ހަބަރު

އީސީގެ ވާހަކައިން އިންތިހާބު ނޯންނާނެކަން އެނގޭ: އިދިކޮޅު

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ދައްކަވާ ވާހަކަތަކުން އެނގެނީ އެ އިންތިހާބު ބާއްވަން ގަސްތު ނުކުރާ ކަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އިދިކޮޅު ޖަލްސާގައި ވާހަކަދައްކަވަމުން ވިލިގިނލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ ރިޔާސީ އިންތިހާބެއް ބާއްވާނަމަ ރައީސް ޔާމީން ބަލި ވާނެކަން އެނގޭތީ އެމަނިކުފާނު ކުރިމައްޗެއް ނުލައްވާނެ ކަމަށާއި ބޭއްވިޔަސް ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ. އެހެންވެ "އިންތިހާބެއް ބޭއްވޭނެ މާހައުލެއް އެބައޮތޭ" އެ ވިދާޅުވަނީ އިންތިހާބެއް ނުބާއްވާނެ ފަދަ މާހައުލެއް މި ރާއްޖެއަށް އަންނަން އުޅޭ ވާހަކަ ކަމަށް ސައުދު ވިދާޅުވި އެވެ.

"ރައީސް ޔާމީންއަށް [އިންތިހާބު] ކާމިޔާބު ނުވާނެކަން އީސީއަށް ޔަގީންވާ ހާލަތަކީ ޔާމީން ނުލާނެ ހާލަތަކީ ރިޔާސީ އިންތިހާބު ނުބާއްވާނެ ހާލަތެއް، އެ ހާލަތުގައި ގައުމު އޮންނާނީ ކޮން ގޮތަކަށް ކަން، ކިހާ ބިރުވެރި މާހައުލެއްގައި ކަން އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ، ހަމަ ޔަގީނުން ވެސް ވެރިކަމަށްޓަކައި އަދި ވެރިކަމުގައި ގަދަ ބާރުން ހުރުމަށްޓަކައި ރައްޔިތުން ވެސް ގުރުބާން ކޮށްފާނެ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އަމަލުތައް ހުރި ގޮތުންނާއި އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުންނަށް ހެއްދެވި ގޮތުން މިހާރު ވެސް އިންތިހާބަށް ކުރިމަތިލައިފި ނަމަ އެމަނިކުފާނަށް 25 ޕަސަންޓު ވެސް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް ވޯޓު ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދެއްކެވި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިންތިހާބަށް ތައްޔާރު ކުރާ މެނިފެސްޓޯ އާއި ރައީސް ޔާމީން ހަދަމުންދާ މެނިފެސްޓޯގެ ތަފާތު އެމަނިކުފާނު މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ވެސް ފެންނާނެ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ގޮތުންް އީސީ އިން ދައްކާ ވާހަކަތަކުން މި އަހަރު އެ އިންތިހާބެއް ނޯންނާނެ ކަން އެނގޭ ކަމަށާއި އެއީ ރައީސް ޔާމީން ވެރިކަމުގައި ދެމެހެއްޓުމަށް އެބޭފުޅުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން އެބޭފުޅުންނަށް ކަނޑައެޅިގެން އެބަ އެނގޭ، އެހެންވެ އެ ބޭފުޅުން އުޅެނީ އިންތިހާބު ނުބާއްވަން، އެ ނޫނީ އިލެކްޝަން ކޮމިޝަން އިން ދައްކަން ޖެހޭ ވާހަކައެއް ނޫން އެއީ އިންތިހާބު ބާއްވާނެ މާހައުލުގެ ވާހަކަ، އިންތިހާބު ބާއްވާ ގަޑި ޖެހުނީމަ އެކަން ކުރީމަ އިލެކްޝަންގެ ޒިންމާ ނިމުނީ،" ފަލާހު ވިދާޅުވި އެވެ.

އިދިކޮޅުން މިހެން ބުނި ނަމަވެސް އީސީ އިން ބުނީ ޝެޑިއުލްކޮށްފައިވާ ތާރީހަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ހުރަސް އެޅުމުގެ ފުރުސަތެއް ސިޔާސީ ޕާޓީތަކަށާއި ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ވެސް ނުދޭނެ ކަމަށެވެ. އެގޮތުން ސިޔާސީ ނުފޫޒެއް ވެސް ނުވަތަ ސިޔާސީ ޕާޓީއަކުން ދައްކާ ވާހަކައަކުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ގޮވާލުމެއް ގޮވާލުމެއްގެ ސަބަބުން އިންތިހާބު ބޭއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބު ބާއްވާނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިންތިހާބު އިއުލާންކޮށް، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.