މޯލްޑިވްސް ޕޮލިސް ސާވިސް

ޗުއްޓީއާ ދިމާކޮށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަނީ

ސްކޫލުތަކުގެ ޗުއްޓީއާ ދިމާކޮށް މާލޭ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް ވަރުގަދަކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ބަންދާ ދިމާކޮށް މާލޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ހެޑް ސުލްތާން އަހްމަދު ބިޝާރު ވިދާޅުވީ ޗުއްޓީއާއި ދިމާކޮށް މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ގިނަކޮށްފައިވާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

ސުލްތާން ވިދާޅުވީ ދަން ގަޑިތަކުގައި ބޭރުގައި އުޅޭ މީހުން ހުއްޓުވައި ސުވާލު ކުރުން ވެސް އިތުރުކުރާނެ ކަމަށެވެ. އަދި ފުލުހުން ފާހަގަކޮށްފައިވާ " ހޮޓް ސްޕޮޓް"ތައް ކުރިއަށް ވުރެ ގާތުން މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

ހުޅުމާލޭ ޕޮލިސް ހެޑް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ހުޅުމާލޭގައި ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ޗެކްކުރާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި ވެހިކަލްތައް ބަލައި ފާސްކުރުމަށް ކުރިއަށްވުރެ ގިނަ ޗެކް ޕޮއިޓްތައް މިހާރު ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މެރިން ޕޮލިސްގެ ހެޑް އިބްރާހިމް އަދްނާން ވިދާޅުވީ މި ދުވަސްވަރަކީ އަތޮޅުތެރެއަށް ވެސް ގިނަ ބަޔަކު ދަތުރުކުރަމުންދާ ދުވަސްވަރެއް ކަމުން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

އަދުނާން ވަނީ ދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ވެސް އެދިފަ އެވެ. އަދި ފަޅު ރަށްރަށަށް ކުދި ޑިންގީތައް ބަރުކޮށްގެން ދަތުރުނުކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.