ހަބަރު

ބްރިޖް މަގު ހެދުމަށް ބޭރުމަގުގެ ބައެއްގައި ޕާކު ކުރުން މަނާކޮށްފި

މާލެއިން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާތީ ބޮޑުތަކުރުފާނު މަގު އިރުމަތީ ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި އުޅަނދުފަހަރު ޕާކު ކުރުން މަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ މާލޭ ބޮޑުތަކުރުފާނު މަގުގެ މޭރީ ބުރައުންއާއި ހިސާބުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާއި ދެމެދު ޕާކުކުރުމަކީ މަނާކަމެއްކަމުގައި އާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތް ނިމެންދެއް ޕާކު ކުރުން މަނާ ކުރި އިރު އެ މިނިސްޓްރީން ކުރިން ބުނެފައި ވަނީ ބްރިޖު ހަދާ ނިމުމުގެ ކުރިން މަގު ހެދުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ. އެގޮތުން ބޭރު މަގު ފުޅާ ކުރުމުގެ ގޮތުން ބޮޑު ބައެއް ވަނީ ތަޅާލައި އެ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާލައިފަ އެވެ. އޭގެ ތެރޭގައި އާޓިފިޝަލް ބީޗުގެ ސްޓޭޖުވެސް ވަނީ ރޫޅާލައިފަ އެވެ.

ބްރިޖަށް ދާ މަގު ހެދުމަށް ހައުސިން އިން ނިންމާފައި ވަނީ އެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އިތުރުން ގިނަ އަދަދަށް ގަސް އިންދުމަށެވެ.