ކަނޑުމަތީގެ ހާދިސާ

ފެނުނު ދެ މީހުންގެ ހާލު ރަނގަޅު

ފ. ފީއަލިން ފުރައިގެން ދަނިކޮށް ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހުންގެ ތެރެއިން ފެނުނު ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ރޭ ކަނޑުމަތީން ފެނުމަށް ފަހު މިއަދު ހެނދުނު އެމީހުން ނަގައި އދ. މަހިބަދޫއަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންނަށް މަހިބަދޫ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

ދ. މީދޫއަށް ނިސްބަތްވާ "އަލަމާ 5" ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި ދިވެއްސެކެވެ. އޭގެ ތެރެއިން ފެނުނީ ބަންގްލަދޭޝްގެ އަސަދުލް އިސްމާލް 37، އާއި ބަންގްލަދޭޝްގެ ދެވަނަ މީހާ އެވެ. އެ މީހުން ފެނިފައި ވަނީ ދޯނި އަޑިއަށް ދިޔަތާ 30 ގަޑިއިރު ފަހުން ނެވެ.

މިހަތަނަށް ނުފެންނަނީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު 32، އެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ. ފަސްދޮޅަސް ފޫޓްގެ އެ ދޯނީގެ ބައެއް ސާމާނު ވެސް އިއްޔެ ފ. އަތޮޅު އުތުުރުން ފެނިފައިވެ އެެވެ.

މާލެ ދަތުރުކުރި ދޯނި ފުއްސަރު ފަޅުގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑިއެފަށް ލިބުނީ އިއްޔެ ރޭ 11:22 ގަ އެވެ. އެ ދޯނި ދަތުރު ކުރީ ފީއަލީ ކައިރިން ފާނަ މަސްވެރި ކަމުގައި އުޅޭ ދޯނި ފަހަރުން ފާނަ ގަނެގެން މާލެ އަށެވެ.