަނދަރަށް އިތުރު ފީތަކެއް ތައާރަފުވެގެން ގޮސްފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މާލެ ވިޔަފާރި ބަނދަރުގެ ގިނަ ވެހިކަލްތައް ހަލާކުވެ، ބަނދަރު ބޮއްސުންލި އެވެ. ހިދުމަތް ހުއްޓި ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނާ ބޯޓު ފަހަރުން މުދާ ނުބޭލި ކިޔޫ ދިގު ވެގެން ދިޔަ އެވެ. އެޖެންޓުން ތަފާތު އެކި ނަންމުގައި ފީތަކެއް ނެގެން ފެށީ އެހެންވެ އެވެ. އޭގެ ހަ އެއްކަ މަސް ފަހުން މާލެ ވިޔަފާރި ބަނދަރަށް ބޮޑު އިންވެސްޓްމަންޓެއްކޮށް އާ އުޅަނދުތައް ހޯދައި ހިންގުން ވެސް ރަނގަޅު ކުރި އެވެ. ނަމަވެސް މި ފީތަކަށް ނެގުން ހުއްޓުމެއް ނާދެ އެވެ. ރާއްޖޭގެ ލޮޖިސްޓިކްސްގައި އުޅޭ އެޖެންޓުން ދިޔައީ ފީތައް ނަގަމުންނެވެ.

"ހިތުހުރި އަގެއް ޖަހާލާފަ. ހިތުހުރި އަދަދެއް ނަގަނީ. ބައެއް ފަހަރު ޝިޕްމަންޓެއް އައީމަ އެބަ ދައްކަން ޖެހޭ 3،000 ޑޮލަރު ނޫނީ 6،000 ޑޮލަރު ވަރު އިތުރަށް،" އަވަސް އިން ކުރިން ހެދި ރިޕޯޓަށް އިންޓަވިއު ދެއްވި ވިޔަފާރިވެރިއަކު ވިދާޅުވެފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނީގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ބޭރުގެ ޝިޕިން އެޖެންޓުން ޑެލިވަރީ އޯޑާ (ޑީއޯ) ދޫކުރަން ކުރިން ކުޑަ ފީއެއް ނެގި ނަމަވެސް މިހާރު ފީތައް ނަގަމުން ދަނީ ހައްދުން ނައްޓާލާ ވަރަށެވެ.

"އޭރު 50 ޑޮލަރު ނަގަނީ. އެވެސް ދެ ގަނޑު ޕްރިންޓްކޮށްލަން. އެޑްމިން ފީއެއްގެ ގޮތުގަ. އެކަމަކު މާބޮޑު އެއްޗެއް އޭރަކު މީހުން ނުހަދާ. އެކަމު ފަހުން ހިތުހުރި އަގެއް ޖަހައިގެން ފައިސާ ނަގަން ފެށީ. މާލެ ވިޔަފާރި ބަނދަރު ބަލަހައްޓަނީ އެމްޕީއެލް އިން، އެ ކުންފުނިން ހޭންޑްލިން ޗާޖު ނެގޭނެ. އެއީ މައްސަލައެއް ނޫން. އެކަމަކު މި މީހުން [އެޖެންޓުން] ވެސް އެބަ ނަގާ ޑެސްޓިނޭޝަން ޓާމިނަލް ހޭންޑްލިންގެ ނަމުގައި ޗާޖެއް، ސުވާލަކީ މިއީ ކޮން ފީއެއް ހޭ؟ މިހެން ގޮސް ކިތަންމެ ޗާޖެއް ނަގާ،" އެހެން ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

މި އެޖެންންޓުން ފުރަތަމަ ފީތައް ނަގަން ފެށީ ކުޑަ ކޮށެވެ. ފުރަތަމަ ނެގީ ގާތްގަނޑަކަށް 50 ޑޮލަރާއި 70 ޑޮލަރުގެ ފީއެކެވެ. އެހެންވެ މިއީ ކުޑަ އަދަދެއްގެ ގޮތުގައި ބަލައި އޭރު ވިޔަފާރިވެރިން މާބޮޑު ސަމާލު ކަމެއް ނުދެ އެވެ. ނަމަވެސް ފީތަކުގެ އަދަދު ބޮޑުކޮށްލައި 50 ޑޮލަރުން ފެށި ފީތަކުގެ ލިސްޓު ދިގުކޮށްލި އެވެ މިކަން ހުއްޓުވަން ބަޔަކު ނުކުތް ސަބަބީ މިއީ އެވެ.

ގަވައިދު އުވާލައި، ރަސްމީ ފީތަކެއް

ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި މި ގަވައިދު ދެކޮޅަށް "ދަމާ ތަޅުވާފައި" އިއްޔެ ގަވައިދު އުވާލިއިރު އަނެއްކޮޅުން މި ފީތައް ވެސް ވަނީ ރަސްމީކޮށްލާފަ އެވެ. މިކަން ކޮށްފައިވަނީ ޝިޕިން އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބޭނުންވި ގޮތަށެވެ. މިކަން ހުއްޓުވަން ޝިޕިން އެޖެންޓުން އެކި ދިމަދިމާލަށް އެތައް ލިއުމެއް ވަނީ ފޮނުވާފަ އެވެ. މީގެ ބައެއް ލިއުންތައް އަވަސް އަށް ލިބިފައިވެ އެވެ.

ޝިޕިން އެޖެންޓުން ސަރުކާރުގެ އެކި ދާއިރާތަކުގައި އެދިފައިވަނީ މިކަން އެމީހުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން ދޫކޮށްލުމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީ މިވަނީ އެމީހުން "އެދުނު ގޮތަށް" މިކަން "ސެލްފް ގަވަން" ކޮށްގެން ކުރިއަށް ގެންދަން ފުރުސަތު ދީފަ އެވެ. މާނައަކީ އެޖެންޓު ކުންފުނިތަކުން ނަގަން ބޭނުންވާ ފީތައް ކަނޑައަޅާނީ އެ މީހުނެވެ. މި އެޖެންޓުން އެންމެ ފަހުން މިވަނީ ނެގޭނެ ފީތަކުން ލިސްޓެއް ވެސް އަމިއްލައަށް އާއްމުކޮށްފަ އެވެ. އެހެންވެ ހުއްޓުވަން އުޅުނު ފީތަކުގެ މައްސަލަ މިވަނީ ބާރުގަދަ އަތަކުން ހިފައްޓާފައި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އަދި މީގެ ބަދަލުގައި ފީތައް މިވަނީ ރަސްމީ ވެސް ކޮށްލާފަ އެވެ.

ފްރައިޓް ފޯވަޑާސް ތަމްސީލް ކުރާ ޖަމިއްޔާ އިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް މިމަހުގެ 14 ވަނަ ދުވަހު، ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން އެ ޖަމިއްޔާ އިން އިސް ނަގައިގެން ރާއްޖޭގެ ޝިޕިން އަދި ފްރައިޓް ފޯވަޑާސް ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކާއެކު މަޝްވަރާކޮށް ކަސްޓަމަރުންނަށް ބިލް ކުރާނެ އަގު ތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ކުންފުނިތަކުން ދެން ނަގާނެ ފީތައް

  • ޑެލިވަރީ އޯޑާ ޗާޖު: (ޑީއޯއަކަށް 100 ޑޮލަރު)
  • އެސްއީއާރު ފީ (30 ޑޮލަރު)
  • އޯސީއާރު ފީ (75 ޑޮލަރު)
  • އޭޕީސީއާރު ފީ (50 ޑޮލަރު)

އެ ޖަމިއްޔާގެ ސިޓީގައިވާ ގޮތުން އޭޕީސީއާރުގެ ނަމުގައި މިހާރު ނަގަމުންދާ ފީ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ އެވެ. އަދި އަގުގެ އިތުރުން ފްރައިޓް ފޯވަޑާއި ޗާޖު ނުހިމެނޭ ޝިޕްމަންޓަކުން އެފްސީއެލްއަކަށް 195.50 ޑޮލަރު ނަގާނެ އެވެ. އަދި ކޮންމެ ޓީއީޔޫއެއް އަދި އެލްސީއެލް އަކުން ނަގާނީ 19.50 ޑޮލަރެވެ. މީގެ އިތުރުން ފްރައިޓް ފީ މާލެ އިން ދިވެހި ރުފިޔާ އިން ދައްކާނަމަ ނަގާނީ އެ ކުންފުނިން ނިންމާ ގޮތަކަށެވެ.

މި ސީޓީ މިނިސްޓަރުގެ އަތްޕުޅަށް ދިޔަތާ، ދެ ދުވަސް ފަހުން، މި މައްސަލަ ހައްލު ކުރަން ޓްރާންސްޕޯޓުން ހެދި ގަވައިދު މި ވަނީ އުވާލާފަ އެވެ. މި ބަދަލުން އެނގެނީ ޝިޕިން އެޖެންޓުންގެ ބާރު މިކަމުގައި އޮތް މިންވަރެވެ. ފީތައް ނުހުއްޓުވެނީ އެޖެންޓުންގެ ތެރެއަށް ވަދެފައިވާ ބާރު ގަދަ "އަތްތަކެއްގެ" ސަބަބުންކަން މިވަނީ ޔަގީންވެފަ އެވެ.