ހަބަރު

ޝޯތަކަށް އޮލިމްޕަސް ދޫކުރާ އަގު 50 ޕަސަންޓު ހެޔޮކޮށްފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ދާދި ފަހުން ހަވާލު ކުރި އޮލިމްޕަހުން ދިވެހި ފިލުމާއި މިއުޒިކް ޝޯ ބޭއްވުމަށް އެތަން ކުއްޔަށް ދޫ ކުރާ އަގު ދެބައިކުޅަ އެއްބައި ހެޔޮކޮށްފި އެވެ.

ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޝޯތަކާއި ފިލުމު އެޅުވުމަށް މިހާރު އޮލިމްޕަސް ދޫކުރަނީ ކޮންމެ ޝޯއަކަށް 4000ރ. އަށް ކަމަށާއި ނަމަވެސް އަންނަ ހަފްތާއިން ފެށިގެން އެތަން ދޫކުރަނީ 50 ޕަސަންޓު އަގު ހެޔޮކޮށް 2000ރ. އަށް ކަމަށެވެ.

އޮލިމްޕަހުގެ އެތެރެ މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ޒަމާނީ ފެންވަރުގައި ފިލުމު ދެއްކުމަށް ބޭނުން ކުރާ ޕްރޮޖެކްޓަރު ހަލާކުވެފައި ހުރުމުން، އާ ތަކެއްޗާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޒުވާނުންނަށް ހާއްސަ ވަސީލަތްތައް ތަނަވަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޮލިމްޕަސް ތަރައްގީ ކުރުމަށް ފަހު ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ސިނަމާއެއްގެ ގޮތުގައި އޮލިމްޕަހުގެ ހިދުމަތް ދިނުމަށް އުންމީދު ކުރާ ކަމަށާއި ދިވެހިންގެ މެދުގައި މަގުބޫލު އެކި ސަގާފަތްތަކައި ބަސްބަހުގެ ފިލްމްތަކާއި ކުޑަކުދިންނަށް ހާއްސަ ފިލުމު ވެސް ގަވައިދުން ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.