ހަބަރު

ސިޔާދުގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު

Apr 12, 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފި އެވެ.

ސިޔާދުގެ ޝަރީއަތް ތައާވަލް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 އަށެވެ. އެދުވަހުން ބާއްވަނި ސިޔާދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި ސިޔާދާ ގުޅޭ ގޮތުން ބުނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ސިޔާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ވަނީ ފަށާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތް މިއަދު ފަށާފައިވާއިރު އެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ.