ވިޔަފާރި

ފައިދާގެ 30 ޕަސެންޓް މުޖުތަމައަށް އިންވެސްޓްކުރަން: ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 30 ޕަސެންޓް މުޖުތަމައަށް ފައިދާ ހުރި އެކި އެކި ކަންކަމަށް އިންވެސްޓްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އެ ބޭންކުން މިއަދު އާންމުކުރި 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި އެ ބޭންކަށް ލިބުނު ފައިދާގެ ތިންބައިކުޅަ އެއްބައި ހަރަދުކޮށްފައި ވަނީ މުޖުތަމައަށް އެކި ގޮތްގޮތުން ފައިދާ ހުރި ކަންކަމަށް އިންވެސްޓް ކުރުމަށެވެ. މިދިޔަ އަހަރު އެކަނި ވެސް ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިން ބްރާންޗް ހުޅުވައި ހިދުމަތް ފަށައިފަ އެވެ. އަދި ސެލްފްސާވިސް ބޭންކިންގެ 14 ސެންޓަރެއް މުޅިން އަލަށް އެކި ސަރަހައްދުތަކުގައި ވެސް ހުޅުވާފައިވެ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ބީއެމްއެލްގެ ހިދުމަތްތައް ވަނީ ފުޅާކޮށްފަ އެވެ. އެއާ އެކު މުޅި ރާއްޖޭގައި 34 ބްރާންޗް، 34 ސެލްފް ސާވިސް ސެންޓަރު 95 އޭޓީއެމް އަދި 5،000 ކޭޝް ކާޑް މެޝިން މެދުވެރިކޮށް ބޭންކުގެ ހިދުމަތް ވަނީ މުޅި ރާއްޖެއަށް ފަތުރާލައިފަ އެވެ.

ބީއެމްއެލް އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން، 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 50 ޕްރޮޖެކްޓެއް ހިންގާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ޕްރޮޖެކްޓްތައް ހިންގާފައިވާ ދާއިރާތަކަކީ، ތައުލީމާއި ކުޅިވަރު އަދި ތިމާވެށީގެ ދާއިރާ އަދި ހިލޭ ސާބަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން ހިނގުމަށް އުނދަގޫވާ ފަރާތްތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ދިނުމާއި ސްކޫލްތަކުގެ ކޮމްޕިއުޓާ ލެބްތައް ގާއިމްކޮށް އަޕްގްރޭޑް ކުރުމަށް އެހީވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެންސާ އެވެއަނެންސް ޕްރޮގްރާމްތައް ވަނީ ހިންގައިފަ އެވެ.

މީގެ ގިނަ ޕްރޮގްރާމްތައް ހިންގުމުގައި ބޭންކުން މުވައްޒަފުން އިސްދައުރެއް އަދާކޮށް އަމަލީ ގޮތުން މަސައްކަތްކޮށްފައިވާކަން ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ވަނީ 1.038 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ކުރީ އަހަރު ވެސް ބޭންކްގެ ފައިދާ ވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭހީލީ ވިދާޅުވީ، ބޭންކުން މަސައްކަތް ކުރަނީ މުޖުތަމައަށް ފައިދާ ހުރި އިންވެސްޓްމަންޓްތައް އިތުރުކޮށް އޭގެ ތެރެއިން ކަސްޓަމަރުންނަށް ލުއިތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ސެލްފް ސާވިސް ބޭންކިންގެ ވަސީލަތްތައް ބޭނުންކޮށް ލުއިތައް ހޯދައިދިނުމަކީ ބޭންކުން އިސްކަމެއް ދޭކަމެއް ކަމަށް އެންޑްރޫ ފާހަގަ ކުރެއްވި އެވެ. މީގެ ނަތީޖާ ރަނގަޅު ގޮތުގައި ފެންނަމުންދާކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"ސެލްފް ސަރވިސް ވަސީލަތަތްތައް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން. ހަމަ މިއާއެކު މުވައްޒަފުންނާ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކުރެވިފައިވާ ތަންތަނަށް ބޭންކުގެ ބްރާންޗްތައް މިހާރު މިދަނީ ބަދަލު ކުރެވެމުން،" އެންޑްރޫ ވިދާޅުވި އެވެ. "ދާދި ފަހުން މިނިވަން ފަރާތަކުން ބޭންކުގެ ކަސްޓަމަރުން ބޭނުންކޮށްގެން ހިންގި ދިރާސާތައް ދައްކާގޮތުން ބީއެމްއެލްގެ 'ކަސްޓަމަރ ސެޓިސްފެކްޝަން' ލެވެލްވަނީ މި ރީޖަން އާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި،"