އޭޑިކޭ ހޮސްޕިޓަލް

ދުވަސްވީ މީހުނަށް ފަރުވާ ދޭން އޭޑީކޭގެ ހިދުމަތް ގެއަށް

ހޮސްޕިޓަލްތަކަށް ގޮސް ސިއްހީ ހިދުމަތް ހޯދަން އުނދަގޫ ހާލަތްތަކުގައިވާ އުމުރުން ދުވަސްވީ މީހުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތައް ހެދުން ފަދަ ގިނަ ހިދުމަތްތަައް ގޭގައި ހުރެގެން ހޯދޭނެ އިންތިޒާމެއް އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެވެ.

"އޭޑީކޭ އެޓް ހޯމް" ގެ ނަމުގައި މިއަދު ތައާރަފްކުރި ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އާއްމުކޮށް ބައެއް ހޮސްޕިޓަލުތަކުން ކުރިއަށް ގެންދާ ގޭގެއަށް ޑޮކްޓަރަކު ފޮނުވައި ދިނުން ފަދަ ހިދުމަތްތާއި "އޭޑީކޭ އެޓް ހޯމް" ހިދުމަތާ ތަފާތުވާނެ ކަމަށެވެ.

"މި ހިދުމަތުގައި އެންމެ ބޮޑު ތަފާތެއް ކަމަށް މި ބެލެވޭ ގޮތަކީ އޭޑީކޭ އެޓް ހޯމްގެ ޕެކޭޖަކަށް އެންރޯލް ކުރެއްވުމަަށް ފަހު އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނީ ، އެޕެކޭޖްގައި ހުންނެވިހާ ދުވަހަކު އެބޭފުޅަކީ ހޮސްޕިޓަލަށް އެޑްމިޓްކޮށްފައިވާ ބޭފުޅެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޑީކޭ އެޓް ހޯމްގައި ތިން ޕެކޭޖެއް ހިމެނޭ ކަމަށާއި އެ ޕެކޭޖްތަކަކީ ބަލި މީހާގެ ހާލަތަށް ބިނާކޮށް ކަނޑައަޅާ ޕެކޭޖްތަކެއް ކަމަށެވެ. އެ ތިން ޕެކޭޖަކީ ގްރީން، ޔެލޯ އަދި ރެޑް ޕެކޭޖެވެ.

މީގެ ތެރެއިން ގްރީން އަކީ ހިދުމަތް އެންމެ މަދުން ބޭނުންވާ މީހުންނަށް ހާއްސަ ޕެކޭޖެވެ. އަދި ރެޑް މިއީ އެންމެ ގިނައިން ހިދުމަތް ބޭނުންވާ މީހުންގެ ޕެކޭޖެވެ.

އަގުތައް

ގްރީން:
ބައިވެރިވިވުމަށް: 4500ރުފިޔާ ، މަހުފީ: 900ރުފިޔާ

ޔެލޯ
ބައިވެރިވުމަށް: 4000 ރުފިޔާ ، މަހުފީ: 1200 ރުފިޔާ

ރެޑް
ބައިވެރިވުމަށް: 3500 ރުފިޔާ، މަހުފީ: 1500 ރުފިޔާ

އައްފާލް ވިދާޅުވީ ބަލި މީހުން ބައިވެރިވާނެ ޕެކޭޖްތައް ކަނޑައަަޅާނީ ވަރަށް ފުރިހަމަ މެޑިކަލް ޗެކަޕެއް ހެދުމަށް ފަހުގައި ކަމަށެވެ.

ގޭގެއަށް ގޮސް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވެވަަޑައިގަންނަވާނީ އެކަމުގެ ތަމްރީނު ލިބިފައިވާ ފެމިލީ މެޑިސިން ސްޕެޝަލިސްޓަކާއި ނަރުހުން ނެވެ. އެހެން ނަމަވެސް ބަލި މީހަކަށް ސްޕެޝަލިސްޓެއްގެ ލަފާ ބޭނުންވާ ހާލަތްތަކުގައި އޭޑީކޭގެ އެހެން ސްޕެޝަލިސްޓުންގެ އިރުޝާދު ވެސް ލިބޭނެ އެވެ.

އޭނާ ވިދާޅުވީ ގޭގެ ސިޓިންރޫމާ ހަމަަށް ހޮސްޕިޓަލުގެ ހިދުމަތް ގެންދިއުމުން އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑު ފަސޭހަކައަށް ވެގެންދާނެ ކަމަށެވެ.

އޭޑީކޭ އެޓް ހޯމްގެ ހިދުމަތް އިންޝުއަރެންސް ހިދުމަތްތަކުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށް އިންޝުއަރެންސް ކުންފިނިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ހެލްތު އިންޝުއަރެންސް ކުންފުނި އާސަންދައާ ވެސް ވާހަކަ ދަައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާސަންދައާ ވެސް ވާހަކަ ދައްކައިފިން. އާސަންދައިގެ އިންޓަރެސްޓެއް ވެސް މިކަމުގައި އޮންނާނެ ކަމަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވިއެވެ.