ރިޕޯޓް

ރަސްފަރި ފަރަށް އާގުބޯޓު އެރީ ކިހިނެއް؟

Aug 25, 2021
4

މި މަހުގެ 19 ވަނަ ދުވަހުގެ 12:00 ވާން ކައިރިވެފައި ވަނިކޮށް އާއްމު ވެގެން ދިޔަ ހަބަރަކީ ރާއްޖޭގެ ފަރަށް ވަރަށް ބޮޑު ބިޔަ ބޯޓެއް އުރުނު ހަބަރެވެ. ގިނަ އިރެއް ނުވެ އެ ބޯޓު ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެ ފޮޓޯ ތަކުން ފެނުނީ ބޮޑު ބިޔަ އާގު ބޯޓެއް ރާއްޖޭގެ ފަރެއްގެ މައްޗަށް އަރި ހުރަހަށް އަރާ ބީހިފައި އޮތް ތަނެވެ. މި ހިސާބުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނީ ގާދޫކޮލު ނުވަތަ ފުލްމޫން ކަޅިން ނުވަދެވޭ ވަރުގެ ބިޔަ އުޅަނދެއް ރާއްޖޭގެ ރަށެއްގެ ފަރުމައްޗަށް ލައްވި ގޮތެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު މި އުޅަނދު ރަސްފަރި ފަރަށް އެރިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރޭކާލީ ވެސް އެ ދުވަހުގެ މެންދުރުން އެނބުރި ފަހުންނެވެ. އެކަން އެންގީ ވެސް މަސްވެރިންނެވެ. މި ބޯޓު ލައްވެފައި ވަނީ ކ. އަތޮޅުން ނުކުންނަ އަނގަމަތީގައި އޮންނަ ރަސްފަރި ފަރަށެވެ.

މި ހާދިސާއަށްފަހު މިހާތަނަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނިހާ ވެސް ވާހަކައަކީ ބޯޓު ފަރަށް އެރީ އޭގެ ބޯޓުގެ އިންޖީނު ފެއިލްވެ ނޫނީ ހުއްޓިގެނެވެ. ރާއްޖޭގެ ފަރެއްގެ މައްޗަށް ބޯޓު އެރި ނަމަވެސް މި ބޯޓަކީ ރާއްޖެއާ އެއްވެސް ގުޅުމެއް ހުރި ބޯޓެއް ނޫނެވެ. އޭގެ މަންޒިލަކީ ދެކުނު އެފްރިކާ އެވެ.

މި ބޯޓު މި ފަރާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ؟ ގުދުރަތީ ގޮތުން ރީތި - ހިމާޔަތްކޮށްފައިވާ މި ފަރުމައްޗަށް މި ބޯޓު އެރީ ކިހިނެއް ހެއްޔެވެ؟ ބޯޓު ފަރަށް ލައްވުން ހުއްޓުވަން އިތުރު މަސައްކަތެއް ނުކުރެވުނު ހެއްޔެވެ؟ ބޯޓު އަރަމުންދާކަން ދުރާލާ ސަރުކާރުގެ އިދާރާތަކަށް އެނގޭ ހެއްޔެވެ؟ ދިވެހި ސަރުކާރުގެ މޮނިޓަރިން ސިސްޓަމްތައް ކޮބައި ހެއްޔެވެ؟

ކެޕްޓަންގެ އަމަލުތައް - ތަޖުރިބާކާރުންގެ ސުވާލެއް

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދިޔަ މި ބޯޓު ރާއްޖެ ސަރަހައްދުން ދަތުރު ކުރަން ޖެހެ އެވެ. ދުނިޔޭގެ މެރިޓައިމް ގާނޫނުތައް ބުނާ ގޮތުން މިޒާތުގެ ބޯޓެއް ވަންނަ ކޮންމެ ފަހަރަކު ބޯޓު ވަންނަ ވާހަކަ އަންގަން ލާޒިމެއް ނޫނެވެ. ނަމަވެސް މި ހާދިސާގައި މައްސަލައަކީ ބޯޓުގެ އިންޖީނަށް މައްސަލައެއް ޖެހިފައިވާކަން ކޯސްޓްގާޑަށް ނުވަތަ އެހެން އިދާރާއަކަށް ނަމަވެސް ނޭނގުމެވެ. އަދި ބޯޓު ފަރަށް އަރަމުން ދިޔައިރު ބޯޓުގެ ކެޕްޓަން އަމަލު ކޮށްފައިވާ ގޮތާމެދު މި ދާއިރާގެ ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފަ އެވެ.

ބޭރުގެ ބޯޓު ފަހަރު ދުއްވުމުގައި ހަރަކާތްތެރިވި އަދި މިހާރު ޓްރާންސްޕޯޓް ހިދުމަތްދޭ ކުންފުންޏެއް ހިންގާ ސެންޗޫރިއަން ކުންފުނީގެ ވެރިޔާ، ކެޕްޓަން އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވި ގޮތުގައި ބޯޓު އަރަމުންދާކަން އެނގުނު ހިސާބުން ކަމާބެހޭ ފަރާތްތަކަށް އަންގައި ނަގިލި ލާން ޖެހެ އެވެ. ނަމަވެސް ނަގިލި ނުލީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރާއްޖޭގެ ރާޑަރުތަކުގެ "ލޯ" ކޮބާ؟

ބޯޓު ފަރަށް އެރީ ކެޕްޓަންގެ އިހުމާލުންތޯ ނުވަތަ ނޫންތޯ އެނގޭނީ މި ހާދިސާ ތަހުގީގުކޮށް ނިމުމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އާންމުން އުފައްދާ ސުވާލެއް އެބައޮތެވެ. ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މޮނީޓާ ކުރެވޭ ހެއްޔެވެ؟ ރާއްޖެ ސަރަހައްދުގައި އިންޑިއާއިން ބަހައްޓައި ދިން ރާޑަރުތައް ބޭނުން ކުރަނީ ދިވެހިންނަށް އެންމެ ބޭނުންތެރި ގޮތުގައި ހެއްޔެވެ؟ ނުވަތަ އޭގެ ބޭނުމަކީ "ޖިއޯ ޕޮލިޓިކްސް" ގައި އަމިއްލަ އެދުން ފުއްދުން ހެއްޔެވެ؟

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނާވިއޮސް އާމަލިސް" އާގު ބޯޓުގައި މުދަލެއް ނެތެވެ. ނަމަވެސް މި ބޯޓުގައި 1220.89 ޓަނުގެ ހެވީ ފިއުލް އާއި 89.5 ޓަނުގެ މެރިން ގޭސް އޮއިލް އެބަހުއްޓެވެ. ބޯޓުގައި މުދާ ނެތުނުގެ ސަބަބުން ބޯޓު ފެންނަނީ ލުއިކޮށެވެ. ނަމަވެސް ބޯޓު ފޫދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ ރަސްފަރިފަރަށް އިތުރު ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ސަބަބަކީ މި ބޯޓުގައި ގިނަ އަދަދެއްގެ ތެޔޮ ހުރުމުންނެވެ. މިހާތަނަށް ބޯޓަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެ އެވެ. ފިލިޕީންސް އަށް ނިސްބަތްވާ 19 ފަޅުވެރިން ވެސް ބޯޓުގައި އެބަތިއްބެވެ.

ފަރަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރު

ބޯޓު އަރާފައިވާ ސަރަހައްދަށް "އަވަސް" ގެ ނޫސްވެރިން ވަނީ ޑްރޯން ޓީމާއެކު ދަތުރުކޮށްފަ އެވެ. އަވަސްގެ ނޫސްވެރިންނަށް ވަނީ މި ބޯޓު އަރާފައިވާ ފަރަށް ގެއްލުން ވަމުންދާތަން ފެނިފަ އެވެ. އެކަން ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ޔަގީންކޮށްދީފަ އެވެ. އަދި މި ހާދިސާގެ ސަބަބުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އީޕީއޭ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ބޯޓު ފުން ކުރުމަށް ތައްޔާރުވާއިރު މިކަންވާނީ ބޮޑު މަސައްކަތަކަށެވެ. އެއް ސަބަބަކީ މިކަމަށް ބޭނުންވާ އާލާތްތައް ރާއްޖޭގައި ނެތުމެވެ. މިފަދަ އެއްވެސް ކަމަކަށް ދިވެހިން ތިބީ ތައްޔާރަކަށްނޫނެވެ. އެންމެ ކުޑަ މިނުން ތެޔޮ ލީކުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ބޭނުންކުރާ އާލާތްތައްވެސް ރާއްޖެއަކު ނެތެވެ. އެހެންވެ މިކަމަށް ބޭނުންވާ ސާމާނު ވަނީ އެއާފްރައިޓްކޮށް ވައިގެ މަގުން ގެނެސްފަ އެވެ. އަދި ބޯޓު ފުން ކުރަން ވަރުގަދަ ތިން ޓަގު ރާއްޖެއަށް ދަނީ ދަތުރު ކުރަމުންނެވެ. މިފަދަ ކޮންމެ ހާދިސާއަކީ އިންޒާރެކެވެ. ނުވަތަ ތައްޔާރުވާން ލިބޭ ފިލާވަޅެކެވެ. އެކަމަކު މި ފިލާވަޅުން އިބުރަތް ހޯދަން އެނގޭނީ މި ހާދިސާ ދިމާވަން މެދުވެރިގޮތް އެނގިގެންނެވެ. ނަމަވެސް އެކަން ހޯދަން އަދި ދުވަސްތަކެއް ނަގާނެ އެވެ.