ކަނޑުމަތީގެ ހާދިސާ

ތަށިމުށި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށްގޮސްފި

Mar 16, 2022

ތަށިމުށި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރ. އުނގޫފާރުން އިންނަމާދޫއަށް ތަށިމުށި ބަރުކޮށްގެން ދަތުރުކުރި "މިޔަރެން" ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. ދޯނި އަޑިއަށް ގޮސްފައި ވަނީ އެ އަތޮޅު ރަސްމާދޫ ކައިރިންނެވެ.

މިހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ދޯނީގައި ތިބީ ދެ ދިވެހިންނެވެ. އެމީހުން މިހާރު ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:15 ހާއިރު އެވެ. ފުލުހުން ބުނީ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.