ހަބަރު

މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވައި ގިނަ ދުވަސްތަކެއްވުމަށްފަހު އަންނަ ހަފުތާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ޕީޕީއެމްގެ އިސް މަޖިލިސް މެންބަރަކު ވިދާޅުވެއްޖެ އެވެ.

އަންނަ ހަފުތާ ޖަލްސާއެއް އޮންނާނެކަން އެ މެންބަރު "އަވަސް"އަށް ކަށަވަރުކޮށް ދެއްވި ނަމަވެސް އެ ޖަލްސާގެ އެޖެންޑާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާއެއް ނުކުރައްވަ އެވެ. އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހަވީރު އެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ބޭއްވި ޖަލްސާއެކެވެ.

ޖަލްސާތައް ހުއްޓިފައިވާތީ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިނުވާއިރު މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޗުއްޓީ ނޫން ދުވަސްތަކުގައި ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ އަންގާރަ އަދި ބުދަ ދުވަހު ޖަލްސާ ބާއްވާން ޖެހެ އެވެ.

މީގެކުރިން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތީ ކުރާނެ މަސައްކަތެއް ނެތިގެން ނޫން ކަމަށާއި ގިނަ ބިލުތަކެއްގެ މަސައްކަތް މަޖިލީހުގައި ކުރަން އެބަ ހުރި ކަމަށެވެ. ނަމަވެސް އެ މަސައްކަތްތަކަކީ އިދިކޮޅު މެންބަރުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ކުރެވޭނެ މަސައްކަތްތަކަކަށް ހަދަން ބޭނުންވާ ކަމަށެވެ.

މި ދައުރުގެ ޖަލްސާތައް އިދިކޮޅު މެންބަަރުން ގެންދަވަނީ ބޮއިކޮޓްކުރަމުންނެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ދަނީ ގާނޫނުތަކާއި ގަވައިދުތަކާ މުޅިން ހިލާފަށެވެ.