ރޭ އިރާކޮޅު ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ހާދިސާގައި ގެއްލުނު ނަސްރުﷲ އަބްދުﷲ ހޯދަން ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް ނަސްރުﷲ ގެ އެއްވެސް ނިޝާނެއް އަދި ޑިންގީ ވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ނަސްރުﷲގެ އަންހެނުންގެ އާއިލީ ދެ މީހަކާއެކު ޑިންގީއެއްގައި ދަތުރު ކުރަމުން ދަނިކޮށް ރޭ އިރާކޮޅު ލޯންޗަކާ އެކްސިޑެންޓްވެ ހިނގި ހާދިސާގައި އޭނާ ވަނީ ގެއްލިފަ އެވެ. އެވަގުތުން ފެށިގެން ސިފައިންނާއި، ފުލުހުން އަދި އާންމުންގެ އެހީތެރިކަމުގައި ނަސްރުﷲ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރޭވެސް ނަސްރުﷲ ހޯދަން 15 އުޅަނދަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ކޯސްޓްގާޑާއި، ފުލުހުންގެ ލޯންޗުތައް އަދި އާންމުންގެ ލޯންޗު ފަހަރާއި ދޯނިތައް ހިމެނެ އެވެ. ނަމަވެސް ރޭ ކުރި މަސައްކަތުން ނަސްރުﷲ ފެނިފައެއް ނުވެއެވެ. ސިފައިން ބުނީ ރޭ އެ ސަރަހައްދުގެ ކަނޑުމަތިން ބައެއް ތަކެތި ފެނުނު ކަމަށެވެ. ނަމަވެސް އެއީ ސީދާ އެ ޑިންގީގައި ހުރި ތަކެތިކަން ބުނަން ނޭންގޭ ކަމަށެވެ.
ނަސްރުﷲ ހޯދަން މިއަދު ގިނަ މަސައްކަތްތަކެއް
އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ގެއްލުނު މީހާ ހޯދަން ކަނށާއި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަނޑުއަޑިން ގިނަ ޑައިވަރުންނާއި ރިމޯޓްލީ އޮޕަރޭޓަޑް ވެހިކަލެއް ބޭނުން ކުރަމުން އަންނަ ކަމަށާއި ކަނޑުމަތިން އެ މީހާ ފެނޭތޯ ބަލަން ތިން އުޅަނދެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ހެލިކޮޕްޓަރަކުން މީހާ ފެނޭތޯ ބަލަން 120 ނޮޓިކަލް މައިލްގެ ސަރަހައްދެއް ބަލަން ހަމަޖެހިފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެގޮތުން ބ އަތޮޅުގެ ބޮޑު ބައެއް ވައިގެ މަގުން ބަލާނެ އެވެ. ރޭގަނޑުގެ ވަގުތުތަކުގައި ނައިޓް ވިޝަން ކެމެރާވެސް ސިފައިން ދަނީ ބޭނުން ކުރަމުންނެވެ.
ނަސްރުﷲ އާއި ޑިންގީގެ ނިޝާނެއް ނެތް
ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދު ހިނގި ކަމަށް ބެލެވޭ ކަނޑުމަތީގެ ނުރައްކާތެރި މި އެކްސިޑެންޓުގައި ގެއްލިފައިވާ ނަސްރުﷲ ހޯދުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް މިހާތަނަށްވެސް ނަސްރުﷲގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ނަސްރުﷲ ދަތުރުކުރި ޑިންގީގެ އެއްވެސް ނިޝާނެއް ވެސް ފެނިފައި ނުވާ ކަމަށް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނަންޓް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވިއެވެ. މިހާތަނަށް ނަސްރުﷲ އަދި ޑިންގީގެ ނިޝާނެއް ފެނިފައި ނުވިނަމަވެސް އޮޕަރޭޝަން ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ.
ގޮންޖެހުމަކީ ޑިންގީ ބަންޑުން ޖަހާލި ހިސާބު ނޭންގުން
ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފް އަދި ފުލުހުން ކުރިއަށް ގެންދާ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކްސިޑެންޓު ހިނގި ސީދާ ސަރަހައްދެއް ނޭންގުން ކަަމަށް މުޖްތަބާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ މި އެކްސިޑެންޓު ހިނގި ސަރަހައްދަކީ މިއީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮވޭ އެ ފަރު ކައިރިން ކަމަށް. ސީދާ ޕިން ޕޮއިންޓުކޮށް އެ ލޮކޭޝަން އަޅުގަނޑުމެނަށް ނޭނގޭތީ ހަގީގަތުގައި ކޮމްޕްލިކޭޓު ވެގެން މި އުޅެނީ އޮޕަރޭޝަން،" މުޖުތަބާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބި ނަސްރުﷲގެ އަންހެނުންގެ އާއިލީ ދެ މީހުންނަށް ވަނީ އަނިޔާތަކެެއް ލިބިފައެވެ. އެ މީހުންނަށް ފަރުވާ ދެމުންދާއިރު އެކްސިޑެންޓްވީ ލޯންޗުގައި ތިބި މީހުންނަށްވެސް އެކްސިޑެންޓްވީ ސީދާ ސަރަހައްދެއް ބުނެދޭކަށް ނޭންގެއެވެ.
ނަސްރުﷲ އަދި ޑިންގީވެސް ފެންނާނެ ކަމުގެ އުންމީދު
މުޖްތަބާ ވިދާޅުވީ ނަސްރުﷲ ހޯދުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަން ނިމޭއިރު ނަސްރުﷲ އަދި ޑިންގީވެސް ފެނުމަކީ އުންމީދު ކަމަށެވެ.
"އުންމީދު ކުރަނީ އޮޕަރޭޝަން ނިމޭއިރު އެ މީހާ [ނަސްރުﷲ] އާއި ޑިންގީ ވެސް ފެނުން." މުޖްތަބާ ވިދާޅުވިއެވެ.
އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާއިރު ތަހުގީގަށްފަހުވެސް ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެންދާނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ.
ސިފައިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުންވެސް ނަސްރުﷲ ނުވަތަ ޑިންގީގެ ހަބަރެއްވޭތޯ ބެލުމަށް އެދިފައެވެ. އަދި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.