ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

ނޮޅިވަރަންފަރު ހުރިހާ ލޮލަކުން ކަރުނަ އޮހެނީ!

ނޮޅިވަރަންފަރުން: ނާޒިމް ހަސަން
Aug 30, 2019
3

މުޅި ރާއްޖެ އިއްޔެ ރޮއްވާލީ ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދުގެ 10 މިނެޓްގެ ރާސްތާގައި ކުރި ދަތުރެއް އާއިލާއެއްގެ ހަޔާތުގެ ފަހު ދަތުރަށް ވުމުންނެވެ. "ހިތާމައިގެ ބާނިތަކެއް" ނަގަމުންދިޔަ އެ ރާސްތާގައި މިއަދު ދަތުރުކޮށް ހަނިމާދޫއިން ނޮޅިވަރަންފަރަށް އާދެވުނެވެ. މި ރަށުގައިި އޮތީ ހިތާމައާ ހިމޭން ކަމެވެ.

މިރަށުގެ ގެސްޓްހައުސްއްގައި ހަމަޖެހިލުމަށްފަހު ގޮސް ވަނީ އެންމެ ކައިރީ ކަންމަތީ ފިހާރައަށެވެ. ކުޑަކުޑަ އެ ފިހާރާގައި ސޭޓަކަށް އިނީ މެދު އުމުރުގެ އަންހެނެކެވެ. ވަނުމާއެކު އަހަރެމެން މި ރަށަށް އައިސް އުޅޭ ސަބަބު އޭނައަށް އެނގިއްޖެ އެވެ. ފެށީ އިއްޔެ ލޯންޗު ބަންޑުން ޖަހާލައި މަރުވި "ބޮޑު ޓީޗަރު" ގެ ވާހަކަ އާއި ހަނދާންތަކުންނެވެ.

"ވަރަށް ރަނގަޅު މީހެއް، މުޅި ރަށް ވެސް ވަރަށް ގަދަރު ކުރާނެ ހުސެއިނަށް، މިއީ ލިބުނު ވަރަށް ބޮޑު ހިތާމައެއް،" ހުސެއިނާ ގާތް ރަހުމަތްތެރި ގުޅުމެއް އޮތް އެ މީހާ ބުންޏެވެ.

އޭނާގެ ފިރިމީހާއަކީ ވެސް ބޮޑު، ސުޕަ ޓީޗަރާ ދެބެންގެ ދެ ދަރި މީހެކެވެ. އާއިލީ ގުޅުމުގައި އެނާ އެ ގެއަށް އައިސް އުޅެ އެވެ. އަބަދުމެ ހެވިފައި ހުންނަ ބޮޑު ޓީޗަރުގެ އޯގާތެރިކަމާއި އަހްލާގުގެ ވާހަކަ އަންހެން މީހާ ދައްކަމުން ދިޔައީ ހިތާމައިގަ އެވެ. އިރުއިރު ކޮޅާ ހުއްޓެ އެވެ. އެންމެން ފަހުން ލޮލުން ކަރުނަ އައެވެ.

ބޮޑު ޓީޗަރުގެ މަރާއެކު މި ރަށަށް ހާއްސަކޮށް ސްކޫލް ދަރިވަރުންނަށް ލިބުނު ފަޅު ކަމުގެ ވާހަކަ ތަކުރާރު ކުރަމުން ދިޔަ އެވެ. އޭނާ ބުނި ގޮތުގައި ކުއްޖަސް ބޮޑަސް މިރަށުގެ އެންމެންގެ ލޮލުން ވެސް މިވަގުތު އަންނަނީ ކަރުނަ ކަމަށެވެ.

"މިގޭގައި އުޅޭނެ ފަސް އަހަރުގެ ކުއްޖެއް، އޭނާ ވެސް އިއްޔެ ބުނީ ދެން ބޮޑު ޓީޗަރު ނާންނާނެ ދޯއޭ، ކިޔަވައި ނުދޭނެ ދޯއޭ، ދެން ކިހިނެއްހޭ ހަދަނީ،"

އިރުކޮޅެއް ފަހުން ފިހާރައިގެ ތެރެއަށް އައިސް ވަނީ އޭނާގެ ފިރިމީހާ އިސްމާއީލެވެ. އެއީ ބޮޑު ޓީޗަރު، ހުސެއިންގެ ބޭބެ އެވެ. އޭނާ ވެސް ހުރީ ބޮޑު ޓީޗަރުގެ ހިތްހެޔޮ ކަމާއި އޭނާގެ ހަނދާންތަކުގެ ވާހަކަ ކޮންމެ ވެސް މީހެއްގެ ގާތުގައި ދައްކާލަން ބޭނުންވެފަ އެވެ. އެހެންވެ އޭނާ ދައުވަތު ދިނީ ފިހާރައިގެ ބޭރުގައި ހުރި ޖޯއްޔަށް ދިއުމަށެވެ.

"ވަކިވެގެން ދިޔައީމަ ނޫނީ އާއިލީ މީހަކަށްވާތީއެއް ނޫން މި ބުނަނީ، އެއީ ހަމަ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް، އެންމެންނާ ވެސް ގުޅޭ މީހެއް... ތެދަށް މި ބުނަނީ އަބަދުވެސް ހުންނާނީ ހިނިތުންވުމާއެކު، އާއިލީ ގުޅުމަށް ވެސް ވަރަށް އިސްކަން ދިން މީހެއް،" އިސްމާއީލް ބުންޏެވެ. "މި އަވަށަށް އައިސްފިނަމަ މިގެއަށް ވަންނާނެ، އަހަރެންގެ އަންހެނުން ކައްކާ ކޮންމެ ވެސް އެއްޗެއް ކައިގެން ދާނީ،"

އިސްމާއީލް ފާހަގަ ކުރި ގޮތުގައި ބޮޑު ޓީޗަރަކީ އެ ރަށުގެ އެތައް ޖީލެއް ބިނާކޮށްދެއްވި އިސް މޭސްތެރިޔާ އެވެ. ރަށު ސްކޫލްގައި 35 އަހަރު ހިދުމަތް ކުރައްވާފައިވާއިރު އެ ސްކޫލަށް އައި ތަރައްގީތަކުގެ ބޮޑު ހިއްސާއެއް އޭނާއަށް ދޭން މަޖުބޫރުވެ އެވެ. އެންމެންގެ ލޯތްބާއި މަތީ މަގާމު ހޯދާފައި ވަނީ ބުރަ މަސައްކަތުންނެެވެ.

"ވަރަށް ބުރަ މަސައްކަތުން އަވަދިނެތި އޭނާ މި ހިސާބަށް އައީ، ޓީޗަރެއްގެ ގޮތުގައި ވައިކަރަދޫގައި ވެސް މަސައްކަތް ކުރި... އެކި ގޮތްގޮތުން އޭރު ތައުލީމު ހާސިލް ކޮށްގެން ރަށު ސްކޫލްގެ މުގުލާ ހަވާލުވީ،" އޭނާ ކިޔައިދިނެވެ.

މި ރަށުގެ ކުދީން ތަރުބިއްޔަތު ކޮށް ދެއްވި ބޮޑު ޓީޗަރު، ހުސެއިނަކީ ރަށުގައި އިމާމްވެ ނަމާދު ވެސް ކުރައްވާ ބޭފުޅެކެވެ. މަރުގެ ހާދިސާ ހިނގި ދުވަހު ކުރީ ދުވަހުގެ ރޭ އިޝާ ނަމާދު އިމާމްވެ ކުރެއްވީވެސް އޭނާ އެވެ. އޭނާއަކީ ދީނީ ކަންކަމަށް ވެސް އިސްކަން ދެއްވި ވަރަށް ރީއްޗަށް ގުރުއާން ވެސް ވިދާޅުވި ބޭފުޅެކެވެ.

"ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ، މިސްކިތުން އޭނާ ގުރުއާން ކިޔަވާ އަޑު އިވޭއިރަށް ހުއްޓުން އަރާ، އެހާމެ ފުރިހަމައަށް އެހާމެ ރީއްޗަށް ގުރުއާން ކިޔަވަނީ،" އިސްމާއީލް ބުންޏެވެ.

ބޮޑު ޓީޗަރު، ހުސެއިންގެ އުފާވެރި އާއިލާ ވެސް އޭނާއާއެކު ވަކިވެގެން ދިޔައީ އެވެ. އަންހެނުން މަރިޔަމް މަނިކެ އާއި ދަރިފުޅު ފާތިމަތު ގުރައިޝާ އަދި އޭނާގެ ފަސް އަހަރުގެ ދަރިފުޅު އީރާ ވެސް ވަނީ މި ހިތްދަތި ހާދިސާގައި ދުނިޔެ ދޫކޮށްފަ އެވެ.

އެ އުފާވެރި އާއިިލާ ދިރިއުޅުނު މި ރަށު އަހިމާގެއަށް ވެރިވެފައި ވަނީ ހިތާމަ އެވެ. އަވަށްޓެރިންނާއި އާއިލާ މީހުން އަދިވެސް ތިބީ އަހިމާގޭ ބޭރުގަ އެވެ. އެ އެންމެންގެ ލޮލުން ކޮންމެވެސް ސިފައެއްގައި ކަރުނަތައް އޮހެމުންދާއިރު އެއް ބަޔަކު ހިތްވަރު ދެނީ އެވެ. އެކަމަކު ލޯ ތެންމާލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.