ކަނޑުމަތީގެ ހާދިސާ

ފަޅައިގެން ދިޔަ ލޯންޗު ތިލަފުށްޓަށް ގެންގޮސްފި

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ދިޔަ "ސުވެނިއަ 34" ލޯންޗު ތިލަފުށްޓަށް ގެންގޮސްފި އެވެ.

ތިލަފުށި ބޭރުން ދަތުރުކުރަމުން ދަނިކޮށް މިއަދު މެންދުރެއްހާއިރު ލޯންޗް ފަޅައިގެން ދިޔަ ވަގުތު އެ އުޅަނދުގައި 38 މީހުން ތިއްބެވެ. އޭގެތެރެއިން 34 މީހުންނަކީ ފަތުރުވެރިންނެވެ. ދެން ތިބީ ލޯންޗުގެ ފަޅުވެރިންނެވެ.

އެމްއެންޑީއެފް އިން ބުނީ "ސުވެނިއަ 34" ލޯންޗު، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް މިއަދު މެންދުރުފަހު 2:00 ހާއިރު ވައްދާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ފަތުރުވެރިން ގޮވައިގެން އދ. ދިގުރަށުން މާލެއަށް ދަތުރުކުރި އެހެން ލޯންޗެއްވެސް ދިޔަވެ އަޑިއަށް ދާން ފެށުމުން އެމްއެންޑީއެފް އިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މިހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.