މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދެ އަހަރު ފަހުން ހިޔާލަށް އަހައިފި

ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ކަމަށް ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ލަފާ ދީފައިވާ ކަންކަމަށް ހިޔާލު ހޯދުމަށް ކަމާގުޅޭ އިދާރާތަކަށް ކޮމެޓީގެ ޑްރާފްޓް ފޮނުވައިފި އެވެ. އެ ޑްރާފްޓް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް އަވަސްއަށް ވަނީ އެނގިފައެވެ.

ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ދީފައިވާ ލަފާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުން އެކި ހާލަތްތަކުގައި ލައިފްޖެކެޓް އެޅުވުމާއި އަދި ލައިފްޖެކެޓާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން ހަ މީޓަރުން ދަށުގެ އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރު ކުރާ ހުރިހާ ވަގުތެއްގައި ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އަދި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ވަގުތުތަކުގައި ހުރިހާ އުޅަނދު ފަހަރެއްގައި ދަތުރުކުރާ ފަސިންޖަރުންނާއި ފަޅުވެރިން ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ބުނެފައި ވެއެވެ. މިފަހަރުގެ ހާދިސާ ހިނގާފައި ވަނީ މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރެފައި ވަނިކޮށެވެ. އަދި އެ އެލާޓް ކޮންމެ ހަ ގަޑިއިރަކުން މެޓް އޮފީހުން ދިޔައީ އާ ކުރަމުންނެވެ. މިއީ މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރުނު ދެވަނަ ފަހަރެވެ. އެހާވެސް ކަނޑުތައް ގަދަވެ ވައި ބާރެވެ. މީގެ އިތުރުން މެޓް އޮފީހާއި ސިފައިން އަދި ފުލުހުން ގެންދިޔައީ ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސް ކުރަމުންނެވެ. ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ދަތުރު ކުރުމަށްވެސް އެދިފައި އޮތެވެ.

ފޮނުވާފައިވާ އިސްލާހުތަކުގެ ތެރޭގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ފަސޭހައިން އަތުޖެހޭން ލައިފް ޖެކެޓް ހުންނަންވެސް ލާޒި ކުރެއެވެ. އަދި އުމުރުން 12 އަހަރުން ދަށުގެ ކުދީން އެ ކުދިންނަށް ހާއްސަަ ލައިފް ޖެކެޓް އަޅުވަން ލާޒިމު ކުރެއެވެ.

މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ ވެސް މި އުސޫލު ބުނާ ގޮތުން މަނާ ކަމެކެވެ. އަދި ހުއްދަލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ފިޔަވައި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ރެޑު އެލާރޓް ނެރެފައިވާ ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައި ވެއެވެ.

މި އުސޫލަކީ އޮގަސްޓް 29، 2019 ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދުގެ 10 މިނެޓްގެ ރާސްތާގައި ކުރި ދަތުރެއްގައި ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅު ތަކެއް އެޅުމަށް ނިންމުމުން އެކުލަވާލި އުސޫލެކެވެ. ނަމަވެސް އެ އުސޫލަށް އަމަލުކުރަން ފެށުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި އުސޫލު އޮތީ އެވެ.

މީޑިއާތަކުން އެކަން ފަޅާއަރުވާލީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކަނޑަށް ވެއްޓި އޭގެ ތެރެއިން އެކަކު މަރުވެ އެކަކު ގެއްލުމުގެ ހާދިސާއެއް މިމަހުގެ 17 ވަނަ ދުވަހު ހިނގާފައިވަނިކޮށެވެ.

އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަށް ކަންތައްތަކެއް އިތުރުކޮށް އަންނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.

ގަވާއިދަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓިފިކެޓް" ހެއްދުމާއި "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓިފިކެޓް" ހެއްދުމާއި "ސްވޭޖް ސެޓިފިކެޓް" ހެއްދުމާއި "އުޅަނދު ފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ދޫކުރާ ލިޔުން" ހެއްދުމާއި ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ލައިސަންސް އަދި ސަނަތުތައް އޮތުމެވެ.

މީގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި ވެސެލް ޓްރެކިން ޑިވައިސް ހަރު ކުރުމާއި އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން ލާޒިމެވެ.

އަދި ކެޕްޓަނުންނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުމާއި މުއާސަލާތީ އާލާތްތައް ހުރުމެވެ. މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހަރުކުރުން ވެސް ހިމަނާފައި ވެއެވެ.

އެ އޮތޯރިޓީން ބުނާ ގޮތުން އެކަންކަން ފުރިހަމަނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓިފިކެޓް ބާތިލު ކުރާނެ އެވެ.

ނަމަވެސް މިއީ އާންމު އުސޫލުން ފަސްކުރަމުން އައި ކަންތައްތަކަަކަށް މުއްދަތެއް ކަނޑައެޅުމެއް ކަމަށާ އެއީ ނަމަކަށް ކޮށްލި ކަމެއްކަން ހާމަވިއެވެ. ކަމާގުޅޭ އިދާރާތަކުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި އުސޫލަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ކަމަށް ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ލަފާ ދީފައިވާ އަދި އެ ކޮމެޓީން ޓްރާސްޕޯޓަށް ފޮނުވާފައިވާ ޑްރާފްޓްގައި ހިމެނޭ އެއްވެސް ކަމެއް ނެތުމުން ފާޑުކިޔުން ބޮޑުވިއެވެ.

އަވަސްއަށް މައުލޫމާތު ދެމުން ސަަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ މިދިޔަ ހަފްތާގައި އެ ޑްރާފްޓަށް ހިޔާލު ހޯދުމަށް އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް މިއީ ޓްރާސްޕޯޓް މިނިސްޓްރީން ކުރީން ދެއްކި ވާހަކަތަކާއި ފުށުއަރާ ކަމެކެވެ. އެ މިނިސްޓްރީން ކުރީން ބުނީ ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ލަފާތަކަށް އަމަލު ކުރުން ފަސްވަނީ އިދާރާތަކުން ލިބެން ޖެހޭ ކޮމެންޓްތައް ނުލިބިގެން ކަމަށެވެ.

"ޓްރާސްޕޯޓުން މިކަމުގައި މުޅީންވެސް ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަ. ޒިންމާ އަދާނުކޮށް ތިބެ ހިތާމަވެރި ހާދިސާއެއް ހިނގުމުން ދެން ބެލީ އެހެން އިދާރާތަކުގެ މައްސަލަ އެއް ފެނޭތޯ. ހަގީގަތަކީ އަދި ކިރިޔާ ދެ އަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކޮމެންޓަށްވެސް އެ ފޮނުވީ،" ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.