ވިޔަފާރި

އަގު ނެގުން ކޮންޓްރޯލްކޮށް، ޝިޕިން އެޖެންޓުންގެ ގަވައިދު ނެރެފި

މާލެ ވިޔަފާރި ބަނދަރުން ޝިޕިން އެޖެންޓުން ހިތުހުރި ގޮތަކަށް ނަގަމުން ދިޔަ ފީތައް ލިމިޓުކޮށް، ނެގޭނެ ފީތައް ކަނޑައަޅައި، ޝިޕިން އެޖެންޓުންގެ އާ ގަވައިދުގެ އަލުން ގެޒެޓް ކޮށްފި އެވެ.

އަވަސް އޮންލައިންނުން ހެދި އަޑި ނޭނގޭ ވިޔަފާރިއެއް ސިއްސައިގެންދާ ބޮޑު އަދަދެއް އިންވެސްޓިގޭޓިވް ރިޕޯޓުން ފެންމަތިވި ޝިޕިން އެޖެންޓުން ހިތުހުރި ގޮތަކަށް ފީ ނަގަމުންދާ މައްސަލާގައި ޓްރާންސްޕޯޓް އޮތޯރިޓީން ފުރަތަމަ ނެރުނު ގަވައިދު ޑަސްބިނަށް ލުމުން ފާޑުކިޔުންތައް އަމާޒުވުމުން ދެވަނަ ފަހަރަށް ނެރުނު ގަވައިދުގައި އެޖެންޓުންނަށް ހިތު ހުރި ގޮތަކަށް ފީ ނުގެނޭ ގޮތަށް ވަނީ ބަދަލު ގެނެސްފައި ވެއެވެ.

ޓްރާންސްޕޯޓުން ނެރެފައިވާ އާ "ޝިޕިން އޭޖެންސީއާ ބެހޭ ގަވާއިދު" ގައިވާ ގޮތުން މި ވިޔަފާރި ކުރަން ލައިސަންސް ދެވޭނީ
100 ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކާއި ޕާޓްނާޝިޕް ތަކަށެވެ.

އަލަށް ގަވައިދު ނެރުނުއިރު އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ ކުރިން ބަނދަރުން ހިތު ހުރި ގޮތަކަށް ނަގަމުން ދިޔަ ފީތައް ނުގެނޭ ގޮތަށް ބަދަލު ގެނެސްފައި ވުމެވެ.

ފުރަތަމަ ޑެލިވަރީ އޯޑާ ދޫކުރަން ނަގަމުން ގެންދިޔައީ ގާތްގަނޑަކަށް 50 ޑޮލަރާއި 70 ޑޮލަރުގެ ފީއެކެވެ. ނަމަވެސް ފަހުން އެއަދަދު 400 ޑޮލަރުން ފެށިގެން މަތި ކުރި އެވެ. އަދި މި ނޫން ވެސް ތަފާތު އެކި ނަންނަމުގައި ފީތައް ނަގަން ފެށި އެވެ. އޭގެ ސަބަބުން ކަނޑުމަގުން ކޮންޓެއިނާގައި މުދާ ގެންނަ ވިޔަފާރިވެރިންގެ އަތުން ކޮންމެ ޝިޕްމަންޓަކަށް ދައްކަން ޖެހޭ އަދަދު އެތައް ހާސް ޑޮލަރަށް އިތުރު ވެގެން ދިޔަ އެވެ.

އާ ގަވައިދުގައި ނެގޭނެ ފީތަކާއި ޑީއޯއަށް ފީ ނެގޭނެ މިންވަރު ވެސް ބުނެދީފައިވެ އެވެ. މި ގަވައިދުގައިވާ ގޮތުން ގަވައިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި މުދާ ގެންނަ ކޮންސައިނީ އާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ އެވެ.

މިހާރު ޑީއޯ ނެގޭނެ ގޮތް

  • ޑީއޯ ޗާޖު: ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށް ވުރެ ގިނަ ސީބީއެމް ހިމެނޭނަމަ ނަމަ: 771ރ.
  • ޑީއޯ ޗާޖު: ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަނަމަ: 385.50ރ.
  • ޑީއޯ ޗާޖު: މި މާއްދާގެ (ށ) ގެ (1) އަދި (2) ގައި ނުހިމެނޭ މުދަލަކަށް ދޫކުރާ ޑީއޯ އަކަށް 385.50ރ.
  • ޑީއޯޯ ޗާޖު: އެމެންޑްމަންޓް ޗާޖު: 385.50ރ.

މި ގަވައިދާ ހިލާފު ވެއްޖެނަމަ އަޅާ ފިޔަވަޅުތައް ވެސް ބުނެދީފައިވެ އެވެ. ގަވާއިދުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ ފަރާތެއް ޖޫރިމަ ނާކޮށް ހިދުމަތުގެ ލައިސަންސް ބާތިލު ކުރެވޭނެ އެވެ.

  • ފުރަތަމަ ފަހަރު 1،000 ރުފިޔާގެ ޖޫރިމަނާ
  • ދެވަނަ ފަހަރު 10،00 ރުފިޔާގެ ޖޫރިމަނާ
  • އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާގެ ޖޫރިމަނާ

ޓްރާންސްޕޯޓް އޮތޯރިޓީން އާ ގަވައިދު ގެޒެޓުކޮށްފައި ވަނީ ފްރައިޓް ފޯވަޑާސް ތަމްސީލް ކުރާ ޖަމިއްޔާއިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް މިދިއަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު، ފޮނުވާފައިވާ ސިޓީއެއްގައި ފީ ނެގޭނެ ގޮތް ބުނެދޭން މަސައްކަތް ކޮށްފައި ވަނިކޮށެވެ. ނަމަވެސް އާ ގަވައިދުގައި އެ ޖަމިއްޔާއިން ބުނެފައިވާ ހުރިހާ ބައިތަކެއް ހިމަނާފައެއް ނުވެ އެވެ.

އެހެންވެ، އަލަށް ނެރުނު ގަވައިދާ މެދު މުދާ އެތެރެކުރާ ވިޔަފާރިވެރިން ތިބީ ހިތްހަމަ ޖެހިފަ އެވެ. އަަލަށް ނެރުނު ގަވައިދާ ބެހޭ ގޮތުން މިއަދު އަވަސް އަށް ވާހަކަ ދެއްކި މުދާ އެތެރެ ކުރާ ކުންފުނިތަކުގެ ވެރިން ބުނީ މިހާރު ގަވައިދު އޮތް ގޮތުން ހިތްހަމަ ޖެހޭ ކަމަށާ، އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިހާރު މި އޮތީ ހިތު ހުރި ގޮތަށް ފީތައް ނުނެގޭނެ ގޮތަށް ބަދަލު ކޮށްފައި. މިއީ ލިބުނު ބޮޑު ކާމިޔާބީއެއް. ވަރަށް ބައިވަރު ފައިސާ މި ސޭވް ވެގެން ދިޔައީ،" ކޮންމެ މަހަކު 200 އެއްހާ ކޮންޓެއިނާ ގެންނަ ކުންފުންޏެއްގެ އިސްވެރިއަކު މިއަދު ވިދާޅުވި އެވެ.