ހަބަރު

މަހިބަދޫ އުޅަނދުތަކެއްގައި ގަސްތުގައި ރޯކޮށްލީ: ފުލުހުން

އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ އުޅަނދުތަކުގައި ރޯކޮށްލުމުން ކަމަށް ފުލުހުން ބުނެފި އެވެ.

އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ ތަކެތީގައި ރޯކޮށްލުމުން ކަން ކަށަވަރުވާ ކަމަށެވެ.

އޭގެ އިތުރު މައުލޫމާތެއް ހަމީދު ހާމައެއް ނުކުރައްވަ އެވެ. އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަހުން ގަސްތުގައި އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ވަަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯވީ ރޭ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފް ބުންޏެވެ. ހެނދުނު 7:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނ ސިފައިންނާއި ފުލުހުންނާއި އެ ރަށުގެ އާންމުންގެ ތެރެއިންގެ ބަޔަކު ވެސް ބައިވެރިވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގާތްގަނޑަށް 2000 އަށް ވުރެ ގިނަ މީހުން އުޅޭ މަހިބަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެގެން ދިޔަ އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސްއަކާއި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ. ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗަކާއި އިތުރު ދެ ޑިންގީއެއް ވެސް ރޯވެގެން ދިޔަ އެވެ.