ޝިޕިން އެޖެންޓުން ވިޔަފާރި ބަނދަރުން ނަގަމުންދާ ފީތައް ހުއްޓުވަން، ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ގަވާއިދު އުވާލި މައްސަލާގައި ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު 70 ކުންފުނީގެ އެންމެ އިސްވެރިންގެ ސޮޔާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ގެންގޮސްފި އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް އެޑްރެސްކޮށް ރާއްޖޭގެ 70 ވިޔަފާރި ކުންފުންޏެއްގެ އިސްވެރިންގެ ސޮޔާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ލާފައިވާ ޕެޓިޝަންގެ ކޮޕީއެއް އަވަސްއިން ވަނީ ހޯދާފަ އެވެ.
މި ޕެޓިޝަން ލާފައި ވަނީ ޝިޕިން އެޖެންޓުން އެއްވެސް ހަމައެއް އުސޫލެއް ނެތި މާލޭ ވިޔަފާރި ބަނދަރުން ގިނަ ފީތަކެއް ނަގަމުންދާ މައްސަލާގައި އަވަސް ނޫހުން ހެދި އިންވެސްޓިގޭޝަން ރިޕޯޓް "އަޑި ނޭނގޭ ވިޔަފާރިއެއް: ސިއްސައިގެންދާ ބޮޑު އަދަދެއް!" ގެ މައްސަލަ ހޫނުވެ، އެކަން ބޮޑު ބަހުސަކަށް ދިއުމަށް ފަހު އެ ފީތައް ނެގުން ހުއްޓުވަން ސަރުކާރުން ހެދި ގަވައިދު ސަރުކާރު އިސްވެ ކުއްލި ގޮތަކަށް އުވާލި މައްސަލައާ ގުޅިގެންނެވެ.
ވިޔަފާރިވެރިންގެ ގިނަ ބަޔަކު ހިމެނޭ ގޮތަށް އޭސީސީއަށް ލާފައިވާ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ޝިޕިން އެޖެންޓުންގެ ގަވައިދު، ޖުލައި 16، 2020 ގައި ނެރުނު ނަމަވެސް އެ ގަވައިދު ތަންފީޒު ކުރަން އެއްވެސް މަސައްކަތެއް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައެއް ނުވެ އެވެ.
އަދި އޭގެ މަސް ދުވަސް ފަހުން މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ކުއްލި ގޮތަކަށް އެ ގަވައިދު އުވާލުމާ ގުޅިގެން އެ ފަރާތްތަކުން ވަނީ އެއީ ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް ބުނެ ގިނަ ނުކުތާތަކެއް ވެސް ފާހަގަ ކޮށްފަ އެވެ. އެ ފަރާތްތަކުން ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އެ ނިންމުމަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަމިއްލަ ފުޅަށް ނިންމެވި ނިންމުމެކެވެ.
ގިނަ އަދަދެއްގެ ވިޔަފާރިވެރިން ސޮއިކޮށް ލާފައިވާ އެ މައްސަލާގެ ލިޔުމުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ އަކުރު (ހ) ގައި ބަޔާންކޮށްފައި އޮންނަ ގޮތުން، ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކާ ގުޅިގެން ނުވަތަ އެ ފަދަ މުވައްޒަފެއްގެ ވަޒީފާ ބޭނުން ކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމާއި ހޯދުމަކީ ކުށެއް ކަމަށް އޮންނަ އޮތުން ފާހަގަކޮށް، ގަވައިދު އުވާލި މައްސަލައަކީ އެފަދަ މައްސަލައެއް ކަމަށް ބުނެފައި ވެއެވެ.
ފާހަގަ ކޮށްފައިވާ ބައެއް ކަންކަން
- ޝިޕިން އެޖެންސީ ގަވައިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީ ނުވަތަ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީންކަން ގަވައިދުގައި އޮތުން
- ގަވައިދު އުވާލައި ޝިޕިން އެޖެންޓުންނަށް ފައިސާ ނެގޭ ގޮތަށް ހަމަ ޖެއްސުމަށް މިނިސްޓަރު އިންޓާނަލް މެމޯއަކުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް އަންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވުން
- ގަވައިދު ތަންފީޒު ނުކުރެވޭތީ ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން ތަކުރާރުކޮށް އެކަން މިނިސްޓަރަށް އަންގާފައިވާކަމުގެ މައުލޫމާތު ލިބުން
- ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވައިދުގެ ދަށުން ގާނޫނު ތަންފީޒު ކުރަން ކަނޑައަޅަން ޖެހޭ އުސޫލުތައް ކަނޑައެޅުމާއި އެ އޮތޯރިޓީގެ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ އޮތޯރިޓީގެ ބޯޑުގެ މަސައްހޫލިއްޔަތަކަށްވުން
- 2016 / 3 ގެ 23 ވަނަ މާއްދާގައިވާ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ބޯޑުގެ ލަފާގެ ދަށުން ހިންގާނީ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަ ފަރާތް ކަމަށް އޮތުން
- މިއީ ބޯޑުން ފާސް ކުރުމެއްނެތި މިނިސްޓަރު އަމިއްލަފުޅަށް ކުރެވޭނެ ކަމެއް ނޫންކަން
- ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގައި ހިލާފަށް ޝިޕިން އެޖެންސީގެ ގަވައިދު ބޯޑުން ފާސް ކުރުމެއްނެތި ބާތިލް ކުރުން
ޝިޕިން ގަވައިދު "ކުނި ވަށިގަނޑަށް" ލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފްރައިޓް ފޯވަޑާސް ތަމްސީލް ކުރާ ޖަމިއްޔާ އިން ސިޓީއެއް ފޮނުވުމާއެކުގަ އެވެ. އަވަސް އިން ވަނީ އެ ސިޓީވެސް ހޯދާފަ އެވެ.
އެ ސިޓީގައި އަލަށް ވިޔަފާރި ބަނދަރުން ނެގޭނެ ފީތައް ވަރަށް ތަފުސީލުކޮށް ބުނެފައިވެ އެވެ. އަދި އެކަންކަމާއި އަގުތައް ވެސް ނިންމާފައި ވަނީ ފްރައިޓް ފޯވަޑާސް ތަމްސީލް ކުރާ ޖަމިއްޔާއިންނެވެ.
ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ފީތައް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މާލޭ ވިޔަފާރި ބަނދަރުގެ ގިނަ ވެހިކަލްތައް ހަލާކުވެ، ބަނދަރު ބޮއްސުންލި އެވެ. ހިދުމަތް ހުއްޓި ރާއްޖެއަށް މުދާ ހިފައިގެން އަންނަ ކޮންޓެއިނާ ބޯޓު ފަހަރުން މުދާ ނުބޭލި ކިޔޫ ދިގު ވެގެން ދިޔަ އެވެ. އެޖެންޓުން ތަފާތު އެކި ނަންމުގައި ފީތަކެއް ނެގެން ފެށީ އެހެންވެ އެވެ.
އޭގެ ހަ އެއްކަ މަސް ފަހުން މާލޭ ވިޔަފާރި ބަނދަރަށް ބޮޑު އިންވެސްޓްމަންޓެއްކޮށް އާ އުޅަނދުފަހަރާއި ސާމާނާއި އާލާތް ހޯދައި ހިންގުން ވެސް ރަނގަޅު ކުރި އެވެ. ނަމަވެސް މި ފީތަކަށް ނެގުން ހުއްޓާލާފައެއް ނުވެއެވެ. ކުރިއެކޭވެސް އެއް ގޮތަށް ރާއްޖޭގެ ލޮޖިސްޓިކްސްގައި އުޅޭ އެޖެންޓުން ދިޔައީ ފީތައް ނަގަމުންނެވެ. މި ފީތައް ނަގަނީ ޝިޕިން އެޖެންޓުން ޑެލިވަރީ އޯޑާ (ޑީއޯ) ދޫކުރުމުގެ ނަމުގަ އެވެ. ފުރަތަމަ 50 ޑޮލަރު ޑީއޯއަކަށް ނެގި ނަމަވެސް ފަހުން އިތުރު ފީތަކާއެކު އަގުތައް ވަނީ ބޮޑުތަނުން މަތިކޮށްފަ އެވެ. ލަފާކުރެވޭ ގޮތުގައި ކޮންމެ އަހަރަކު މިގޮތަަށް އެތަށް މިލިއަން ޑޮލަރެއް ދަނީ ރާއްޖޭން ބޭރުވެގެން ދެ އެވެ.