އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފަ އެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯވީ ރޭ ފަތިހު 5:45 އެހާކަންހާއިރު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން އެ ރަށުގެ އާންމު ރައްޔިތުން ބައިވެރި ވެގެން ކޮށް ހެނދުނު ގާތްގަނޑަކަށް 7:45 އެހާކަންހާއިރު ނިއްވާލާފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 2000 އަށްވުރެ ގިނަ މީހުން ދިރި އުޅޭ މަހިބަދޫގެ މި އަލިފާނުގައި ފަސް ލޯންޗެއްގައި އަލިފާން ރޯވެފައި ވެއެވެ. އޭގެ ތެރޭގައި ސީ އެމްބިއުލާންސް އާއި ޕޮލިހާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ.
ދެން ހިމެނެނީ މަޝްހޫރު ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗާއި އެ ފަޅުގައި އޮތް ދެ ޑިންގީއެކެވެ. އެ ހުރިހާ އުޅަނދެއްގައި ރޯވެފައި ހުރި އިރު މަހިބަދޫ ފަޅުތެރޭގައި ބޮޑު އަލިފާންގަނޑެއް އުފެދިފައި ހުއްޓެވެ.
މަހިބަދޫ އިން އަލިފާން ރޯވެ އަނދަމުންދާ ލޯންޗްތަކުގެ ތެރޭ ހިމެނޭ އެޗްއެމްއެޗްގެ ވެރިފަރާތް ކަމުގައިވާ މޫސާ އިބްރާހިމް އަވަސް އާ ވާހަކަ ދައްކަމުން ބުނީ އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ސީ އެމްބިއުލާންގައި ކަމަށެވެ. އަދި އެއަށް ފަހު އެ އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެ ބަނދަރުގައިވާ އިތުރު ލޯންޗް ފަހަރަށް ފެތުރިގެން ދިޔައީ ކަމަށެވެ.
"އަޅުގަނޑު ފަތިސް ނަމާދަށް ދާން ހޭލައިގެން އައި އިރު ބަނދަރު މަތީގައި ދެތިން މީހަކު ތިބި. އޭރުުވެސް އޮތީ ރޯވެ އަލިފާން ފެތުރެން ފަށާފައި. އެންމެ ފަހަތުގައި އޮތް ސީ އެމްބިއުލާންސްގައި ފުރަތަމަ މި ރޯވީ... އަޅުގަނޑު މަހިބަދޫ ޕޮލިހަށް ގުޅިން. އެކަމަކު އެތާކު ނެތް މި ނިއްވާލާނެ އެއްވެސް އެއްޗެއް. ކުޑަ މިނުން ޕަމްޕެއް ވެސް ނެތް. އެމްއެންޑީއެފަށް ގުޅައިން އެ މީހުނާއ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ނިއްވާލުމުގެ މަސައްކަތް ކުރީ... އަޅުގަނޑުގެ ދެ ލޯންޗު ވެސް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ، އަޑިއަށް ވެސް ހިނގައްޖެ،" މޫސަ ބުންޏެވެ.
މިދިއަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭގެ ޓީޖެޓީ ސަރަޖައްދުގެ ދެކުނު ފަރާތުގައި ލޯންޗްތަކާއި ތެޔޮ ބައުޒަަރުތަކުގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާގައި ވެސް މޫސަގެ އެޗްއެމްއެޗްއައިގެ ތިން ތެޔޮ ބައުޒަރެއްގައި ރޯވެ އަނދައިގެން ގޮސްފައި ވެއެވެ.
އަލިފާނުގެ މި ހާދިސާގެ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.