ހަބަރު

އަލީ ހަމީދާއި ގުޅުން ހުރި ކަޅު ދަބަހުން ފެނުނު ފައިސާގެ އަދަދު އޮޅިއްޖެ

ފަނޑިޔާރު އަލީ ހަމީދާއި ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ފުލުހުންގެ ސްޕޯކްސް ޕާސަން އަހުމަދު ޝިފާން ވިދާޅުވީ، ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ ފަނޑިޔާރު އަލީ ހަމީދައި ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާއަށް ވާ ޕައުންޑާއި ޑޮލަރާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ފުލުހުން އާންމުކުރި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215000 އެމެރިކާ ޑޮލަރާއި 150000 ދިވެހި ރުފިޔާ (ގާތްގަނޑަކަށް ދިވެހި ފައިސާއިން 3.46 މިލިއަން ރުފިޔާ) ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން "އަވަސް" އަށް ޝިފާން ވިދާޅުވީ، އެދުވަހު 38 މިލިއަން ރުފިޔާ ބުނެވުނީ އޮޅުމަކުން ކަމަށާއި ރަނގަޅު އަދަދަކީ 3.4 މިލިއަން ރުފިޔާ ކަމަށެވެ. އެ ދުވަހު ވަނީ އެ ގެއިން ފެނުނު ދަބަހާއި ފައިސާތައް ވެސް ޕްރެންޒެންޓޭޝަނަކުން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެދުވަހު ޕްރެޒެންޓޭޝަން ދެއްކިއިރު އެ ޕްރެޒެންޓޭޝަންގައި ވެސް އިންނާނީ 3.4 މިލިއަން ރުފިޔާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

"އެދުވަހު 38 މިލިއަން ރުފިޔާއޭ ބުނެވުނީ އޮޅުމަކުން، އަސްލު އަދަދަކީ 3.4 މިލިއަން ރުފިޔާ، އެދުވަހު ދެއްކި ޕްރެޒެންޓޭޝަންގައިވެސް އިންނާނީ އަލީ ހަމީދާއި ގުޅުންހުރި ގެއަކުން ފެނިފައިވަނީ 3.4 މިލިއަން ރުފިޔާކަން، އަދި ފަހުން އިނގިރޭސި ބަހުން އާންމު ކުރި ކިޔުންތަކުގައިވެސް އިންނާނީ 3.4 މިލިއަން ރުފިޔާ ކަމަށް،" ޝިފާން ވިދާޅުވި އެވެ.

އަލީ ހަމީދަށް ނިސްބަތްވާ ގެއަކުން ކަޅު ދަބަހެއްގެ ތެރެއިން 3.4 މިލިއަން ރުފިޔާއަށްވާ ޕައުންޑާއި ޑޮލަރާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެފައިސާ ފެނިފައިވަނީ ކޮން ގެއަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަލީ ހަމީދު ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބި، އެކަން ޔަގީން ކުރެވިފައިވާ ކަމަށާއި އޭނާގެ އާއިލާއަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިޔަ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އެހީއެއް ލޯނެއްގެ ގޮތުގައި ދީފައިވާކަން ކަށަވަރު ކުރެވުނު އިރު އޭގެ ތެރޭގައި ވެސް ތަފާތު އެތައް ކަމެއް ހިނގާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަލީ ހަމީދު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ. ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމާ ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.