ދުނިޔެ

ރަނިލްއާ ދެކޮޅަށް ވޯޓުދިން މިނިސްޓަރުން ވަކިކުރަން ހުށަހަޅައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން ފެންނަ ކަމަށް ވޯޓުދިން މެމްބަރުންގެ ތެރެއިން މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުން ވަކިކުރައް ހުށަހަޅައިފިއެވެ.

ރަނިލް އިސްކޮށް ހުންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ މެމްބަރުން ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ މެމްބަރުންގެ ތެރެއިން މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުން ވަކިކުރުމަށެވެ. އެސްއެލްއެޕީއަކީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިސްކޮށް ހުންނަވާ ޕާޓީއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ރަނިލް އާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރެއިން މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ހުށަހެޅުއްވީ ޔޫއެންޕީއަށް ނިސްބަތްވާ 33 މެމްބަރަކު ސޮއިކުރައްވާފައިވާ ޕެޓިޝަނެއްގެ ޒަރިއްޔާއިން ކަމަށެވެ. ރަނިލްއާ ދެކޮޅަށް ވޯޓުލީ މެމްބަެރުން ކުރިންވެސް ބުނަމުން އައީ މިނިސްޓަރުކަން ގެއްލޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ރަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި އޭނާއާ އެއްކޮޅަށް 122 ވޯޓު ލިބުނު އިރު ދެކޮޅަށް ލިބުނީ 76 ވޯޓެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވީ 26 މެމްބަރެކެވެ. އެސްއެލްއެފްޕީގެ ބައެއް މެމްބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވީ އެގޮތަށް ވޯޓުުނުލާން ޕާޓީން ނިންމާފައި ވަނިކޮށެވެ.