އޮގަސްޓް 29، 2019 އަކީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއަކުން މުޅި ގައުމު ރޮއްވާލި ދުވަހެކެވެ. ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދުގެ 10 މިނެޓްގެ ރާސްތާގައި ކުރި ދަތުރެއްގައި ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހަކު މަރުވި އެވެ. އެއީ ކުޑަކުއްޖަކާއި ބޮޑު ހަތަރު މީހުންނެވެ. އެ ހާދިސާގައި މަަރުވީ އެއް އާއިލާއަކަށް ނިސްބަތްވާ ނޮޅިވަރަންފަރަށް ނިސްބަތްވާ ބައެކެވެ. ހާދިސާ ހިނގުމާއެކު އެފަދަ ހާދިސާއެއް ދެން ތަކުރާރު ނުވާނެ ގޮތަށް އުސޫލުތަކާއި ގަވާއިދުތައް ހެދުމަށް ދައުލަތުގެ އިދާރާތަކުން އަވަސްވެ ގަތެވެ. ހާދިސާ ހިނގީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ދުވަހެއްގަ އެވެ. ކަނޑުދަތުރު ކުރުން ރައްކާތެރި ނޫން ދުވަހެއްގަ އެވެ. ނަމަވެސް ވަރަށް މުހިންމު އަދި އެހާމެ ކުރު ދަތުރަކަށް ވާތީ އެ ދަތުރަށް ނިކުމެވުނީ އެވެ. ކުރިއަށް އޮތް ބޮޑު ހިތާމަ އެއްވެސް ވަރަކަށް އިހުސާސް ނުކުރެވުނީމަ އެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައެވެ. އަލަށް ގެންނަ އިސްލާހުތަކާއެކު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން މަދުކުރުވުމަށެވެ. ކަނޑުމަތީގެ ހާދިސާތަކުގައި މީހެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު ނުދިނުމަށެވެ.
ނަމަވެސް އަނެއްކާ ވެސް ރާއްޖެ ރޮއްވާލީ ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާއަކުންނެވެ. މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކަނޑަށް ވެއްޓި އޭގެ ތެރެއިން އެކަކު މަރުވެ އެކަކު ގެއްލުމުގެ ހާދިސާއެއް އިއްޔެ ވަނީ ހިނގާފައެވެ. މިފަހަރުގެ ހާދިސާ ވެސް ހިނގާފައި ވަނީ މޫސުން ވަރަށް ގޯސްވެފައި ވަނިކޮށެވެ. މިދިޔަ ހަތަރު ފަސް ދުވަހަކީ ވެސް ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްތަކެކެވެ. އިންތިހާ ކަނޑު ގަދައެވެ. ވައިގެ ބާރު މިން ހުރީ ބޭރަށް ނިކުމެ ނޫޅެވޭ މިންވަރަށެވެ.
އޮޅުވެލި ރިސޯޓް ކައިރިން ލޯންޗު ދަތުރު ކުރަމުން ގޮސް ދަތުރު ކުރިއަށް ނުގެންދެވޭ ވަރުވުމުން ގުރައިދޫ ފަޅަށް ވަންނަން ލޯންޗު އަނބުރާލި ތަނާ ބިޔަ ރާޅެއް ލޯންޗުގެ ތެރެއަށް ޖެހި އެވެ. އެ ރާޅު ފައިބަައިގެން ދިޔައީ ތިން މީހުންނާއި ލޯންޗުގައި ހުރި އެތައް ލަގެޖަކާއެކުގަ އެވެ. އެ ހާދިސާގައި ގެއްލުނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. ކަނޑަށް ވެއްޓި ގެނބިގެން މަރުވީ ކުއްޖާގެ މަންމަ އެވެ.
މި ފަހަރުގެ ހާދިސާއާއެކު އަނެއްކާވެސް މީގެ ދެ އަހަރު ކުރީން ފެށުނު ބަހުސް އާ ވެއްޖެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުން މުހިންމު ކަމުގެ ވާހަކައެވެ. ކަނޑުގަދަ މޫސުން ގޯސް ދުވަސްތަކުގައި ދަތުރު ކުރުން ހުއްޓުވާން ޖެހޭ ކަމެވެ. ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ކަނޑު ދަަތުރެއް ކުރާނަަމަ ލައިފް ޖެކެޓް އަޅާން ޖެހޭ ކަމެވެ. އަދި މޫސުން ގޯސް ރައްކާތެރި ނޫން ވަގުތެއްގައި ދަތުރަށް ފުރައިގެން އުޅެނިކޮށް ލިބޭ ގެއްލުމަށް ލޯންޗުގެ ވެރިމީހާ އާއި ކެޕްޓަން ޒިންމާވާން ޖެހޭ ކަމެވެ. މިހެން ގޮސް ކިތަންމެ ކަމެވެ.
މީގެ ދެ އަހަރު ކުރީން ފެށި މަސައްކަތް ކޮބައި ހެއްޔެވެ. ކޯސްޓްގާޑުން ކަމާގުޅޭ އިދާރާތަކަށް ފޮނުވަން ޖެހޭ އިސްލާހުތައް އޮތީ ފޮނުވާފައި ހެއްޔެވެ. މިއީވެސް ބަހުސާއެކު އުފަން ޖެހޭ ސުވާލުތަކެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށް ފޮނުވާފައި އޮންނަތާ މިހާރު ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. އަވަސްއަށް ވަނީ އެ އިސްލާހުތަކުގެ ޑްރާޕްޓާ ގުޅޭ ތަފްސީލީ މައުލޫމާތު ލިބިފަ އެވެ. ޑްރާޕްޓްގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެ އިސްލާހުތަކަކީ ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ނިންމާ ޓްރާސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައިވާ އިސްލާހުތަކެކެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުން އެކި ހާލަތްތަކުގައި ލައިފްޖެކެޓް އެޅުވުމާއި އަދި ލައިފްޖެކެޓާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހަ މީޓަރުން ދަށުގެ އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރު ކުރާ ހުރިހާ ވަގުތެއްގައި ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް މި އިސްލާހުގައި ބުނެއެވެ.
އަދި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ވަގުތުތަކުގައި ހުރިހާ އުޅަނދު ފަހަރެއްގައި ދަތުރުކުރާ ފަސިންޖަރުންނާއި ފަޅުވެރިން ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ބުނެފައި ވެއެވެ. މިފަހަރުގެ ހާދިސާ ހިނގާފައި ވަނީ މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރެފައި ވަނިކޮށެވެ. އަދި އެ އެލާޓް ކޮންމެ ހަ ގަޑިއިރަކުން މެޓް އޮފީހުން ދިޔައީ އާ ކުރަމުންނެވެ. މިއީ މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރުނު ދެވަނަ ފަހަރެވެ. އެހާވެސް ކަނޑުތައް ގަދަވެ ވައި ބާރެވެ. މީގެ އިތުރުން މެޓް އޮފީހާއި ސިފައިން އަދި ފުލުހުން ގެންދިޔައީ ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސް ކުރަމުންނެވެ. ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ދަތުރު ކުރުމަށްވެސް އެދިފައި އޮތެވެ.
މީގެ އިތުރުން ފޮނުވާފައިވާ އިސްލާހުތަކުގެ ތެރޭގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ފަސޭހައިން އަތުޖެހޭން ލައިފް ޖެކެޓް ހުންނަންވެސް ލާޒި ކުރެއެވެ. އަދި އުމުރުން 12 އަހަރުން ދަށުގެ ކުދީން އެ ކުދިންނަށް ހާއްސަަ ލައިފް ޖެކެޓް އަޅުވަން ލާޒިމު ކުރެއެވެ.
މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ ވެސް މި އުސޫލު ބުނާ ގޮތުން މަނާ ކަމެކެވެ. އަދި ހުއްދަލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ފިޔަވައި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ރެޑު އެލާރޓް ނެރެފައިވާ ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައި ވެއެވެ.
މި އުސޫލުގައި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަދަބުވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން ގަވާއިދުގައިވާ ކަމަކާ ހިލާފު ވެއްޖެ ނަމަ އެއުޅަނދަކީ ހަ މީޓަރުން ދަށުގެ އުޅަނދެއްނަމަ އުޅަނދުގެ ވެރިމިހާ 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އަދި އުޅަނދު ދުއްވި މީހާ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރަން ވެސް ލާޒިމު ކުރެއެވެ.
އަދި ގަވާއިދުގައިވާ މުހިންމު ކަންކަމާއި ހިލާފު ވެއްޖެ ނަމަ އެއުޅަނދަކީ ހަ މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ އުޅަނދުގެ މީހާ 1000 ރުފިޔާއިން އަދި އުޅަނދު ދުއްވި މީހާ 2000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އެފަދަ ކަންކަމީ ކޮބައިކަން ވެސް ވަރަށް ސާފުކޮށް އިސްލާހުތަކުގައި ވަނީ ކަނޑައަޅާފައެވެ.
މި އުސޫލު ބުނާ ގޮތުން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ހިސާބުން ފެށިގެން ގަވާއިދަށް އަމަލު ކުރަން ފަށާނެ އެވެ. އަދި ކަމާގުޅޭ އިދާރާތަކުން އެކަންކަން ތަންފީޒު ކުރަން ޖެހެއެވެ. އަމަލު ކުރޭތޯ ބަލަންވެސް ޖެހެއެވެ.
އިހުމާލުވީ ޓްރާންސްޕޯޓް މިނިސްޓްރީ
މިފަދަ މުހިންމު އުސޫލެއް އެކުލަވާލާ ގަވާއިދު އިސްލާހު ކުރަން ފޮނުވިތާ ދެ އަހަރާއި ދެ މަސްވީއިރު ވެސް ގަވާއިދު އޮތްތާ އޮތީއެވެ. އެކަމުން ދޭހަވަނީ މި އުސޫލު ގެޒެޓް ކުރުމަށް ޓްރާންސްޕޯޓުން އެއްވެސް ކަމެއް ކޮށްފައި ނުވުމެވެ. މިފަދަ މުހިންމު ކަމެއް ނުކުރެވި ދެ އަހަރާއި ދެ މަސް މިނިސްޓަރުގެ މޭޒުކޮޅުގައި އުސޫލު ބާއްވާފައި އޮތުމަކީ ވަރަށް ބޮޑު އިހުމާލެކެވެ.
އިހުމާލާއި ހިދުމަތް ދިނުންވެސް އަދި ހަމައާއި އުސޫލުތައް ވެސް މުޅީން ބޮއްސުންލާފައިވާ ޓްރާންސްޕޯޓް މިނިސްޓްރީން މިފަހަރު ވެސް ވަނީ ދިފާއަށް ކުޅެން ނިކުމެފައެވެ. ޓްރާންސްޕޯޓްގެ ވެރިން ވިދާޅުވާ ގޮތުގައި ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީގެ އިސްލާހުތަކަކީ ފަންނީ ލަފާތަކެވެ. އަދި އިސްލާހު ގެނައުމުގެ މަސައްކަތް ޓްރާންސްޕޯޓް އޮތޮރިޓީން ދިޔައީ ކުރަމުންނެވެ.
އެ މަަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ ކަމާގުޅޭ އިދާރާތަކުގެ ކޮމެންޓްތައް ނުލިބިގެން ކަމަށް ބުނެ ދެކޮޅު ނުޖެހޭ ވާހަކަތައް ވެސް އެ މިނިސްޓްރީން ދަނީ ދައްކަމުންނެވެ. ނަމަވެސް ދެ އަހަރާއި ދެ މަސްވީއިރު އިދާރާތަކުން ކޮމެންޓް ނުލިބި އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ބަޔަކު ގަބޫލު ކުރާނެ ވާހަކައެއް ވެސް ނޫނެވެ. ކޮމެންޓް ނުލިބިގެން ލަސްވަނީ ކަމަށް ބުނެ ޓްރާންސްޕޯޓްގެ ޒިންމާއިން ރެކެވޭނެ ގޮތެއް ވެސް ނެތެވެ.
އެކަން އެނގޭތީ ދެން އެ މިނިސްޓްރީން ދައްކަނީ އަދި މާ ހެއްވާ ވާހަކައެކެވެ. އެއީ މޫސުން ގޯސްވުމުން ދަތުރު ނުކުުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރުނު ވާހަކަ އެވެ. އެއީ ޓްރާންސްޕޯޓަށް މިނިސްޓަރަކު ހަމަޖައްސާ ސިޔާސީ ވެރިންގެ ބޮޑު ގުރޫޕަކާ އެތައް މުވައްޒިފުން ހިމެނޭހެން މިނިސްޓްރީއެއް ހަދާފައި އޮތް ބޭނުމެއް ނޫނެވެ. ޓްރާންސްޕޯޓް ބަޔާން ނެރުމުގެ ކުރީން މެޓް އޮފީހާއި ޑިފެންސް އަދި ޕޮލިހުން ވެސް އޮތީ ބަޔާން ނެރެފަ އެވެ. ހާދިސާއެއް ހިނގައިފިނަމަ ގުޅާނެ ނަންބަރާއި ސަމާލުވާން ޖެހޭ ކަންކަން ވެސް އޮތީ ބަޔާން ކޮށްފައެވެ. ޓްރާންސްޕޯޓްގެ ބަޔާނުގެ ބޭނުމެއް ނެތެވެ. އެ ބަޔާނުން އަދާ ކުރެވުނު ޒިންމާއެއް ވެސް ނެތެވެ.
ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ދީފައިވަނީ ލަފާތަކެއް ކަމާ އެއީ ރަސްމީ އެންގުމެއް ނޫން ކަމަށް ބުނެ ޓްރާންސްޕޯޓުން ހަދަނީ ދޮގެވެ. އެ އިސްލާހުތަކުގެ ޑްރާފްޓް އެބައޮތެވެ. އެއީ ނޮޅިވަރަމް ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާ ޓްރާންސްޕޯޓަށް ފޮނުވި އިސްލާހުތަކެކެވެ. އެ ޑްރާފްޓް މިއަދުވެސް މިނިސްޓަރު އައިޝަތު ނަހުލާގެ މޭޒު ކޮޅު މަތީ އެ އޮތީ އެވެ. އިތުރު ހިތާމަވެރި ހާދިސާއެއް ހިނގާ އެކެއްގެ ފުރާނަ ގެއްލި ކުޑަކުއްޖަކު ކަނޑަށް ގެއްލިފައި އެ ވަނީ މިނިސްޓަރު އަދާކުރައްވަން ޖެހި ވަޑައިގަންނަވާ ޒިންމާ އަދާ ނުކުރައްވާ ހުންނަވަނިކޮށެވެ. މިނިސްޓަރު ނަހުލާގެ ހުރިހާ ވަގުތެއް އެ ހޭދަ ކުރައްވަނީ އެހެން ކަންކަމުގަ އެވެ. އަމިއްލަ މަސްލަހަތު އޮތް ކަންކަމާއި އަމިއްލަ އެޖެންޑާ ކުރިއަށް ނެރުއްވައިގެންނެވެ.
މިއީ ކަމެއް ނޫން ކަމަށް ދެކެ ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެ އެވެ. ނަމަވެސް ޓްރާންސްޕޯޓްގެ ޒިންމާ އަދާކޮށް އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރިނަމަ މިފަހަރުގެ ހާދިސާ ހިނގުމުގެ ފުރުސަތު ނުލިބުނީ ހެވެ. އާ އިސްލާހުތައް ގެނެވުނު ނަމަ ހޮނިހިރު ދުވަހުގެ އެ ވަގުތު ދަތުރު ނުކުރެވުނީ ހެވެ. ދަތުރުކުރި ނަމަވެސް ރައްކާތެރި ކަމަށްޓަކައި ފަސިންޖަރުން ތިބޭނީ ލައިފްޖެކެޓް އަޅައިގެނެވެ. އެކަން ނުކޮށްފިނަމަ ލޯންޗުގެ ވެރިމީހާ އާއި ކެޕްޓަން އެ ކުރީ ކުށެކެވެ. ގަވާއިދެއް އޮތަސް ނެތަސް އަމިއްލަ ސަލާމަތަށް ރައްކާތެރިވުމުގައި ފަރުދީ ޒިންމާވެސް މާބޮޑެވެ. ނަމަވެސް ބޮޑެތި މަގާމުތަކަށް ވެރީން އައްޔަން ކުރަނީ އެ ޒިންމާ އަދާކުރަން ބާރު އެޅުވުމާއި އެކަމަށް ގަވާއިދުތައް ހަދާ އެ ގަވާއިދުތައް ތަންފީޒުކުރުމަށެވެ. މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށެވެ.
މިއަދު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަަމަށް ހީވެދާނެ އެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީގެ ޒިންމާ އަދާނުކޮށް ދެ އަހަރު ހޭދަވުމަކީ ކުޑަ ކަމެެއް ނޫނެވެ. މިއީ މިނިސްޓަރާއި ކަމާގުޅޭ އިސްވެރިން ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ. ޒިންމާ ކުރުވާން ވެސް ޖެހެއެވެ.