ހަބަރު

އަންނަ ރިޔާސީ އިންތިހާބާ މެދު ދުންޔާ ސުވާލު އުފައްދަވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތުގައި ބޭއްވޭނީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ވިދާޅުވެ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދައިފި އެވެ.

"ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމްއަކީ ހަރުދަނާ ކުރަން ޖެހިފައި އޮތް ކަމެއް ކަން އެތެރެއިން ވެސް އަދި ބޭރުގެ ގިނަ ފަރާތްތައް ވެސް ގަބޫލު ކުރައްވާ ކަމަށާއި މިހާރު ފެނިގެން މިދާ މަންޒަރުތަކާ ހެދި ފުލުހުންނާއި އެހެން މުއައްސަސާތަކަށް ވެސް ދިވެހިން ކުރަމުން އަންނަ އިތުބާރު ކުޑަވަމުންދާ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު ސިޔާސީ ގިނަ ލީޑަރުންތަކެއް ހުރީ ޖަލުގައި ހައްޔަރުކޮށްފައިވާ ކަމަށާއި ކުރިޔަށް ފެންނަމުން ދަނީ ވެސް ސިޔާސީ މަސްރަހު އިތުރަށް ގޯސްވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކަށް ހައްލެއް ނުހޯދާ އިންތިހަބެއް ބާއްވައިފި ނަމަ އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ގަބޫލު ކުރެވޭނެތޯ ސުވާލު އުފައްދަމުން ދުންޔާ ވިދާޅުވީ އަދިވެސް މަޝްވަރާއިން ހައްލު ހޯދޭހާ ވަގުތު އެބައޮތް ކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގައުމުގެ އެ މައްސަލަތައް އިސް ކުރައްވާ މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދިއްޖެ ނަމަ އަދިވެސް އުންމީދު އެބައޮތް ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ވެސް ކުރާ އެއްވެސް ކަމެއް ރަނގަޅެއް ނުވޭ، އެ ފަރާތުން ވެސް އެބަޖެހޭ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ވެސް ބަލައިގަންނަން،" ދުންޔާ ވިދާޅުވި އެވެ. "ސަރުކާރުގެ ތެރޭގައި ކޮރޮޕްޝަނާއި ބައެއް މުއައްސަސާތަކުގެ މިނިވަކަމާ މެދު ސުވާލު އުފެދޭ ނަމަ އެކަންކަން ސަރުކާރުން ވެސް ގަބޫލު ކުރަން ޖެހޭ، އެކަންކަން ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ، ކިތަންމެ ދުވަސްތައް ކުޑަތަންވެފައިވީ ނަމަވެސް އަދިވެސް ހައްލު ކުރެވޭނެ،"

ދުންޔާ ވިދާޅުވީ މަޝްވަރާގެ އެންމެ ބޮޑު ހުރަހަކަށް އިހުލާސްތެރިކަމާއި އިތުބާރުވެފައި އޮތް އިރު ސަރުކާރުން ވެސް އެފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މުޖުތަމައުއަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ބަންދުކޮށްފައިވާ ރައީސް މައުމޫންގެ ޝަރީއަތް ކުރިޔަށް ގެންދިޔަ ނަަމަވެސް އެންމެ ކުޑަމިނުން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި އެކަމަކީ މަޝްވަރާއަށް އިތުބާރު ބިނާ ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތުހުމަތުތައް ހުރިކަމުގައިވީ ނަމަވެސް ރައީސް މައުމޫންއަކީ މުޖުތަމައުއަށް ނުރައްކަލެއް ހުރި ބޭފުޅެއް ނޫން، ގޭގައި ބޭތިއްބުމަކީ މި މުއައްސަސާތަކަށް ކޮންސިޑާ ކުރެއްވޭނެ ކަމެއް، އަބަދު މި ކިޔަނީ ވާހަކައެއް ނެދެއްކޭނެއެ، މާހައުލެއް ނެތޭ، މިހާރުން މިހާރަށް ރައީސް މައުމޫން ގެއަށް ގެނައުމަކީ ވެސް ރަނގަޅު މާހައުލެއް ނުވަތަ އިތުރު ޓްރަސްޓް އެއް ބިލްޑު ކުރަން ހަމަ ވަރަށް މުހިންމު ފިޔަވަޅެއް،" ދުންޔާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ އިތުރުން ބަންދުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ޔުމްނާގެ ފިރިކަލުން ނަދީމް އާއި އެހެން ސިޔާސީ ލީޑަރުންވެސް ދޫކޮށްލަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. ރައްޔިތުންނަށް ބިރަކާ ނުލާ އުޅެވޭ އަދި އަމާން މާހައުލެއް ގާއިމް ވާނީ ވެސް އެ ފިޔަވަޅުތައް އަޅައިގެން ކަމަށް ދުންޔާ ފާހަގަ ކުރެއްވި އެވެ.

"މިކަހަލަ ކަންކަން ފެނުމުން އަޅުގަނޑަަށް ވެސް ކެތް ކުރަން ދަތި ނަމަވެސް އިރާދަކުރެއްވި ގޮތަކަށް ކަންކަން ދާނީ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް އަދި މިކަމުން އަޅުގަނޑުމެންގެ އައިލީ ގުޅުންތަކަށް ވެސް އިތުރު ބަދަހިވަމުން ދާނީ،"