ހަބަރު

ޝިޕިން އޭޖެންޓުން ރަޖިސްޓްރީވާން އިތުރު މުއްދަތު ދީފި

Aug 16, 2020

މިދިއަ މަހު އެކުލަވައިލި އާ ގަވައިދުގެ ދަށުން، ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިއުން ހުށަހަޅަން ޖެހޭ މުއްދަތު އިތުރު ކޮށްދީފި އެވެ.

ރާއްޖޭގެ ޝިޕިން އެޖެންސީ ތަކުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން ދިއުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓް ކޮށްފައިވާ ޝިޕިން އެޖެންސީތަކުން ހިދުމަތް ދިނުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ.

މޯލްޑިވްސް ކަސްޓަމަސް ސާވިސް އިން މީގެ ކުރިން ބުނެފައި ވަނީ އެޖެންޓުންގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ދިން މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ނަމަވެސް، ކަސްޓަމުން އިއްޔެ ވަނީ އެ ލިޔުން ހުށަހަޅަންޖެހޭ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްދީފަ އެވެ.

އެ ދުވަހުގެ ފަހުން، އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި ލައިސަންސް އާ ކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން ވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިއުން ހުށަހަޅަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އާ ގަވައިދުގެ ދަށުން ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ. ކޮންސައިނީއަށް ޑެލިވަރީ އޯޑާ ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓްގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑް މިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500ރ. ގެ ފީއެއް ނެގިދާނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކޮށް، އެކަން ތަކުރާރު ނުކުރުމަށް ލިޔުމަކުން އަންގަންވާނެ ކަމަށެވެ. މި ގަވާއިދާ ތަކުރާރުކޮށް ހިލާފު ވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހިގީގަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހުތިޔާރު، ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެ އެވެ.

ރާއްޖެ އަށް މުދާ ގެނެސްދޭ ބޭރުގެ ކުންފުނިތަކުން ތަފާތު އެކި ނަން ނަމުގައި ފީތައް ނެގުމަކީ އާއްމު ކަމެކެވެ. މި މައްސަލައާ އާއި ޝިޕިން ދާއިރާއާ ބެހޭ ގޮތުން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) ބޭއްވި ވެބިނާއެއްގައި ވާހަކަ ދައްކަވަމުން، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ ރާއްޖެ މުދާ ގެންނަ ކުންފުނި ތަކުން ބޭރުގެ ބަނދަރުތަކުން ނުނެގޭ ފީތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި މައްސަލަ ދިމާވަމުންދަނީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެކި ނަން ނަމުގައި ފީތައް ނެގުމުގެ މައްސަލައަކީ މި ފަދަ ވިޔަފާރިތަކުގައި "އިންޓަ މީޑިއޭޝަން" ނުވަތަ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ގިނަ ވުމުން ދިމާވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.