މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ގަރާޖުތަކުން އުސޫލުތަކަށް އަމަލުކުރޭތޯ ބަލަނީ

މާލެ ސަރަހައްދުގައި މިހާރު ހުރި ގަރާޖުތައް ހިންގަނީ ގަވައިދާ އެއްގޮތަށްތޯ އާއި އުސޫލާ ހިލާފަށް ރޯޑްވާދިނަސް ހައްދައިދޭ ގަރާޖުތައް ހުރިތޯ ބެލުމަށް ދޭތެރެ ދޭތެރެއިން މޮނީޓާ ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ބައެއް ގަރާޖުތަކުން ރޯޑްވާދިނަސް ހަދައިދެނީ އުސޫލުތަކާއި ހިލާފަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިއަހަރު މެދުތެރޭގައި ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަވައިދާ އެއްގޮތައް ކަންކަން ބަދަލު ކުރުމަށް ގަރާޖުތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މި އަހަރު ކުރި އިއުލާނެއްގައިވާ ގޮތުން މާޗް 7 އިން އޮގަސްޓް އެކަކަށް ރޯޑްވާދިނަސް ހައްދައިދޭ ގަރާޖުތައް ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކޮށް އަލުން ގަރާޖު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

މި އިއުލާނާއެކު މިނިސްޓްރީއަށް ލިބުނު ހުށަހެޅުންތައް ބަލައިގަނެ އެ ގަރާޖުތައް ހުރީ އުސޫލުތަކާ އެއްގޮތަށްތޯ ބަލާފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ބައެއް ގަރާޖު ތަކުގައި ސްމޯކް އެނެލައިޒާ ނުވަތަ އުޅަނދުތަކުން އަރާ ދުމުގެ ނުރައްކާ ހުރި މިންވަރު ދެނެގަނެވޭ މެޝިން ނެތްކަން ފާހަގަކުރެވޭތީ އެތަންތަނުގެ ހުށަހެޅުން ބާތިލްކޮށް އެކަން އިސްލާހުކުރަން ފުރުސަތު ދީފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފާ ބައެއް ގަރާޖްތަކުން ސްމޯކް އެނެލައިޒާ ގެނައުމުން އަލުން ހުއްދަ ދީފައިވާނެ ކަމަށެވެ.

"މިނިސްޓްރީން ބޭނުންވަނީ ހުރިހާ ގަރާޖުތަކެއްވެސް ގަވައިދާ އެއްގޮތަށް ހުންނަން. އެހެންކަމުން ހުރިހާ ގަރާޖުތަކެއްވެސް ގަވައިދާ އެއްގޮތަށް ކަންކަން ބަދަލު ކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް،" އޮފިޝަލް ވިދާޅުވި އެވެ.