ވިޔަފާރި

ޖެހިޖެހިގެން ދެވަނަ އަހަރު ބީއެމްއެލްގެ ސާފު ފައިދާ އެއް ބިލިއަން ރުފިޔާއަށް

Apr 12, 2018
10
  • ހިއްސާދާރުންނަށް 118 މިލިއަން ރުފިޔާ ބަހާނެ
  • ޓެކްސްގެ ގޮތުގައި 378 މިލިއަން ރުފިޔާ ދައްކާފައިވޭ
  • 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވޭ

ޓެކްސްއަށް ކެނޑުމަށް ފަހު ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން އާންމުކުރި މިދިޔަ އަހަރު، 2017 ވަނަ އަހަރުގެ ބޭންކްގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ. އޭގެ ކުރިން، 2016 ވަނަ އަހަރު ވެސް، ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.023 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބޭންކުގެ މާލީ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު 1.416 ބިލިއަން ރުފިޔާގެ ސާފު ފައިދާ އަކީ އެއް މިންގަނޑަކުން އަޅާބަލާއިރު 2016 ވަނަ އަހަރު އެ ބޭންކަށް ލިބުނު ފައިދާއާ އަޅާބަލާއިރު، 20 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

މި ފައިދާއާ އެކު ބޭންކުން ބުނީ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިއީ ވެސް 10 ޕަސެންޓްގެ އިތުރުވުމެކެވެ. ބޭންކުން ވަނީ މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި މީރާއަށް 378 މިލިއަން ރުފިޔާ ވެސް ދައްކައިފަ އެވެ.

މިދިޔަ އަހަރު ބޭންކްގެ ހަރަދުތައް އިތުރުވެ މާޖިން ދަށްވި ނަމަވެސް، މިދިޔަ އަހަރު ވެސް ބޭންކަށް ރަނގަޅު ފައިދާއެއް ހޯދުނީ ދޫކުރެވުނު ލޯނުގެ މިންވަރާއި ވިޔަފާރިކުރެވުނު މިންވަރު ރަނގަޅުވުމުގެ ސަބަބުން އެވެ. ބީއެމްއެލް އިން ބުނީ އުފެއްދުންތެރި ނޫން ލޯންގެ ނިސްބަތް، 4.1 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިދިޔަ އަހަރު ފެށުނު އިރު އެ އަދަދު ހުރީ ހަތް ޕަސެންޓްގަ އެވެ. އަދި މީގެ ތިން އަހަރުކުރިން އެ އަދަދު ހުރީ 20 ޕަސެންޓްގަ އެވެ.

މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު އިތުބާރެއްލިބިފަ. މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުންކުރަމުންދާ އިންވެސްޓްމަންޓް.
ބީއެމްއެލްގެ ސީއީއޯ، އެންޑްރޫ ހީލީ

ބޭންކްގެ މިދިޔަ އަހަރުގެ ކާމިޔާބީއާ ގުޅޭ ގޮތުން، އެ ބޭންކުން ނެރުނު ބަޔާނުގައި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭހީލީ ވިދާޅުވީ، ބޭންކުގެ މާލީ ހާލަތު ހަރުދަނާވުމަކީ ދިވެހި މުޖުތަމައަށް އޭގެ ނުހަނު ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ ފައިދާއަށް އިތުރު އިންވެސްޓްމަންޓްމަންޓްތަކެއް ކުރިއަށް ގެންދިޔުމަށް ބީއެމްއެލްއަށް މަގުތައް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކުގެ ހަރުދަނާ މާލީ ނަތީޖާތަކާއެކު އަމިއްލަ ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަނީ މަގުފަހިވެފައި. އެހެންކަމުން ބޭންކުން މިވަނީ ދިވެހި މުޖުތަމުއުތަކަށް ކުރަމުންދާ އިންވެސްޓްމަންޓް ދެ ގުނަ އިތުރުކުރެވިފައި. އަދި މިއަހަރުތެރޭވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ފެނިގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.

ބޭންކުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މުޅިން އަލަށް މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވަނީ 4.4 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ބީއެމްއެލްގައި މީހުން ފައިސާ ޑިޕޮސިޓްކުރި އަދަދު ވެސް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އެހެން ބޭންކަތަކާ އަޅާބަލާއިރު ޑިޕޮސިޓް އިތުރުވާ މިންވަރަށް ވުރެ މަތީ ނިސްބަތެކެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވެސް ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

އެންޑްރޫ ވިދާޅުވީ، ޖައްސަޖައްސައިގެން ގިނަ އަހަރުތަކެއް ވަންދެން ބީއެމްއެލްއިން ރަނގަޅު ފައިދާއެއް ހޯދަމުން ދިޔުމަކީ ބޭންކްގެ ކަސްޓަމަރުންނާއި އާންމު ރައްޔިތުން ބޭންކާ މެދު ކުރާ އިތުބާރު ބޮޑު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ބޭންކްގެ ފައިދާ ރަނގަޅު ގޮތުގައި އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބިފައިވާކަން ވެސް އެންޑްރޫ ފާހަގަ ކުރެއްވި އެވެ. ކަސްޓަމަރުންނާއި ދިވެހިން ފަހުރުވެރިވާނެ ފަދަ ބޭންކަކަށް ހެދުމުގައި ބޭންކްގެ އެންމެހާ މުވައްޒަފުން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު އިތުބާރެއްލިބިފަ. މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުންކުރަމުންދާ އިންވެސްޓްމަންޓް. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން،" އެންޑްރޫ ވިދާޅުވި އެވެ. "ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން."