މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށް، ގަވައިދު އިސްލާހް ކޮށްފި

ކަނޑު އުޅަނދު ފަހަރުގައި ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން މަޖްބޫރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު އިސްލާހް ކޮށްފި އެވެ.

މި ގަވައިދަށް ބަދަލު ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވަނީ އިއްޔެ އެވެ. ގައިވައިދުގައި ވާގޮތުން ދިގުމިނުގައި 30.5 ފޫޓް ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުކުރާ އިރު، ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމެކެވެ. އަދި ނުވަ މީޓަރަަށް ވުރެ ކުރު އުޅަނދުތަކުގެ ތެރެއިން، ވަށައިގެން ބަންދުކޮށްފައިވާ އުޅަނދުތަކުގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް ހުންނަން ވާނީ ޕަސިންޖަރުންގެ އަތުގައި ކަމަށެވެ.

އަދި ގަވައިދުގައި ބުނެފައިވަނީ ވަކި ހާލަތްތަކެއްގައި، ދަތުރުކުރާ އިރު، ލައިފް ޖެކެޓް އަޅާނެ ގޮތުގެ އިރުޝާދު ދިނުމާއި ލައިފްޖެކެޓް އެޅުވުމަކީ ވެސް ކެޕްޓަންގެ ޒިންމާއެކެވެ.

މީގެ އިތުރުން ލައިފް ޖެކެޓް އެޅުވުން ކެޕްޓަނަށް ލާޒިމު ހާލަތްތައް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ. އެއީ ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރު ކުރާ އިރާއި ކޮންމެ ސައިޒެއްގެ އުޅަނދެއް ވެސް މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރާއި މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު އެވެ. އަދި މި ހާލަތްތަކުގައި އަޅާފައި ބާއްވައިގެން ބޭނުންކުރާ ސަފާރީ ފަދަ އުޅަނދުތަކުގައި ތިބޭ މީހުންނަށް ވެސް ފަސޭހައިން އަތުޖެހޭ ގޮތަށް ލައިފް ޖެކެޓް ހުންނަންވާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި މޫސުން ގޯސްވެގެން އެކި އެލާޓްތައް ނެރެފައިވާ ވަގުތުތަކުގައި ފަސިންޖަރުން އުފުލުން ވަނީ މަނާކޮށްފަ އެވެ. ނުވަ މީޓަރުން ފެށިގެން ކުރު އުޅަނދުތަކުގައި ދަތުރުކުރުމަކީ ޔެލޯ އެލާޓާއި އޮރެންޖް އެލާޓް އަދި ރެޑް އެލާޓް ނެރެފައިވާ ހާލަތްތަކުގައި މަނާ ކަމެކެވެ. އެ ހާލަތުގައި އެވަރުގެ ކުދި އުޅަނދުގައި ޕަސިންޖަރުންނާ ނުލައި ވެސް ކަނޑަށް ނުކުތުމަކީ މަނާކަމެކެވެ. ނަމަވެސް އިމެޖެންސީ ދަތުރުތައް ހުއްދައާއި އެކު ކުރެވޭނެ އެވެ.

މި ކަންކަމާއި ހިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 15،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުން ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާކުރުމާއި އެކު އެއް އަހަރު ދުވަހަށް ލަައިސަންސް ހިފެހެއްޓާނެ އެވެ. ގަވާއިދާ

ހިލާާފުވެގެން ލައިސަންސް ހިފަހައްޓައިފި ނަމަ، ކުރި ކުށުގެ ތަފްސީލު ލައިސަންސްގައި ހިމާނާނެ އެވެ. އަދި ލައިފްޖެކެޓް އެޅުވުން ލާޒިމްކުރުމާއި ހިލާފަށް އަމަލުކޮށްފި ނަމަ، ކެޕްޓަނުގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.