ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

ވިރި ހުސްވެފައިވާ ހިތެއް: އަނބިމީހާ މަރުވެ އޮޔާ ދިޔައީ ލޯމަތިން!

ނޮޅިވަރަންފަރުން: ނާޒިމް ހަސަން
Aug 30, 2019
11

ގޭގައި މީހުން ހެލިފެލިވި އުޅުނަސް ވަށާލާފައި ވަނީ ހަމަ ހިމޭން ކަމެކެވެ. ބޮޑު ސިޓިން ރޫމަކުން ވަދެގެން ދަނިކޮށް ކުރިމައްޗަށްވާ ގޮތަށް ހުރި ކޮޓަރިއާ ދިމާއަށް އަތުން އިޝާރަތްކޮށްލީ ގޭ ތެރޭގައި ހުރި މީހެކެވެ. އޭނާ އެދުނީ އެ ކޮޓަރިއަށް ވެދެލާފައި ދިއުމަށެވެ. އެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.

ހުޅުވައިލެވުނު ކޮޓަރީގައި މި ނޮޅިވަރަންފަރު ސްކޫލްގައި ޓީޗަރެއްގެ ގޮތު މަސައްކަތް ކުރާ އަބްދުއް ޝުކޫރު އެނދެއްގައި އޮށޯވެ އޮތީ މޭމަތީގައި އަތް ބާއްވާލައިގެނެވެ. ހަރަކާތެއް ނެތެވެ. ހުޅުވިފައިވާ ދެ ލޮލުން ކަރުނަ ފޫދިފައިވެއެވެ. އޭނާ ކައިރީގައި އެއް އަތުގައި އަތް ޖައްސާލައިގެން އޭނާގެ ހަމައެކަނި ދަރިފުޅު މުހައްމަދު ފައިސަލް އިނެވެ. މިތާނގެ ތެރެއިން މިފެންނަނީ އިންސާނެއްގެ ހިތް ހިތާމައިން ފަޅައިގެން ހިނގައިދާނެ ފަދަ މަންޒަރެކެވެ.

އިއްޔެ މި ރަށުން ފުރައިގެން މި އަތޮޅު ހަނިމާދޫއަށް ދަތުރެއް ފެށި ލޯންޗަށް ޝުކޫރު އެރީ އޭނާގެ އަންހެނުން އައިޝަތު އަލީ (އައިސަ) ވެސް ގޮވައިގެނެވެ. ޝުކުރޫގެ ދެމަފިރިން ހަނިމާދޫ އެއާޕޯޓަށް ދިޔައީ އަންހެނުން އައިސަގެ ބޭހަށް ބޭރަށް ދާންވެގެނެވެ. އެކަމަކު ތަގުދީރުގެ ނިޔާ އައީ އެހެނެއް ނޫނެވެ. އެ ދެމަފިރިން ވެސް ހިމެނޭ ގޮތަށް 10 މީހަކު ގޮވައިގެން ދިޔަ "ސުޕީޑް" ބަންޑުން ޖަހާލައި މާ ކަނޑުގެ ރާޅުތަކުގެ ތެރެއަށް އެންމެން ގެއްލެމުން ދިޔަ ވަގުތު ޝުކުރޫ، 34 އަހަރު ވަންދެން އެކުގައި އުޅުނު ލޯބިވާ އަނބިމީހާ އައިސަ ވެސް އަބަދަށް ވަކިވެ ލޯމަތީގައި މަރުވެ ވަކިވީއެވެ.

ގާތަށް ޖެހިލާއި ޝުކޫރަށް ހިތްވަރު ދީފައި ތައުޒިޔާ ކިޔައިފީމެވެ؛ އޭނާ އޮތް އެނދު ކައިރީ އިށީނދެ ސަލާމްކޮށްލައިފީމެވެ. އޭނަގެ ދެ ލޮލުން ކަރުނަ ފޫދިފޫދި ހުއްޓެވެ. މަޑުމަޑުން، މަޑުމަޑުން އޭނާ އިއްޔެގެ ހާދިސާގެ ތެރެއަށް ވަނެވެ. އަދި ހިއްސާނުކޮށް ހުރި ވާހަކަތައް ކިޔައިދެވޭތޯ އުޅުނެވެ. ލޮލުން ކަރުނަތައް ބަންޑުންވި އިރު ޝުކޫރުގެ އަޑުގައި ހުރީ ތުރުތުރެކެވެ.

ޝުކޫރު ބުނި ގޮތުގައި މޫސުން ގޯހަސް ކުޑަ ލޯންޗުގައި އިއްޔެ ރަށުން ނައްޓާލިއިރު ދަތުރެއް ނުކުރެވޭހާ ކަނޑު ގަދައެއް ނޫނެވެ. އަދި ވަރަށް މަޑުން ނިޔާމާގައި ދުއްވާފައި ދިހަ ވަރަކަށް މިނެޓުން ހަނިމާދޫއާ ހަމައަށް ވެސް ދެވުނެވެ. އެހެން ނަމަވެސް ހަމަ އެވަގުތު ކުއްލިއަކަށް ވައި ބާރުކޮށްލައި ބާރުގަދަ ކޮޅިގަނޑެއް ބޯމަތީވީއެވެ. ކޮޅިގަނޑު ލައިގަތް އިރު ލޯންޗު ހަނިމާދޫއަށް ވަންނަން މަސައްކަތް ކުރަނީއެވެ. އުދަރެހުގައި ކަޅު ވިލާ ވަރަށް ބޮލެވެ. އޭގެ ތެރެއިން ވެހެން ފެށި ބޯވާރޭއިން މުޅި ތަން ބައްދާލިއެވެ. ހަމަ އެވަގުތުކޮޅުގެ ތެރޭގައި އުފުލުނީ ބިޔަ ބޮޑު ރާޅެކެވެ. ކުޑަކުޑަ ލޯންޗުގެ މަތިން އެ ރާޅު ދިޔައީ ލޯންޗާއި މީހުން އެ ފުށް މި ފުށަށް ޖަހާލައި އެކި ދިމާއަށް އުކާލުމަށްފަހުއެވެ.

"ކޮޅިގަނޑާއި ވާރޭ އައިސް ދެން ނެގި ރާޅުގައި ލޯންޗު ބަންޑުން ޖަހާލިތާ މިނެޓެއްހާއިރު ފަހުން އަޅުގަނޑަށް ވެސް އޭގެ ތެރެއިން ނުކުމެވުނީ، ނުކުމެވުނުއިރު މަތީގައި ފެންނަން ތިބީ ދެ އަންހެން ކުދިން، ކައްޕި އާއި ފަޅުވެރިޔާ ވެސް ބޭރުގައި ތިބި، ދެން އެ ދެ އަންހެން ކުދިން ނަގާ ލޯންޗުގެ އިންޖީނުގެ ދެ ފަރާތުގަ ދެ ކުދިން ބައިތިއްބާފައި ހިފަހައްޓައިގެން ތިބީ،" ވަރަށް ހިތްވަރުކޮށް ދެ ލޯ ފޮހެލާފައި ޝުކޫރު ކިޔައިދޭން އުޅުނެވެ. ދެން އިރުކޮޅަކަށް ހުއްޓުނީއެވެ.

ފަސް މިނެޓް ފަހުން ޝުކޫރު އަހަންނާ ދިމާއަށް ބަލާލާފައި އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ: "އޭރު ވެސް އިތުރު ބޮޑެތި ރާޅުތައް ނަގަމުން ޖަހަމުން ދޭ... އަޅުގަނޑުމެންގެ ބޯ މަތިން ވެސް ރާޅުތައް ނަގަމުން ދިޔަ، އެކަމަކު އޭގައި ހިފަހައްޓައިގެން ތިބީ، އެގޮތަށް ތިބިއިރު އަޅާލާނެ އެއްވެސް މީހަކު ނުފެނޭ.... ދެން އިރުގަނޑެއް ފަހުން... ފެންނަން ފެށީ މީހުން މަރުވެގެން މައްޗަށް އަރާ ތަން...،" ޝުކޫރަށް ގިސްލެވުނެވެ. ރޯން ފެށިއެވެ.

އެ ބިރުވެރި އަދި ހިތާމަވެރި ވަގުތުކޮޅުގެ ސިފަކޮށްދޭން އެކި ފަހަރު މަތީން ޝުކޫރު ވަރަށް މަސައްކަތް ކުރިއެވެ. އޭނާއަށް އެ ވާހަކަތަކުން ބައެއް ކިޔައި ދެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާ ބުނި ގޮތުގައި މަރުވެގެން އެންމެ ފުރަތަމަ މައްޗަށް އެރީ އޭނާއާއެކު މަސައްކަތް ކުރަމުން އައި ވަރަށް އެކުވެރި، ޓީޗަރު ހުސެއިން އަބްދުﷲގެ އަންހެނުން މަރިޔަމް މަނިކެގެ ފުރާނަ ނެތް މަސްގަނޑެވެ. އޭގެ އިރުކޮޅެއްވީ ތަނާ ފެން މަތީން ހުސެއިން ވެސް ފެނުނެވެ. އޭރު ހުސޭނު މަރެއް ނުވެއެވެ. ހަމަ އެވަގުތު ޝުކޫރު، އޭނާގެ އެކުވެރިޔާގެ އަތަށް ވާގަނޑެއް އެއްލިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއްވީ ތަނާ ފެންނަން ފެށީ ހުސެއިން ބަލިވަމުން ގެނބެމުން ދިޔަ މަންޒަރެވެ.

"އެހެންވެ، ވަލުގައި ހިފާ ދާމާ ހުސެއިން ނަގަން މަސައްކަތް ކުރިން... ވަރަށް މަސައްކަތް ކުރިން... އެކަމަކު ހަމަ އެއްކޮށް... އޭނާއަށް ވެސް ހިފެހެއްޓޭ ވަރެއް ނުވި، އަނެއް ދެ އަންހެން ކުދިން ވެސް ހިފަހައްޓައިގެން އޭރު ވެސް އަހަރެން ހުރީ... އެހިސާބުން އަހަރެންގެ އަތުން ހުސެއިންގެ ވާގަނޑު ދޫވެގެން ދިޔައީ، އޭގެ ފަހުން ހުސެއިނެއް ނުދެކެން. ހުސޭނު ދޫވެގެން ދިޔަތަނާހެން އަނެއް ފަރާތު ކަނޑުމަތީން އަޅުގަނޑަށް ފެނުނީ..."

ޝުކޫރަށް ވާހަކަ ކުރިއަށް ނުގެންދެވި ހުއްޓާލިއެވެ. އެ ވަގުތު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފޫދިގެން ދިޔައެވެ. ގާތުގައި އަތުލަފިކޮށްގެން އިން އޭނާގެ ދަރިފުޅުވެސް ބައްޕައަށް ހިތްވަރު ދީ ބުރަކަށީގައި ފިރުމައި ދެމުން ރޮއި ރޮއިފައި ބައްޕަގެ އަތުގައި ބޮސް ދެނީއެވެ.

އިއްޔެ ވާހަކަ ޝުކޫރުގެ ވިރެމުންދާ ހިތުން ބޭރު ކުރަން އޭނާ ބޭނުން ވަނީ ކަރުނައިގެ ތެރޭގައެވެ. އަނެއްކާވެސް ފެށިއެވެ:

"އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ އަންހެނުން މަރުވެގެން މައްޗަށް އަރައި އެ ދިމާލުން އޮޔާ ދާ ތަން، އަތް ލެވޭ ވަރެއް ނުވި، އެތަނަށް ފައިބައިފިއްޔާ އަޅުގަނޑު ވެސް ސަލާމަތެއް ނުވާނެ، ދެން ތިބަ ދެ ކުދިންނެއް ވެސް ސަލާމަތެއް ނުވާނެ، ދެން އެހެންވެ ހިތްވަރުކޮށްލާފައި އަތު ޖެހޭތޯ އުޅުނީ... އެކަމަކު އަތެއް ނުޖެހުން... އެހިސާބުން ވެސް ހަމަ އަޅުގަނޑު ހިތަށް އެރީ ދުލެއް ނުކުރާނަމޭ،" ޝުކޫރު ބުންޏެވެ.

"ދެން ހަމަ ރާޅާ ތަޅަމުން ތަޅަމުން އެކި ފަހަރު އެކި ރާޅު ބޯމަތިން ވެސް ތަޅަމުން، ބައެއް ފަހަރަށް ހީވޭ ދޫވާހެން ވެސް، އޭރު ލޯންޗު އޮއެވަރު ހުރީ އެއްގަމާ ދިމާލަށް މިސްރާބު ޖަހާފަ، ދެން މަޑުމަޑުން ވަރަށް ގޮނޑުދޮށާ ކައިރިވި ފަހުން މީހަކު ފެނުނީ،"

އެ ހިސާބަށް ޝުކޫރުގެ ވާހަކަ ދިޔައިރު އެ ކުޑަ ކޮޓަރީގެ ތެރޭގައި ތިބި އެންމެން ވެސް ތިބި އެންމެންގެ ލޮލުން ވެސް ވަނީ ކަރުނަ ހިލުވާލާފައެވެ. އޭނާގެ ގާތް ބައެއް އެހެން މީހުން ވެސް ތިބި އެ ކޮޓަރީގެ ތެރޭގައި ގިސްލުމުގެ އަޑު ހުއްޓެވެ.

"އަޅުގަނޑު ފޮނުވިން ފަޅުވެރިޔަކު އެހީވާނެ ބަޔަކު ހޯދަން އޭނާ ފަތާފައި ހަނިމާދޫއަށް އެރީ، އެކަމަކު އެއީ ވަރަށް ގިނަ އިރު، އެތަނުން ފަތާފައި ދެވޭނީ އެހާ އިރުން! ފުރަތަމަ އެހީ ލިބުނީ އޭނާ ފޮނުވި އެމްއެންޑީއެފް މީހުން ފަރާތުން،" އުމުރުން 57 އަހަރުގެ ޝުކޫރު ބުންޏެވެ. "ދެން ފަހަރަކު ކުއްޖަކު، އެންމެ ފުރަތަމަ އާސިމާ ފޮނުވީ ރިންގަކަށް ލާފައި، ފުރަތަމަ އޭނާ ދިޔައީ ބޭރަށް، އަނެއްކާ އޭނާ އަނބުރާ ގެނައީ، ދެން ވާގަނޑެއް ދީ ހިފަހައްޓައިގެން ޑިންގީއަށް ގެންދިޔައީ، އަނެއް ކުއްޖާ ހަމަ އެ ރިންގަށް ލާފައި ސިފައިންގެ ޑިންގީއަށް ފޮނުވީ، ދެން އަޅުގަނޑު ގެންދިޔައީ،"

ޝުކޫރު ލަފާ ކުރާ ގޮތުގައި ޒުވާން ދެ އަންހެން ކުދިން ގޮވައިގެން އޭނާ ކަނޑުމަތީ ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރު ހޭދަކުރެވުނެވެ. އޭނާ އެއްގަމަށް އެރުވިއިރު އެއްކޮށް ހުރީ އަކުނިވަޔަށް ދަމާ ހެއަށް ގޮތްވެފައެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ލޯބިވާ އަނބިމީހާ، އޭނާގެ ލޯ ކުރިމަތީ މަރުވެ ވަކިވެގެން ދިޔަ މަންޒަރާއެކު ހިތް ފަޅައިގެން ގޮސްފައިވާ ޝުކޫރުގެ ހާލަކީ ބަޔާންކޮށް ދެވޭނެ ހާލަތެއް ނޫނެވެ.

ދަތުރަށް ދަނބިދަރި އާއި ކާފަ ދަރިފުޅު ނޭރީ ކިރިޔާ

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޝުކޫރު ކުރަން ފެށި ދަތުރަކީ އޭނާގެ އަންހެނުންގެ އިތުރުން ދަނބިދަރިފުޅާއި ކާފަ ދަރިފުޅު ވެސް ގޮވައިގެން ދާން ތައްޔާރުވި ދަތުރެކެވެ. އޭނާގެ ދަނބިދަރިއަކީ ހަނިމާދޫއަށް އުފަން ކުއްޖެކެވެ.

ޝުކޫރުގެ ދަރިފުޅު ފައިސަލް ކިޔައިދިން ގޮތުގައި އޭނާގެ އަނބިމީހާ އާއި ދަރިފުޅު ފުރަތަމަ ދާން އޮތީ ބައްޕަ އާއި މަންމައާއެކު އެއް ލޯންޗެއްގައެވެ. އެކަމަކު، އެންމެ ފަހު ވަގުތު ލޯންޗުގެ ޖާގަ ފުލްވެގެން އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް އޭގެ އެއް ދުވަސް ކުރިން ހަނިމާދޫއަށް ފޮނުވާލީއެވެ.

"ނަސީބަކުން ކަން ނޭނގެ އެ ދެމައިން އެ ސަލާމަތްވީ،" މަޑުމަޑުން އޮވެފައި ޝުކޫރު ބުނެލިއެވެ.

ފައިސަލަކީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި ވަޒީފާ އަދާ ކުރާ ޒުވާނެކެވެ. ބައްޕަ އާއި މަންމަ ދަތުރުކުރި ލޯންޗު ނައްޓާލުމާއެކު އޭނާ ބައްޕައަށް ގުޅިއެވެ. ލޯންޗުގައި ނައްޓާލި ވާހަކަ ޝުކޫރު ދަރިފުޅު ކައިރީގައި ވެސް ބުންޏެވެ. ލޯންޗަށް ހަނިމާދޫއަށް ދެވޭހާއިރު ކޮށްފައި ފައިސަލް އަނެއްކާ ވެސް ބައްޕައަށް ގުޅިއެވެ. އޭރު ފޯނު އޮތީ ނިވާލާފައެވެ. ފައިސަލް ނިންމީ އެއީ މެންދުރު ނަމާދު ގަޑި ކަމުން ހަނިމާދޫއަށް ގޮސް ބައްޕަ މިސްކިތަށް ދާން ފޯނު ނިއްވާލީ ކަމަށެވެ.

އޭގެ އިރުގަނޑެއް ފަހުން ފައިސަލަށް އައީ އޭނާގެ އަންހެނުންގެ ފޯނު ކޯލެކެވެ. ފްލައިޓްގެ ޗެކިން ފެށިއިރު ވެސް ހަނިމާދޫއަށް ލޯންޗު ނުދާތީއެވެ. އެ ފޯނު ކޯލާއެކު ފައިސަލް ބައްޕައަށް އަނެއްކާވެސް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ލޯންޗު ގެއްލުނު ހަބަރު އައީ އެ ހިސާބުންނެެވެ.

ލޯންޗު ފެނުނީ ބަންޑުން ޖަހާލާފައި އޮއްވާކަން އޭނާއަށް ހަބަރު ލިބުނެވެ. އޭރު އޭނާއާއެކު އެއާޕޯޓްގައި މަސައްކަތް ކުރާ ޝިފާޒުގެ އަންހެނުންނާއި މަންމަ އާއި ބައްޕަ އަދި ދަރިފުޅު، އެ ހާދިސާގައި މަރުވި ކަމުގެ ހަބަރު ވެސް އަތުވެއްޖެއެވެ. ލިބުނު ހިތާމަ އައި ޝޮކުގެ ތެރޭގައި ހަނިމާދޫއަށް ދާން ފައިސަލް ފްލައިޓަށް އެރީއެވެ. އޭރު ވެސް އޭނާގެ މަންމަގެ މަރުވި ހަބަރެއް އޭނާއަށް ނުލިބެއެވެ.

އިއްޔެ ހާދިސާގައި މަންމަ ދުނިޔެއާ ވަކިވުމުން ބައްޕަ ކުރަމުންދާ ހިތާމައާ ހެދި ފައިސަލްގެ މުޅި ދިރިއުޅުން ވަނީ ހުއްޓިފައެވެ. އެންމެ 10 މިނެޓްގެ ދަތުރަކުން އާއިލާއެއްގެ އުފާތައް ކަނޑެއްގެ މެދަށް އޮޔާލީއެވެ. މިއަދު އޮތީ މި އާއިލާގެ ހިތާމާގައި ބައިވެރިވެ ހެޔޮ ދުއާކޮށްދިނުމެވެ. މިކޮޓަރީން ނުކުމެގެން މިދަނީ ދުއާ މަތީއެވެ. މާތްﷲ އެ އާއިލާއަށް ކެތްތެރިކަން ދެެއްވާށިއެވެ. ޝުކޫރުގެ އަންހެނުންގެ ފުރާނައަށް ސުވަރުގޭ ނިއުމަތް މިންވަރު ކުރައްވާށިއެވެ!