ދެ އެކުވެރިންގެ ޑްރީމް ޓްރިޕާއި ފޯނު ކޯލް!

ނޮޅިވަރަންފަރުން: ނާޒިމް ހަސަން
Aug 31, 2019

ފާތުމަތު ގުރައިޝާ އާއި އައިޝަތު އާސިމާގެ ރަހުމަތްތެރިކަމަކީ ނޮޅިވަރަންފަރު ދަންނަ ރަހުމަތްތެރިކަމެކެވެ. ދެ މީހުންނަކީ ވެސް އަވަށްޓެރިންނެވެ. ދެ ގެ ހުންނަނީ ކުރިމައްޗަށްވާ ގޮތަށެވެ. ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކޮށްލައި މަޖާކޮށް އަނގަ ތަޅާ ނުލާ ހަމަ އެއް ދުވަސް ވެސް ނުދާނެ އެވެ. ގުރައިޝާގެ ގޭގެ ބޭރުގައި ހުންނަ ޖޯއްޔަކީ އެމީހުންގެ ރަހުމަތްތެރިިކަމުގެ ވަޒަނެވެ. އާސިމާގެ ވާހައަކީ މިއީ އެވެ: "ގުރައިޝާއަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް އެންމެ އެކުގައި އުޅުނު، އަބަދުވެސް ބެސްޓް ފްރެންޑު!"

ޖޯލި މިއަދު އެހުރީ ހުހަށެވެ. ދެ އެކުވެރިން އިށީނދެ ވަގުތު ހޭދަ ކޮށް ހީނ ސަމާސާކޮށް ސަކަރާތް ޖެހި އެ ޖޯލި ހުރި ސަރަހައްދުވެސް ހިމޭން ވެފައެވެ. އެ ޖޯއްޔާ ހަމައަށް ވެސް ނުކުންނަން ނުކެރި އާސިމާ މިއަދު އެ އިނީ ގޭގެ ސިޓިން ރޫމް ތެރޭގަ އެވެ. ސަމާސާކޮށްލަން ގާތުގައި ގުރައިޝއެއް ނެތެވެ. ހުއްޓިފައިވާ އާސިމާގެ ވަށައިގެން ވަނީ އެކުވެރިޔާގެ ހަނދާންތައް އެކަންޏެވެ. އެހެން އިނދެ އަސްމާ ކުރަނީ ސުވާލުތަކެކެވެ!

"ކޮންމެ ރެއަކު ގުޅާފަ ބޭރު ޖޯލިފައްޗަށް ނުކުންނަން ބުނާ ކޯލް ހަނދާން ނައްތާލާނީ ކިހިނެއް؟ ކޮންމެ ރެއަކު ކޮންމެ ދުވަހަކު ޝެއާ ކުރާ ވާހަކަތައް ހަނދާން ނައްތާލާނީ ކިހިނެއް؟"

މިދިޔަ ބުރާސްފަތި ދުވަހު މި ރަށުން ހަނިމާދޫއަށް ދާން ނައްޓާލި ލޯންޗަށް އެކުވެރި ގުރައިޝާއާ އާސިމާ އެރީ އެމީހުންގެ ރަހުމަތްތެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އެކުގައި ގިނަ ވަގުތު ހޭދަކޮށް މަޖާކޮށްލަން ރާވާފައި އޮތް ދަތުރެއްގައި ދާން ފުރުމަށެވެ. -- ވާހަކަ ދެކެވުނު މަންޒިލް އެ މީހުންނަށް ވަރަށް ސާފެވެ. -- އެކަމަކު، އެ ދުވަހުގެ މޫސަމަށް އައި ބަދަލާއެކު އުޑުމަތި ބައްދާލައި ކަނޑު ކެކި ގަތުމަށް ފަހު ކުއްލިއަކަށް އައި ހާދިސާގައި ދެ އެކުވެރިން އަބަދަށް ވަކިވާންޖެހުނީ އެެވެ. ދެކެވިފައިވާ ހުރިހާ ވާހަކައެއް އަޮޔާ ދިޔައީ އެވެ. އެ މީހުން ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި އާސިމާގެ ލޯ މަތީގައި އެންމެ ގާތް އެކުވެރިޔާ، ގުރައިޝާ އާއި ދަރިފުޅު އީރާގެ ދެމައިންނާއިނާއި އެކުވެރިގެ މަންމަ އާއި ބައްޕަ މަރުވެ ރާޅު ތެރޭގައި އޮޔާ ދުރަށްގެންދިޔައީ އެވެ.

ގުރައިޝާގެ ދެމައިން އާސިމާއާއެކު މާލެ ދާން ދަތުރަށް އެރީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކަށް ދާށެވެ. އެ ދަތުރުގެ ވާހަކަ ދެކެވެމުން ދެކެވެމުން އައިސް މާލެދާން ހަނިމާދޫއަށް ދިއުމަށް ދަތުރު ފެށީ "ޑްރީމް ދަތުރު" ގެ އުންމީދީ ވާހަތަކައް ހިތާ ވަރަށް ކައިރީގައި ބާއްވައިގެނެވެ. އެ ދަތުރަށް ޕްލޭންކޮށް ތައްޔާރުވާތާ އެތައް ދުވަހެކެވެ. ބެންކޮކްގައި ފޮޓޯ ނަގާނެ ސަމާނާއި ދާނެ ތަންތަން ވެސް އޮތ ފައިނަލްކޮށްފަ އެވެ. އެ މަޝްވަރާތައް ދެ އެކުވެރިން ކޮންމެ ރެއަކު ކުރަމުން ދިޔައީ ގޭ ކުރިމަތީ ޖޯލީގަ އެވެ.

"ވަރަށް ކުރިންސުރެ ޕްލޭންކޮށްގެން ދެ މީހުން އެއްކޮށް އީރާ ގޮވައިގެން ދާން ރޭވީ. މީގެ ދެ މަސް ކުރިން ދަތުރުގެ ހުރިހާ ކަމެއް ތައްޔާރުވެއްޖެ، ޓިކެޓް ނަގައި ތިބޭނެ ތަން ވެސް ބުކް ކުރިން، މާލެ ގޮސް މަޑުކޮށްލާފަ ދާން އުޅުނީ، ގޮސް ކުރާނެ ހުރިހާ ކަމެއްގެ ވާހަކަ ވެސް ގުރޭ ދެއްކި، އެ ދަތުރަށް ވަރަށް ގިނަ އެއްޗެއްހި ވެސް ގަތިން،" ގިސްލެވިފައިވާ އާސިމާ ކިޔައިދިނެވެ.

ސިޓިން ރޫމްގެ ތެރެއަށް ހިމޭން ވެފައި އިން އާސިމާ މިއަދު ބޭނުން ވަނީ އޭނާގެ އެކުވެރިޔާގެ ވާހަކަ އެހެން މީހުން ގާތުގައި ގިނައިން ދައްކާށެވެ. ގުރައިޝާހެ ރަނގަޅު ވާހަކަ ހިއްސާ ކުރާށެވެ. "ކިޔާ ކިޔާ ނުއެއްނިމޭނެ ގުރޭގެ ވާހަކަތައް،" އޭނާ ވަރަށް މަޑުމަޑުން ބުނެލި އެވެ.

"ކޮންމެ ތާކަށް ދިޔަސް އަހަރެމެން ދަނީ އެއްކޮށް ކޮންމެ ވާހަކައެއް ވެސް ކިޔައިދޭނެ، އެއް ރަށުގައި އަވަށްޓެރިއެއްގެ ގޮތުގައި އުޅުނަސް އެންމެ ދުވަހެއް ވެސް ނުދާނެ ފޭސްބުކުން ވެސް ގިނަ އިރު ވާހަކަ ނުދައްކާ،" އާސިމާ ބުންޏެވެ. "ކޮންމެ މަހަކު ގްރޭ އީރާއާއެކު ހާއްސަ ފޮޓޯއެއް ވެސް ނަގާނެ، އެ ފޮޓޯ ވެސް ކޮންމެ ފަހަރަކު ވެސް ނަގައިދެނީ އަހަރެން،"

އާސިމާގެ ރޮމުން ރޮމުން ގޮސް އެހެން ދިމާއަކަށް ވާހަކަ ގެންދިއަ އެވެ: "އިޔާ [އީރާ] ބޭބީގެ ލޯބިލޯބި ބައިވަރު ފޮޓޯ އާސިމާ ދައްތަ އަތުގައި އެބަހުރި، އަދި މަންމީގެ ވެސް، ކިހިނެއް އިޔާ ބޭބީގެ މަތިން ހަނދާން ނައްތާލާނީ، ލޯންޗުގަ ވެސް އެންމެ ފަހު ވަގުތުކޮޅާ ޖެހެންދެން ވެސް އިޔާ ބޭބީ އިނީ އާސިމާ ދައްތަގެ އަތުގައި ހިފައިގެން، އެއީ އިޔާ ބޭބީގެ އެންމެ ފަހު ވަގުތުކޮޅަށް ވެދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން!"

ފޯނު ކޯލާއި ރާޅު އެއް ވަގުތެއްގައި، ދެން ހަބަރެއް ނުވި!

އެ ދުވަހު ހެނދުނު ފުރަން ލޯންޗަށް އާސިމާ އާއި އޭނާގެ އެކުވެރިޔާގެ އާއިލާ އަދި އާސިމާގެ ދޮންބޭބެ، އަބްދުއް ޝުކޫރުގެ ދެމަފިރިން ދިޔައީ 11:45 ގައި ޗެކިން ބަންދުވާން އޮތް ފްލައިޓްގައި ފުރާށެވެ. ބަނަ ފިލާފައި އޮތަސް އޭރު ވެސް ރަށަށް މޫސުން ގޯހެވެ. ހަނިމާދޫއަށް މޫސުން ރަނގަޅެއް ނޫނެވެ. ޝެޑިއުލް ފްލައިޓްތައް ވެސް އޮތީ ޑިލޭވެފަ އެވެ. އެކަމަކު ގަޑިއަށް ޗެކިން ފަށާނެކަން އެއާޕޯޓުން ބުނުމުން، އަދި އެ ދަތުރު ކޮންމެ ވެސް ދާން ބޭނުންވެފައި ތިބި ވަރުން ލޯންޗަށް އެރީ އެވެ. އޭރު ގަޑީން 11:30 ހިނގައިފި އެވެ.

"ފުރަން އުޅުނު އިރު ވެސް އޭގެ ކައްޕި ބުނަމުން ދިޔަ މިއީ ދާ ކަހަލަ ދުވަހެއް ވެސް ނޫނޭ، ކީއްކުރަންހޭ ފްލައިޓްތައް ޑިލޭ ވެފަ އޮއްވާ ތި ދަނީ ވެސް... އެހެން ނަމަވެސް އެންމެން ވެސް ދާން ބޭނުންވެފަ ތިބީމަ އެރީ.... އެފަދަ ބޮޑު ކަމެއް ވާނެ ކަމެއް ކާކަށް އެނގެނީ؟ އެއީ އަބަދުވެސް ދަތުރު ކުރަމުން އައި ލޯންޗެއް މީގެ ކުރިން ދުވަހަކު ވެސް ކިތަންމެ ގަދަވިޔަސް އެ ލޯންޗުގެ ކައްޕި ވެސް ނުބުނާނެ ނުދާށެކޭ،" އާސިމާ ބުންޏެވެ. "ލޯންޗަށް އެރީސުރެން ވެސް ވަރަށް ގިނަ މީހުން ގުޅަމުން ދިޔައީ، ފޯނު އޮތީ ވަރަށް ބިޒީވެފައި... އޭރު ގުރޭގެ ފޯނު އޮތީ [ފާޑަކަށް] ހަލާކުވެފަައި ބައެއް ފަހަރަށް ގުޅެނީ، އެހެންވެ، ގްރޭގެ ފިރިމީހާ ވެސް ގުޅަނީ އަހަރެންގެ ފޯނަށް،"

މާލެދާން އެންމެންގެ ޓިކެޓް ނެގީ ގުރޭ ފިރިމީހާ ޝިފާޒެވެ. މޯލްޑިވިއަނުން ގުޅަނީ އޭނާއަށެވެ. ފްލައިޓް ލަސްވި ވާހަކަ ބުނާށެވެ. ފްލައިޓް އެއާޕޯޓް ޖެއްސީމަ އެއާޕޯޓަށް ދިޔައަސް މައްސަލައެއް ނެތް ކަމަށް މޯލްޑިވިއަނުން ޝިފާޒަށް އެންގި އެވެ. އެކަމަކު އެ މައުލޫމާތު ދޭން އާސިމާގެ ފޯނަށް ޝިފާޒު ގުޅި އިރު "ސުޕީޑް" ނައްޓާލައި ދަތުރު ފަށައިފި އެވެ.

ލޯންޗު ދުއްވައިގަތް ތަނާހެން ޝިފާޒު، އާސިމާގެ ފޯނަށް ކުރި ފޯނު ކޯލްގައި ގުރައިޝާއާ ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު ވަރަށް ކުޑަ އިރުކޮޅަކަށެވެ. އެއީ އެ ދެމަފިރިން މެދު އެންމެ ފަހުން ދެކެވުނު ވާހަކަކޮޅު ކަން މުޅީން ޔަގީނެވެ. އޭގެ ފަހުން ވެސް ޝިފާޒު ދެތެރެ ދޭރެއިން ގުޅަމުން ދިޔަ އެވެ. ގަދަވެ، ލޯންޗަށް ދެވުނުތޯ ބެލުމަށެވެ.

"ކަނޑު ހުރަސްކޮށް ހަނިމާދޫ ފަޅު ތެރެއަށް ވަންނަން ލޯންޗު ކުޑަކޮށް އަރިކޮށްލައިގެން އަނބުރާލި ގަޑީގައި އެއް ރާޅު ނެގީ، އެހެން އިންދާ ބެލެންސްކޮށް ނުވެވެނީސް އަނެއްކާވެސް ހަމަ އެ ފަރާތުން ބޮޑު ރާޅެއް ނެގީ، ފަހު ރާޅު ނެގިތަނާހެން ޝިފާޒު ގުޅި، ހަމަ ގުޅި ވަގުތު އެއީ، އެ ކޯލް ނަގަންވެގެން ފޯން ދަބަހުން ވެސް ނެގިން، ފިތާ ވެސް ލިން، އެކަމަކު ނުއެއް ނެގުނު... ހަމަ އެ ވަގުތު ލޯންޗު ބަންޑުން ޖަހާލީ... އެއީ 11:53 " އެ ބިރުވެރި ވަގުތުކޮޅު ސިފަކޮށްދޭން އާސިމާ މަސައްކަތްކުރި އެވެ.

އާސިމާ ބުނި ގޮތުގައި ދެން ވީ ގޮތެއް ނޭނގުނެވެ. ބޮޑު ބިޔަ ރާޅާއެކު އެންމެން ރޮއެގަތީ އެވެ.

"އަހަރެން ވެސް ރުއީ... އެތާކުން ތަނެއް ދޮރެއް ނުވެސް އެނގޭ، ހާސްވެގެން، ވަރަށް ބައިވަރު ލޮނު ވެސް ބޮވުނު، ލޯ ވެސް ބޮޑުވި... އެހެން އުޅެނިކޮށް ނަރުތަކެއް ފެނުނީ، އެއާ ދިމާލަށް ދެން ދިޔައީ، ގޮސް ތެޅިގަތީ، އޭރު އެއްވެސް ވަރަކަށް ނޭވާއެއް ނުލެވޭ، ތެޅިގަނެގެން ކޮންމެ ވެސް ގޮތަކަށް މައްޗަށް އެރުނީ،" އާސިމަށް އެއީ އެންމެ ބިރުވެރި ވަގުތެވެ. "އެ ގަޑީ އެ ތަނުގަ އެކި ގޮތްގޮތަށް އުޅުނުއިރު ވެސް އެކި މީހުންގެ އަތާއި ފަޔަގަޔާ އެއްކޮށް ހިފާ، އެކަމަކު ނޭނގޭ އެހެނެއް ކާކު ކަމެއް، ވަރަށް ހާސްވެފައި އޮތީ،"

އާސިމާ، މައްޗަށް އެރި ތަނާހެން ލޯންޗުގެ ކައްޕި ވެސް މައްޗަށް އެރި އެވެ. އޭރު މަތީގައި ތިބީ އާސިމާގެ އިތުރުން ކައްޕި އާއި ފަޅުވެރިޔާ އެވެ. އެތަނުން އެކަކު އާސިމާ ލޯންޗުގެ އިންޖީނު މައްޗަށް އަރުވައި އެ ތަނުން ދޫނުކޮށް އިނުމަށް އެންގި އެވެ. ރޮއެ ގިސްލަމުން އޭނާ އެގޮތުގައި އިނީ އެވެ.

އޭގެ އިރުކޮޅެއް ފަހުން އާސިމާގެ ދޮންބޭބެ، ޝުކޫރު މައްޗަށް އެރި އެވެ. ޝުކޫރު ވެސް ލޯންޗުގައި ހިފަހައްޓައިގެން އޮތީ އެވެ. ހަމަ ދިމާލުން ދެން ލޯންޗުގައި އިން ޓީޗަރު، ޝެހެނާޒް ވެސް މައްޗަށް އެރި އެވެ. އާސިމާއާ އެއްގޮތަށް ޝެހެނާޒު ވެސް އިންޖީނު މަތީގައި ހިފަހައްޓައިގެން އިނީ އެވެ. ތިން މީހުން ހިފަހައްޓައިގެން ތިބުމަށް އެންގުމަށްފަހު ކައްޕި އާއި ފަޅުވެރިޔާ އެހެން މީހުން ހޯދަން އަޑިއަށް ފީނައިގަތް ކަމަށް އާސިމާ ބުނެ އެވެ.

"ވަރަށް ގިނައިރު އުޅުނު އެގޮތަށް، ދެން އިރުކޮޅަކުން އެރީ ގްރޭގެ ބައްޕަ ހުސެއިން ސޯ... އެކަމަކު އޭރު މަރެއް ނުވޭ، ވަރަށް ބައިވަރު ލޮނު ބޮވިފަ އޮތީ ... ހުސެއިން ސޯ ފެނުމާއެކު ކައްޕި އައިސް ބުނި ހިފަހައްޓާށޭ، ހުސެއިން ސޯ އަހަރެން ކައިރިއަށް ގެންނަން އުޅެނިކޮށް ސޯގެ ވައިފް މަރުވެގެން ބަންޑުން މައްޗަށް އެރީ، ހަމަ އަހަރެންގެ ކުރިމައްޗަށް އެރީ، އެތަން ފެނިފަ ހުސެއިން ސޯ ބޭނުންވީ އަޑިއަށް ދާން، ދަރިފުޅާއި ކާފަ ދަރިފުޅު ހޯދަން،"

"ދެން ނޭނގޭ އަޑިން ގްރޭމެން ފެނިގެން، ތިބި ގޮތް ފެނިފައި ކަމެއް ދެން ސޯ މައްޗަށް އެރިއިރު ހަމަ އެއްވެސް ހަބަރެއް ނެތް، އެކަމަކު އޭރު ވެސް ފުރާނަ ހުރި. ދެން ސޯ ގެނައީ އަހަރެން ކައިރިއަށް، ހުސެއިން ސޯގެ އަތުގައި ހިފައިގެން އަހަރެންނާއި ޝުކޫރު ދޮންބެއާ ތިބީ، ހަމަ ދެ އަތުގަ ހިފަހައްޓައިގެން، އެހެން ކުރިމަތީ އޮވެ މަރުވެގެން ދިޔައީ ވެސް،" އާސިމާ އަޑު ކެނޑިގެން ދިޔަ އެވެ.

"ދެން ވެސް ސޯ ވަރަށް ގިނައިރު އަހަރެން ކައިރީގައި ބޭއްވީން، އެކަމަކު ވަރުބަލިވެ ނުހިފެހެއްޓިގެން ވަލެއްގަ އައްސާފަ ދޫކޮށްލީ، ދޫކޮށްލިއިރު ވެސް އެހެން މީހުން ނުފެނޭ، އިރުކޮޅެއް ފަހުން ދޮންބެގެ ވައިފްގެ ހަށިގަނޑު މައްޗަށް އެރީ، އޭނާ ވެސް ހަމަ ބަންޑުން ކުރިމަތީގައި އޮތީ، އަހަރެންގެ ކުރިމަތީގައި އެންމެން ވެސް މަރުވެފައި ތިބީ،"

އެހިސާބުން ފަޅުވެރިޔާ ފަތާފައި ހަނިމާދޫއަށް ދާން އާސިމާ ގާތު އެހި އެވެ. އާސިމާ އާއި ޝުކޫރު އެކަން އެގޮތަށް ކުރުމަށް ބުނުމުން އޭނާ ފަތައިގަތީ އެވެ. އޭނާ ފަތާފައި ހަނިމާދޫއަށް އެރުން ވެސް އެއީ ކުރު ދަތުރަކަށް ނުވާނެ އެވެ. އޭރު ވެސް އާސިމާގެ އެކުވެރިޔާ ގުރެއިޝާ އާއި އީރާ ފެންނާކަށް ނެތެވެ.

"ދެން ހަމަ އެތާ ތިބީ، އެހާއިރު އެތަނުގަ ތިބިއިރު ވެސް ހަމަ އެއްވެސް މީހަކު ނުފެނޭ، ވަރަށް ގިނައިރު ތިބިން، އެހާ ބޯކޮށް ވާރޭ ވެހޭ، އެހާ ބޮޑެތި ރާޅު ޖަހާ،"

އޭނާ ބުނާ ގޮތުން ސިފައިން އައީ އޭގެ އިރުގަނޑެއް ފަހުންނެވެ. އެމީހުން އާސިމާމެން ހަނިމާދޫއަށް ގެންދިޔަ އެވެ. އޭރު ވެސް އޭނާގެ އެކުވެރިޔާގެ ހަބަރެއް ނުވެ އެވެ. ފެންނާކަށް ވެސް ނެތެވެ. ވީތަނެއް ވެސް ނޭނގެ އެވެ. އެކަމަކު ދެން ގުރައިޝާ ދިރި ހުއްޓާ ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް އޭރު ނެތެވެ. އެހާ ހިސާބުން ގުރައިޝާއަށް އަލްވަދާއު ކީ އެވެ.

ގުރައިޝާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ލޯންޗު އޮޔާދަމުން ގޮސް ހަނިމާދޫއަށް ލައްވި ފަހުން އެ ލޯންޗުގެ ތެރެއިންނެވެ.

"އަބަދުވެސް ގުރޭ ބުނާ ވާހަކައެއް، މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އާސި... މެރީ ކުރާ ދުވަހޭ، އެ ދުވަހަކުން ކޮންމެ ތާކުހުރި ނަމަވެސް އާސި ކައިރީގަ ހުންނާނެމޭ، އެ ދުވަސް ނައިސް އުޅެނިކޮށް އާސި އެކަނި ކޮށްލާފަ އެ ދިޔައީ،" އާސިމާ ބުންޏެވެ. "މި ދަތުރު ހިތުން ފިލައިގެން ދާނީ ކިހިނެއް؟ ގަޑީން 1:30 ވަންދެން އެ ބިޔަ ރާޅުތަކުގެ ތެރޭ ލޯ މަތީ އެ ހުރިހާ ފުރާނައެއް އޮޔާދާ ތަން ބަލަން އިނދެވުނީ! މިއީ މީހަކަށް އިހްސާސް ވެސް ކޮށް ނުލެވޭހާ ކަމެއް،"!