ޝިޕިން އެޖެންސީ ހިންގުމުގެ ގަވައިދާ ހިލާފަށް ބޮޑު އަގު ނަގާ ޝިޕިން އެޖެންޓުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.
މާލެ ވިޔަފާރި ބަނދަރަށް ގެންނަ މުދަލަށް ހިތުހުރި ގޮތަށް ބޮޑު އަގު ނަގަމުންދާ މައްސަލާގައި އަވަސް އިން ހެދި އިންވެސްޓިގޭޝަން ރިޕޯޓުން ފެންމަތިވި މައްސަލަ ހުއްޓުވަން ޓްރާސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ގަވައިދެއް ހަދައި ގެޒެޓުކޮށް، އެއަށް އަމަލު ކުރަން ފަށަން އަންގާފަ އެވެ. އެ ގަވައިދުގައިވާ ގޮތުން ކުރިން ހިތު ހުރި ގޮތަކަށް ނަގަމުން ދިޔަ އަގުތަކެއް ނުނެގޭނެ އެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ގަވައިދާ ހިލާފަށް އަމަލުނުކޮށް ބޮޑު އަގުތައް ނަގާ ފަރާތްތަކުގެ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހިއްސާ ކުރަން ވެސް އެދިފަ އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން ނަޒީރު އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މި ގަވައިދު ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާ، ގަވައިދާ ހިލާފަށް ބޮޑު އަގުގައި ފީތައް ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަަށެވެ.
"ގަވައިދު ތަންފީޒު ކުރާނަން. މިހާރު ވެސް ޝަކުވާ ލިބެމުން އެބަދޭ. އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" ނަޒީރު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މި ގަވައިދު "ބޮލާލައި ޖަހައި" ބައެއް ކުންފުނި ތަކުން މިހާރުވެސް ދަނީ ބޮޑު އަގުގައި ފީތައް ނަގަމުންނެވެ. އަވަސް އަށް ލިބިފައިވާ ގިނަ އަދަދެއްގެ ޓެކްސް އިންވޮއިސްތަކުގައިވާ ގޮތުން ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަން އާއި ލިލީ ޝިޕިން އެންޑް ޓްރޭޑިން އިން މި ގަވައިދާ ހިލާފަށް ފީ ނަގަމުން ގެންދެ އެވެ. ބައެއް ކުންފުނި ތަކުން އެއް ބޯޓަކުން އެއް މުއްދަތެއްގައި ގެންނަ މުދަލަށް ތަފާތު އަގުތައް ވެސް ނަގަމުން ދެ އެވެ. މި އިންވޮއިސްތަކުގައިވާ ގޮތުން ފްރައިޓް ޗާޖާއި ބަންކަރު ޗާޖު އަދި ޑެސްޓިނޭޝަން ހޭޑްލިން ޗާޖުގެ އިތުރުން ލައިނާ ޗާޖާއި ސީޒަނަލް އިކްއިޕްމަންޓް ޗާޖުގެ ނަމުގައި ފީތަކެއް ނަގަ އެވެ.
އަލަށް ހެދި "ޝިޕިން އޭޖެންސީއާ ބެހޭ ގަވާއިދު" ގައިވާ ގޮތުން މި ވިޔަފާރި ކުރަން ލައިސަންސް ދެވޭނީ 100 ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކާއި ޕާޓްނާޝިޕް ތަކަށެވެ. ނަމަވެސް މި ވިޔަފާރި ރާއްޖޭގައި ކުރަނީ އަވަށްޓެރި ގައުމުތަކުގެ ކުންފުނިތަކުންނެވެ.
އަލަށް ގަވައިދު ނެރުނުއިރު އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ ކުރިން ބަނދަރުން ހިތު ހުރި ގޮތަކަށް ނަގަމުން ދިޔަ ފީތައް ނުގެނޭ ގޮތަށް ބަދަލު ގެނެސްފައި ވުމެވެ. މި ގަވައިދުގައި ނެގޭނެ ފީތަކާއި ޑީއޯ އަށް ފީ ނެގޭނެ މިންވަރު ސާރުކޮށް ވެސް ބުނެދީފައިވެ އެވެ. މި ގަވައިދުގައިވާ ގޮތުން ގަވައިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި މުދާ ގެންނަ ކޮންސައިނީ އާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ އެވެ.
ވިޔަފާރި ބަނދަރުން ޝިޕިން އެޖެންސީތަކުން ފީތަކެއް ނަގަން ފަށާފައިވަނީ 2016 ގަ އެވެ. ފުރަތަމަ ޑެލިވަރީ އޯޑާ ދޫކުރަން ނަގަމުން ގެންދިޔައީ ގާތްގަނޑަކަށް 50 ޑޮލަރާއި 70 ޑޮލަރުގެ ފީއެކެވެ. ނަމަވެސް ފަހުން އެ އަދަދު މަތިވެ، 400 ޑޮލަރަށް ވުރެ މަތި ވެގެން ދިޔަ އެވެ. އަދި މި ނޫން ވެސް ތަފާތު އެކި ނަންނަމުގައި ފީތައް ނަގަން ފެށި އެވެ. އޭގެ ސަބަބުން ކަނޑުމަގުން ކޮންޓެއިނާގައި މުދާ ގެންނަ ވިޔަފާރިވެރިންގެ އަތުން ކޮންމެ ޝިޕްމަންޓަކަށް ދައްކަން ޖެހޭ އަދަދު އެތައް ހާސް ޑޮލަރަށް އިތުރު ވެގެން ދިޔަ އެވެ.