ކަނޑުމަތީގެ ހާދިސާ

ޗެ ލޯންޗު އެކްސިޑެންޓްވެ ފަސް މީހެއްގެ ހާލު ސީރިއަސް

ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 8:00 ހާއިރު ހުޅުމާލެ ބަނދަރަށް ވަންނަ އޮންނަ ނެރު ކައިރީ ގައެވެ.

އެެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އެއް ލޯންޗަކީ ޖޯއީ އައިލެންޑުން ފަތުރުވެރިން ގޮވައިގެން އެއާޕޯޓަށް ދާން މަސައްކަތް ކުރި ލޯންޗެކެވެ. މި ލޯންޗުގައި 13 ފަތުރުވެރިންނާއި ތިން ފަޅުވެރިން ތިބި ނަމަވެސް މިތަނުން އެއްވެސް މީހަކަށް މާބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

"މި ލޯންޗުގައި ތިބި އެންމެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދެވިފައި،" އެމްއެންޑީއެފްގެ މެސެޖުގައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓްވި ދެވަނަ ލޯންޗަކީ ލިއޯ ޓްރޭޑިން ކުންފުނީގެ ލޯންޗެއް ކަމަށެވެ. މި ލޯންޗުގައި ތިބި 10 މީހުންގެ ތެރެއިން އަށް މީހުންނަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. އަނެއް ދެ މީހުންނަކީ ލޯންޗުގެ ފަޅުވެރިންނެވެ.

މި ލޯންޗުގައި ތިބި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ލޯންޗު ދުއްވަން އިން މީހާގެ ހާލު ވަކިން ބޮޑަށް ސީރިއަސް ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ސީރިއަސް އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދެނީ ހުޅުމާލެ ހޮސްޕިޓަލްގެ އެމަޖެންސީ ގައެވެ.

މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.