ހަބަރު

ރައީސް ޔާމީން ސީސީއަށް މަރުހަބާ ވިދާޅުވެއްޖެ

Apr 5, 2018
2

މިސްރުގެ ރައީސްކަމުގެ ދެ ވަނަ ދައުރެއް ރައީސް އަބްދުލް ފައްތާހު ސީސީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އަބުދުﷲ ޔާމީން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ޔާމީން ފޮނުއްވި މެސެޖްގައި ވިދާޅުވީ، ސީސީ ރައީސްކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމުން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސީސީއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މިސްރުގެ ރައީސަށް ލިބިވަޑައިގަތް ކާމިޔާބީއަކީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ޒައާމަތަށް މިސްރުގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރާއި ޔަގީންކަން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއާއި މިސްރާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އުއްމީދުކުރައްވާ ކަމަށާއި ސީސީގެ ރައީސްކަމުގެ އާ ދައުރުގައި ދެގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، މިސްރުގެ ރައްޔިތުންންނަށް އިތުރު ކުރިއެރުމާއި ތަރައްގީއާއެކު އުފާ ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

މިސްރުގެ ރިޔާސީ އިންތިހާބާ މެދު ބޭރުގެ އެކި ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުން އެވެ. ސީސީ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓްގައި ބައިވެރިވި ރައްޔިތުންގެ 97 ޕަސެންޓް ތާއީދާ އެކު އެވެ. ސީސީ އިންތިހާބުގައި ވާދަކުރެއްވީ އޭނާއާ ދެކޮޅު ކެންޑިޑޭޓުންގެ ނަން ނެންގެވުމަށް ފަހު އެވެ.