އދ. އަތޮޅަށް ހެލްތު މިނިސްޓްރީ ފޮނުވި މިލިއަނެއްހާ ރުފިޔާގެ އައިޓީ ސާމާނާއެކު "ރިކާޑޯ" ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރި މި ބޯޓު އަޑިއަށްދިޔައީ ވިއްސާރަވުމުގެ ސަބަބުން ރޭގެ ވަގުތެއްގަ އެވެ. އަށް މީހުންނާއެކު ދަތުރުކުރި މި ބޯޓު އަޑިއަށް ދިޔައީ އަލިހުރަސް ކަނޑަށެވެ.
ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައިވަނީ އދ. އަތޮޅު ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސްގެންނެވެ.
ރިކާޑޯ ބޯޓުގައި ހުރި މުދާތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީން އދ. އަތޮޅު މަހިބަދޫ ހޮސްޕިޓަލަށް ފޮނުވި އައިޓީ ސާމާނު ހިމެނެ އެވެ. އެ ސާމާނުތަކަކީ އެ ހޮސްޕިޓަލުން އަތޮޅުގެ އެހެން ސިއްހީ މަރުކަޒުތަކަށް ފޮނުވަން ހަމަޖެހިފައިވާ ސާމާނެވެ.
އަވަސްއަށް މައުލޫމާތު ދެމުން ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ ބޯޓާއެކު އަޑިއަށްދިޔަ ތަކެތީގެ ތެރޭގައި ހެލްތު މިނިސްޓްރީން ރާއްޖޭގެ ރައްތަކަށް ފޮނުވަމުންދާ އައިޓީ ސާމާނު ހިމެނޭ ކަމަށެވެ. އަދި އެއީ ގްރާންޓެއްގެ ދަށުން ނަގާފައިވާ މުދާތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަދިވެސް އަޅުގަނޑުމެން އަތުގައި ހުރި ސާމާނުން އެ ރަށްތަކަށް އައީޓީ ސާމާނު ފޮނުވޭތޯ ބަލާނަން،" ޝަތުފާ ވިދާޅުވި އެވެ.
ކޮމްޕިއުޓާ ސިސްޓަމްތަކާއި، ޕްރިންޓަރާއި، ވީޑިއޯ ކޮންފަރެންސްސަށް ބޭނުންވާ ސާމާނާއި، ޓެބްލެޓްތަކެއް ހިމެނޭހެން މިލިއަނެއްހާ ރުފިޔާގެ މުދާ ގެއްލިފައިވާ ކަމަށް ޝަތުފާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަކަށް އައިޓީ ސާމާނު ފޮނުވުމަށް ނިންމާފައި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.