ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

އެކްސްޕްލެއިނާ: ލޯންޗު ބަންޑުން ޖަހާލުން!

މިދިޔަ ބުރާސްފަތީގައި ލޯންޗެއް ބަންޑުންޖަހާލައި ފަސް މީހަކު މަރުވި ހާދިސާއަކީ ހދ. ނޮޅިވަރަންފަރަށާއި މުޅި ރާއްޖެއަށް ބޮޑު ހިތާމައެއް ގެނައި ހާދިސާއެކެވެ. މޫސުން ގޯސްވެ ނޮޅިވަރަންފަެރު ފެނުގައި ވަނިކޮށް ބޮޑު ހިތާމައެއް ގެނުވީ ރަށުގެ ފަސް މީހަކު މަރުވުމުނެވެ. ހަނިމާދޫއަށް ދަތުރުކުރި އެ ރަށުގެ ލޯންޗެއް ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުން ކަނޑުވީ އެވެ. ސަލާމަތްވީ ފަސް މީހުންނެވެ.

މިއީ ރާއްޖެ ހޭލައްވާލި ހާދިސާއެކެވެ. އަދި މިފަހުން ހިނގައިދިޔަ އެންމެ ހިތާމެވެރި ހާދިސާ އެވެ. "އެނަމާ" ހާދިސާއަށް ފަހުން ކަނޑުމަތީން އައި އެންމެ ބޮޑު ހާދިސާ ވެސް މެއެވެ. ތަފާތު އެކި ގޮތްގޮތަށް ހާދިސާގެ ހަބަރުތައް ފެތުރި އެންމެންގެ ހަމްދަރުދީއާއި ނަޒަރު ހުއްޓުނެވެ.

11:30 ން 11:53 އަކަށް!

ލޯންޗުގައި ދަތުރު ދިޔަ ގޮތާއި ވީ ތައްޔާރީތައް އަދި ހިނގައި ދިޔަ ކަންކަން މިހާތަނަށް އެންމެ ތަފްސީލްކޮށް ކިޔައިދެނީ އެ ލޯންޗުގައި ދަތުރުކުރި އައިޝަތު އާސިމާ އެވެ. ދަތުރުގައި އޭނާއާ އެންމެ ކައިރި ބައިވެރިންނަކީ ހާދިސާގައި މަރުވެ ދިޔަ އޭނާގެ ބެސްޓްފްރެންޓް ފާތުމަތު ގުރައިޝާގެ ދެމައިންނާއި އީރާގެ މާމަ އާއި ކާފަ އެވެ.

ދެން އެ ލޯންޗަށް އެރީ އާސިމާގެ ދޮންބޭބެ، އަބްދުއް ޝުކޫރުގެ ދެމެފަރިންނާއި ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު، ޝެހެނާޒެވެ. އެމީހުން ހަނިމާދޫއަށް ދިޔައީ އެހެން ދަތުރެއްގަ އެވެ. އާސިމާ ދިޔައީ ގުރެއިޝާއާއެކު ބެންކޮކަށް ދާން ދިޔުމަށް މާލެ ދިޔުމަށެވެ.

އާސިމާ ކިޔައިދިން ގޮތުގައި އެމީހުން ދިޔައީ 11:45 ގައި ޗެކިން ބަންދުވާ ފްލައިޓަށެވެ. އެކަމަކު އޭރު މޫސުން ގޯސްވެ ދަތުރުތައް އޮތީ މަޑުޖެހިފަ އެވެ. އެހާ ގަދައިރު ވެސް އެމީހުން ދަތުރަށް ފުރީ ގަޑިއަށް ޗެކިން ބަންދުވާނެ ކަމަށް އެއާޕޯޓުން ފުރަތަމަ ބުނެގެނެވެ. މޫސުން ގޯސްވެފައި އޮތުމުން ދަތުރު ކުރާ ވަރުގެ ދުވަހެއް ނޫން ކަމަށް އެ ލޯންޗު ދުއްވި ކައްޕި ސިރާޖު އަދުނާނު ވެސް އިންޒާރުކޮށްފައި ވެއެވެ. މީހުން ބުނާ ގޮތުގައި އޭނާއަކީ ހދ. ގައި ނަން މަޝްހޫރު ކުޅަދާނަ ކައްޕިއެކެވެ.

އޭނާ އެ ދަތުރަށް ފުރީ، ލޯންޗަށް އެރި މީހުން އެ ދަތުރު ކުރަން ބޭނުން ވެގެނެވެ. ލޯންޗު ނޮޅިވަރަންފަރުން ނައްޓާލީ 11:30 އެހާކަންހާއިރު އެވެ. ލޯންޗު ދުއްވާލިތަނާހެން ގުރައިޝާގެ ފިރިމީހާ ޝިފާޒު، އާސިމާގެ ފޯނަށް ކުރި ކޯލްގައި ގުރައިޝާއާ ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު ވަރަށް ކުޑަ އިރުކޮޅަކަށެވެ. އެއީ އެ ދެމަފިރިން މެދު އެންމެ ފަހުން ދެކެވުނު ވާހަކަކޮޅު ކަން މުޅީން ޔަގީނެވެ. އޭގެ ފަހުން ވެސް ޝިފާޒު ދެތެރެ ދޭރެއިން ގުޅަމުން ދިޔަ އެވެ. ގަދަވެ، ލޯންޗަށް ދެވުނުތޯ ބެލުމަށެވެ. އެހެން އާއިލާގެ ގިނަ ބަޔަކު ވެސް އެކި މީހުންގެ ފޯނުތަކަށް ގުޅަމުންދިޔަ އެވެ.

އެ ދުވަހުގެ 11:48 އެހާކަންހާއިރު، ލޯންޗުގައި ޓީޗަރު ހުސެއިން ފޯނުން މީހަކާ ވާހަކަ ދެއްކި އެވެ. އެއީ އޭނާގެ އަންހެނުންގެ ބޭބެގެ ދަރިފުޅު މުހައްމަދު މުސްތަފާގެ އަންހެނުން ޔުމްނާއާ އެވެ. މުސްތަފާގެ ދެމަފިރިން ދިރި އުޅެނީ ހަނިމާދޫގަ އެވެ. އެއީ އެ ލޯންޗަށް ހަނިމާދޫއަށް ދެވިއްޖެތޯ ބަލަން ޔުމްނާ ކުރި ކޯލެކެވެ. އެއީ ޓީޗަރު ހުސެއިންގެ އެންމެ ފަހުގެ ކޯލެވެ. ފަހަރުގައި އެންމެ ފަހުން ވާހަކަ ދެއްކީ ޔުމްނާއާ އެވެ. އެ ފޯނު ކޯލްގައި ހުސެއިން ބުނި ވާހަކައަކީ "ކަނޑު ވަރަށް ގަދަ" އޭ އެވެ. ދެން ބުނީ "ހަނިމާދޫއާ ވަރަށް ކައިރިވެއްޖެ" އޭ އެވެ.

އޭގެ ހަތަރު ވަރަކަށް މިނެޓް ފަހެވެ؛ ލޯންޗު ހަނިމާދޫ ފަޅަށް ވަންނަން ދަނީ އެވެ. ބޮޑެތި ރާޅުތައް ނަގަމުން ދިޔައިރު ބޯ ވާރޭއާއެކު މުޅި ސަރަހައްދު އޮތީ ބެދިފަ އެވެ. އައި ކޮޅިގަނޑަކާއެކު ކުރިމަތި ސާފުކޮށެއް ނުފެނެ އެވެ. އެ ވަގުތު އާސިމާގެ ފޯނަށް ޝިފާޒުގެ ކޯލެއް އައެވެ. އެކަމަކު، އެ ފޯނަށް ޖަވާބެއް ނުދެވުނެވެ. ލޯންޗު ބަންޑުން ޖަހާލީ ވެސް ހަމަ އެ މިނެޓްގަ އެވެ. އެއް ރާޅު ނަގައި ލޯންޗު އަރިވެ ބެލެންސްކޮށް ނުލެވެނީސް އެއަށްވުރެ ބޮޑު ރާޅެއްގައި ލޯންޗު ބަންޑުން ޖަހާލީ އެވެ. އޭރު ގަޑިން 11:53 އެކެވެ.

ބަންޑުން ޖަހާލި ލޯންޗު އޮޔާއެކު ދަމައިގަތީ ހަނިމާދޫ ފަޅު ތެރެއަށެވެ. އާންމުކޮށް ވެސް އޮއި ބާރު އެ ސަރަހައްދުގައި ވަކިން ބޮޑަށް އެ ދުވަހު އޮއި ބާރެވެ. ލޯންޗު އޮޔާ ހަނިމާދޫއާ ދިމާލަށް ގެންދަ ދިޔަ އެވެ.

އޭގެ ފަހުން ވެސް އާއިލާގެ ވަރަށް ގިނަ މީހުން އެމީހުންގެ ފޯނުތަކަށް ގުޅަމުންދިޔަ އެވެ. މުސްތަފާ ވެސް އެތައް ފަހަރަކު ގުޅި އެވެ. ހުރިހާ ފޯނަކުން ވެސް އައި "ނިންވާލާފައޭ" އެވެ. އާއިލާގެ މެންބަރުންތައް ހާސް ވެގެން ރަށު އެކިކޮޅުކޮޅު މައްޗަށް ނުކުންނަން ފެށީ އެ ހިސާބުންނެވެ. ހަނިމާދޫއަށް ލޯންޗަށް ނުދެވި އެހާ ގިނައިރުވެ ފޯނުތައް ނިވިފައި އޮތުމުން ކަމެއް މާބޮޑަށް ވެސް ގޯސްވެއްޖެކަން އެންމެންނަށް ވެސް އެނގުނެވެ.

ހާދިސާއަށްފަހު ކަނޑުގައި ދޮޅުގަޑިއިރު!

ބަންޑުން ޖަހާލާއި ކަނޑުވުމަށްފަހު ހިނގި ކަންކަން އާސިމާގެ އިތުރުން ޝުކޫރު ވެސް އަވަސްއާ ވަރަށް ތަފްސީލް ގޮތެއްގައި ހިއްސާކުރި އެވެ. އެ މައުލޫމާތުތައް ބަލާއިރު ލޯންޗު ބަންޑުން ޖަހާލުމާއެކު، އެންމެ ފުރަތަމަ ލޯންޗު ބޭރުވެ މައްޗަށް އެރުނީ ފަޅުވެރިއެއްގެ ގޮތުގައި ދަތުރުކުރި އެކަމަކު ލޯންޗުގެ ވެރިފަރާތް، އަލީ އެވެ. އޭގެ ފަހުން އާސިމާ އާއި ކައްޕިއަށް މައްޗަށް އެރުނީ ގާތްގަނޑަކަށް އެކުއެކީގަ އެވެ. އާސިމާ، މައްޗަށް އެރި ތަނާހެން ކައްޕި ވެސް މައްޗަށް އެރި އެވެ.

އޭގެ އިރުކޮޅެއް ފަހުން އާސިމާގެ ދޮންބޭބެ، ޝުކޫރު މައްޗަށް އެރި އެވެ. ޝުކޫރު ވެސް ލޯންޗުގައި ހިފަހައްޓައިގެން އޮތީ އެވެ. ހަމަ ދިމާލުން ދެން ލޯންޗުގައި އިން ޓީޗަރު، ޝެހެނާޒް ވެސް މައްޗަށް އެރި އެވެ. އާސިމާއާ އެއްގޮތަށް ޝެހެނާޒު ވެސް އިންޖީނު މަތީގައި ހިފަހައްޓައިގެން ތިބީ އެވެ. ތިން މީހުން ހިފަހައްޓައިގެން ތިބުމަށް އެންގުމަށްފަހު ކައްޕި އާއި ފަޅުވެރިޔާ އެހެން މީހުން ހޯދަން އަޑިއަށް ފީނައިގަތީ އެވެ.

ޓީޗަރު ހުސެއިން ވެސް މައްޗަށް އެރީ އެ ވަގުތު އެވެ. އޭގެ އިރުކޮޅެއް ފަހުން ހުސެއިންގެ އަންހެނުންގެ ފުރާނަ ނެތް ހަށިގަނޑު ފެން މައްޗަށް އެރި އެވެ. އެއީ ފުރަތަމަ މަރެވެ. އޭނާގެ ހަށިގަނޑު ފެނުމާއެކު، ހުސެއިން ފީނައިގަތީ ލޯންޗުގެ ތެރެއަށެވެ. އިރުކޮޅެއް ފަހުން އޭނާ ހާސްވެގެން މައްޗަށް އެރީ އެވެ. ބެލެވޭ ގޮތުގައި ލޯންޗުގެ ތެރެއިން ގުރައިޝާ އޮތް ހާލު ފެނިގެން ޝޮކެއް ޖެހުނީ އެވެ. އާސިމާ އާއި ޝުކޫރު އޭގެ ފަހުން ހުސެއިންގެ އަތުގައި ހިފައިގެން ވަރަށް ގިނައިރު ތިއްބެވެ. އޭނާގެ ފުރާނަ ދިޔައީ އެގޮތުގައި އޮތްވަ އެވެ. އެންމެ ފަހުން ގައިން ބާރު ހުސްވާތީ ހުސެއިންގެ ހަށިގަނޑުގައި ވަލެއް އައްސާފައި ދޫކޮށްލީ އެވެ.


ޝުކޫރު ކިޔައިދޭ ގޮތުގައި އޭގެ ފަހުން މައްޗަށް އެރީ އޭނާގެ އަންހެނުންގެ ހަށިގަނޑެކެވެ. އޭރު ވެސް އޭނާގެ ފުރާނަ ނެތްކަން އެނގެ އެވެ. އަންހެނުންގެ ހަށިގަނޑުގައި އަތް ބީއްސޭތޯ އޭނާ ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އެކަމެއް ނުވި އެވެ. އާސިމާ އާއި ޝެހެނާޒު އަދި އޭނާގެ ފުރާނައަށްޓަކައި މޫދަށް ފުއްމާނުލާ އޭނާ މަޑުކުރީ އެވެ. އޭރު ވެސް ގުރައިޝާ އާއި އީރާގެ ދެމައިންނެއް ނުފެނެ އެވެ.

ކައްޕި އާއި ފަޅުވެރިޔާ ލޯންޗުގެ ތެރެއިން މީހަކު ފެނޭތޯ ފީނަމުން ދިޔަ އެވެ. ލޯންޗުގައި މީހަކު ނެތްކަން އެނގުމުން އަލީ ބޭނުންވީ ހަނިމާދޫއަށް ފަތާފައި އަރާ އެހީ ހޯދާށެވެ. އެ ވާހަކަ އޭނާ ޝުކޫރު ގާތުގައި ބުނުމުން އެކަން އެގޮތަށް އެކަން ކުރަން އެދުނީމާ ފަތައިގަތީ އެވެ. އަލީއަށް އެއީ އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. ފަތާފައި އެއްގަމާ ހަމައަށް ދެވުނީ ހާލުންނެވެ. އަދި ދެވުނު އިރު ގައިގާ ވަރެއް ނެތެވެ. ދުއްވައިގަންނާނެ ވަރެއް ވެސް ނެތެވެ. ތިން ހަތަރު ފަހަރަށް ވެއްޓުނެވެ. މަސައްކަތުން ހިތްވަރުން ސިފައިންގެ މަރުކަޒާ ހަމައަށް ގޮސް ތަޅައިގަނެވުނީ އެވެ. ދޮރު ހުޅުވާލިއިރަށް އޭނާ ބުނީ "އެންމެން މަރުވަނީ" އޭ އެވެ. ސިފައިން ކުއްލި ހާލަތަށް އައިސް ޑިންގީއެއްގައި ނުކުތީ އެ ވަގުތު އެވެ.

ސިފައިންފެ ޑިންގީއަށް އެންމެ ފުރަތަމަ އެރުވީ އާސިމާ އާއި ޝެހެނާޒެވެ. އޮޔާ ދަމުން ދިޔަ ލޯންޗު މަތީގައި ތިބި އެ ދެ މީހުންގެ ރިންގަކަށްލުމަށް ސިފައިިން ގާތަަށް ފޮނުވީ ޝުކޫރުގެ މަސައްކަތުންނެވެ. އެ ޑިންގީ ހަނިމާދޫ އެއްގަމާ ހަމަވިތަނާހެން ބަންޑުން ވެސް ޖަހާލި އެވެ.

ނޮޅިވަރަންފަރުން ޑިންގީއެއް އެހީއަށް!

އަލީގެ އަންހެނުންގެ ދައްތަ އާއި ގުރައިޝާގެ އާއިލާއަށް އެއިން އެއްވެސް މީހަކަށް ނުގުޅިގެން އުޅޭކަން ރަށުގައި ޑިންގީއެއް ދުއްވަން އުޅޭ އާމިރަށް އެނގުމާއެކު އެމީހުން ހޯދަން ޑިންގީގައި ނުކުތެވެ. އޭރު ގަޑިން 1:20 ހިނގައިފި އެވެ. ނައްޓާލޯ އެމީހުން ފެންމަތީގައި ތިބެދާނެ ކަމަށް ހީނުވުމުންނެވެ.

އެ ޑިންގީއަށް އާސިމާގެ ކޮއްކޮ އާއި ގުރައިޝާގެ ފިރިމީހާ ޝިފާޒުގެ ބައްޕަ ވެސް އެރި އެވެ. އޭރު ނޮޅިވަރަންފަރުގެ ފެރީއެއްގައި އެހެން ބަޔަކު ވެސް ލޯންޗު ހޯދަން ފުރަން އުޅެ އެވެ. އެ ފެރީއަށްވުރެ ކުރިން ޑިންގީ ނައްޓާލައި ބަންޑުން ޖަހާލި ލޯންޗާ ހަމައަށް ދެވުނު އިރު ސިފައިން ހަރަކާތްތެރިވެ އެވެ. އޭރު ސިފައިން އީރާ، ފެންޑަރެއްގެ މައްޗަށް ލައިގެން ގެންދެ އެވެ. އީރާ އެރުވީ އާމިރުގެ ލޯންޗަށެވެ. އޭނާ ޑިންގީއަށް ނެގީ އޭނާގެ ކާފަގެ ދެ އަތުންނެވެ. ހަމަ އެ ޑިންގީއަށް އައިޝަތުގެ ހަށިގަނޑު ވެސް އެރުވި އެވެ. ނެގިއިރު ވެސް އޮތީ މަރުވެފަ އެވެ.

އާމިރު ކިޔައިދިން ގޮތުގައި އެ ދެ ހަށިގަނޑާއެކު ޑިންގީ ބާރަށް ދުއްވާފައި ހަނިމާދޫ އަވަށުކޮޅު ބަނދަރަށް ދިޔައީ އެވެ. އޭރު އެތަނުގައި ހަނިމާދޫގެ ޒުވާނުން އެއްވެ ތިއްބެވެ. އެ ދެ ހަށިގަނޑު، ސިއްހީ މަރުކަޒަށް ގެންދިޔައީ އެމީހުންނެެވެ.

ޑިންގީ އަނެއްކާވެސް ދިޔައީ ބަންޑުން ޖަހާލި ލޯންޗާ ދިމާލަށެވެ. އެކަމަކު، އޭރު ލޯންޗު ވެސް އޮތީ ލައްވެފަ އެވެ. އޭގައި ތިބި އެންމެން ވެސް އެއްގަމަށް އޭރު އަރުވައިފި އެވެ.

ހަނިމާދޫ ކުއްލި އެލާޓަށް!

ގުރައިޝާ އާއި ޝުކޫރުގެ އާއިލާގެ ބައެއް މެންބަރުން ހަނިމާދޫގައި ދިރިއުޅޭތީ އެމީހުން ވެސް ތިބީ ހާސް ކަމެއްގެ ތެރޭގަ އެވެ. ހަގީގަތް ނޭނގިފަ އެވެ. އޭގެ ތެރެއިން އެކަކަކީ މުސްތަފާ އެވެ. ހަނިމާދޫ ފުލުސް ސްޓޭޝަންގައި މަސައްކަތް ކުރާ މުސްތަފާ، ލޯންޗުގައި ތިބި އޭނާގެ އާއިލާއަށް ނުގުޅިގެން އުޅެނިކޮށް އޭނާގެ ކާރުގައި އިން އޭނާގެ ބޭބެއަށް ފޯނު ކޯލެއް އައެވެ.

ފުލުސް ސްޓޭޝަނުން އައި ފޯނު ކޯލުން އެނގުނީ ސިފައިންގެ މަރުކަޒު ކައިރިއަށް ލޯންޗުގައި ހުރި އަލީ އަރައިގެން އުޅޭ ކަމެވެ. އޭނާ ވެހިކަލްގައި އެތަނަށް ދިޔަ އެވެ. ދިޔައިތާ ފަސް މިނެޓް ފަހުން ބޭބެ، މުސްތަފާއަށް ގުޅި އެވެ. އޭގެ އިރުކޮޅެއް ފަހުން އެއާޕޯޓު ސަރަހައްދުން ފުލުހުންގެ ވެހިކަލާއި ސިފައިންގެ ވެހިކަލް، ސައިރެންސް އަޅަމުންދިޔަ އެވެ. އެ ދެ ވެހިކަލްގެ ފަހަތުން މުސްތަފާ ވެސް ކާރުގައި ދިޔަ އެވެ.

އެ ދެ ވެހިކަލްގައި ސިއްހީ މަރުކަޒަށް ގެނައީ ހުސެއިންނާއި އޭނާގެ އަންހެނުންނެެވެ. އެއީ މުސްތަފާގެ ދޮން ދައްތަ އާއި ދޮންބެ އެވެ.

މުސްތަފާ ކިޔައިދިން ގޮތުގައި އޭގެފަހުން އެއާޕޯޓް ވެހިކަލެއްގައި އާސިމާ ގެނަ އެވެ. އަނެއްކާވެސް މުސްތަފާ އެ ސަރަހައްދަށް ދާން ނުކުތެވެ. ސިއްހީ މަރުކަޒުގެ އެންބިއުލާންސްގައި ޑޮކްޓަރަކާއި ނަރުހަކާ ވެސް އެކުގަ އެވެ. އެ ސަރަހައްދަށް ދިޔައިރު ކޯސްޓްގާޑްގެ ކޮރިޑޯގައި ގުރައިޝާގެ ހަށިގަނޑު ބާއްވާފައި އޮތެވެ. އޭރު ގުރައިޝާގެ ގައިން ލޭ އޮހެރެމުންދިޔަ އެވެ. އެ ތަނުގައި ޑޮކްޓަރު އޭނާއަށް އެޓެންޑްވި އެވެ. އޭރު ވެސް މުސްތަފާ ދިޔައީ އީރާ ހޯދަމުންނެވެ. އެންމެން ކައިރީގައި "ކުޑަމީހާ ކޮބައިހޭ" އަހަމުންދިޔަ އެވެ. އެންބިއުލާންސްގައި ގުރައިޝާ ގެނައިރު އީރާ އޮތީ ސިއްހީ މަރުކަޒުގަ އެވެ.

ޕެޓްރޯލްގެ އަސަރު!

މުސްތަފާ ކިޔައިދިން ގޮތުގައި ހާދިސާގައި މަރުވި މީހުންނަށް ވަރަށް ބޮޑަށް ޕެޓްރޯލްގެ އަސަރު ކޮށްފައި ވެއެވެ. ޕެޓްރޯލް ޖެހި ވަރަށް ގިނަ ތަންތަން ހުރީ ފިހިފަ އެވެ. ހަންގަނޑު އެއްކޮށްހެން ވިރިގެން ގޮސްފަ އެވެ. އޭނާ ބުނި ގޮތުގައި އެމީހުން އުފުލި ވެހިކަލްތަކުން އަދިވެސް ޕެޓްރޯލްގެ ވަސް ކަނޑައިގެން ނުދެ އެވެ.

ލޯންޗު ތެރެއިން ބޭރު ނުވެވި، ހާސްވެ މަރުވަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް ޕެޓްރޯލްގެ އަސަރު އެހާ ބޮޑަށް ކުރުން ކަމަށް ލަފާ ކުރެވެ އެވެ. ހަތަރު މީހުންނަށް ވެސް ޕެޓްރޯލްގެ ސަބަބުން ލިބިފައިހުރި ޒަހަމްތަކާއި އެހެން އަނިޔާތައް ވެފައި ހުރި ނަމަވެސް އީރާއަށް މިފަދަ އަނިޔާއެއްވެފައެއް ނުވެ އެވެ. އީރާގެ ހަށިގަނޑު ދުށް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެންމެ ކޫރުމެއް ވެސް ނެތޭ އެވެ.

ހާދިސާގައި ސަލާމަތްވި މީހުންގެ ގައިގެ ބައެއް ތަންތަން ވެސް ފިހި ކަޅުވެފަ ހުއްޓެވެ. މީހުން ބުނާ ގޮތުގައި އެއީ ޕެޓްރޯލް ޖެހިފައިހުރި ތަންތަނެވެ.

މޫނު ބަލަން ދިޔަ ގިނަ ބަޔަކު ފާހަގަކުރި ކަމެއް ވެސް އެބަ އޮތެވެ. އެންމެންގެ ވެސް މޫނު މަތީގައި ހުރި އުޖާލާ ކަމާއި ހިނިތުންވުމެވެ. ހާދިސާގައި ކިތަންމެ ހާސްކަމާއެކު މަރުވި ނަމަވެސް ހިނަވައި ނިމުނުއިރު އެންމެންގެ މޫނު މަތީގައި ވެސް ހިނިތުންވުމެއް ހުރި ކަމަށް ގިނަ މީހުން ބުންޏެވެ.

އެއްބައިވަންތަކަމާއި އަޅާލުން!

މިކަންތައްގަނޑުގައި އާއިލާގެ ފަރާތުން އެންމެ އިސްކޮށް ހުރިހާ ކަމެއް ހަމަޖެއްސުމުގައި އުޅުނު މީހަކީ ވެސް މުސްތަފާ އެވެ. އޭނާ ބުނި ގޮތުގައި އެ އާއިލާއަށް ދިމާވި އެ ހިތާމަވެރި ދަނޑިވަޅުގައި އެންމެންގެ ފަރާތުން ވެސް ފެނުނު އެހީތެރިކަމާއި އޯގާތެރިކަމަކީ ހިތްހަމަޖެހޭ ކަމެކެވެ. އެ ދަނޑިވަޅުގައި ހަނިމާދޫގެ ރައްޔިތުންގެ އެހީ ބޮޑެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވެސް އެ ދުވަހު، އެތަނުގައި ހުރި ވަސީލަތަކުން އެންމެ ރަނގަޅަކަށް ހިދުމަތް ފޯރުކޮށްދިނެވެ. އަދި އެއާޕޯޓާއި ސިފައިނާއި ފުލުހުންގެ ފަރާތުން ވެސް އެހާ ބޮޑު އެހީތެރިކަމެއް ލިބުނެވެ.

ހަނިމާދޫގައި ބޭއްވި ޖަނާޒާއަށް އާއިލާގެ ވަރަށް ގިނަ ބަޔަކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ހަނިމާދޫއަށް ދިޔަ އެވެ. އެމީހުންގެ ކަންކަން ހަމަޖެއްސުމުގައި ވެސް މުސްތަފާ އިސްވެ އުޅުނެވެ. ހަނިމާދޫއަށް ދިޔަ އެ އެންމެންގެ ކަންކަން ހަމަޖެއްސުމުގައި ހަނިމާދޫގެ ބޮޑު އެހީތެރިކަމެއް ވެސް ލިބިގެންދިޔަ އެވެ. ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި އެހީތެރިވުމުގެ މަންޒަރުތަކެކެވެ.